ހއ. އިހަވަންދޫގެ އައިސްޕުލާންޓް ތެރޭގައި ޖޫން 16، 2018 ގައި، ޅ. ހިންނަވަރު/ އަތިރީގެ، އިސްމާއިލް އުމަރު (އިއްސެ) މަރާލި ކަމަށް އެއްބަސްވީ، އޭނާ ހައްޔަރުކޮށް ބިރުދައްކައި އަނިޔާ ކުރުމުން ކަމަށް އެ މައްސަލައިގައި ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްތުގައި މީހަކު މަރާލިކަމުގެ ދައުވާ އުފުލާފައިވާ ބަންގުލަދޭޝްގެ ސުމޮން މިއާ ބުނެފި އެވެ.
އެ މައްސަލައިގައި މީގެ ކުރިން ސުމޮން މިއާ ވަނީ އިއްސެ މަރާލި ކަމަށް އެއްބަސްވެ، ކަން ހިނގާދިޔަ ގޮތް ތަފުސީލުކޮށް ޝަރީއަތުގެ މަޖިލީހުގައި ކިޔައިދީފަ އެވެ.
ނަމަވެސް މިއަދު އޮތް އަޑުއެހުމުގައި އޭނާ ވަނީ އެ ކުށަށް އިންކާރުކޮށްފަ އެވެ. ބަންގުލަދޭޝް ބަސް ދިވެހި ބަހަށް ތަރުޖަމާކުރާ ފަރާތެއްގެ އެހީގައި، ސުމޮން ވަނީ ކުށަށް އިންކާރުކުރާ ސަބަބު ވެސް ކިޔައިދީފަ އެވެ.
އެގޮތުން ކުޅުދުއްފުށިން އޭނާ ހައްޔަރުކޮށް ތިން ދުވަސް މަތިން ގަދަޔަށް ތަޅައި، އަނިޔާކޮށް އިއްސެ މަރާލި ކަމަށް އެއްބަސްވުމަށް ފުލުހުން ބުނި ކަމަށް އަދި ޝަރީއަތުގެ އަޑުއެހުމުގައި އެއްބަސް ނުވެއްޖެނަމަ މަރާލާނެ ކަމަށް ވެސް ފުލުހުން ބުނި ކަމަށް ސުމޮން މިއާ ބުންޏެވެ.
އަދި ބަންގުލަދޭޝްގައި ދިރިއުޅޭ އޭނާގެ އައިލާ މީހުންނަށް ވެސް ހަމަލާދީ ގެއްލުން ދޭނެ ކަމަށް ފުލުހުން ބުނި ކަމަށް ސުމޮން މިއާ ކިޔައިދިނެވެ. އެ މީހުންނަށް ހަމަލާ ދޭނީ އޭނާއާއެކު ދެން ހައްޔަރުކުރި އެހެން މީހުން މެދުވެރިކޮށް ކަމަށް ސުމޮން މިއާ ބުންޏެވެ.
އެކަމާ ގުޅޭ ގޮތުން ދައުލަތުގެ ފަރާތުން ޕީޖީގެ ވަކީލު ވިދާޅުވީ، ހާދިސާ ހިނގައި ދިޔަ ގޮތް ސުމޮން މިއާ ތަފުސީލުކޮށް ފުލުހުންނަށް ކިޔައިދިނުމުގެ އިތުރަށް ހަމަ އެގޮތަށް ޝަރީއަތުގެ މަޖިލީހުގައި ވެސް ކިޔައިދީފައިވާ ކަމަށެވެ. އަދި އޭރު އެއްވެސް މަޖުބޫރު ކަމެއް ނެތް ކަމަށް ޝަރީއަތުގައި ވެސް ބުނެފައިވާ ކަމަށް ވަކީލު ފާހަގަކުރެއްވި އެވެ.
އެގޮތުން ހުލާސާ ބަޔާން އިއްވެވުމަށް ހަމަޖެހިފައިވާ މަޖިލީހުގައި، ކުށަށް އިންކާރުކޮށް ފުލުހުންނަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާތީ ދައުލަތުން ވަނީ އެ މައްސަލަ ތަހުގީގުކުރި ފަރާތްތައް ކޯޓަށް ހާޒިރު ކުރުމަށް ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ. މިއަދުގެ އަޑުއެހުން ނިންމާލީ ދެން އޮންނަ އަޑުއެހުމަކަށް އެ ފަރާތްތައް ހާޒިރުކުރާނެ ކަމަށް ޝަރީއަތުން އިއުލާނު ކުރުމަށް ފަހުގަ އެވެ.
ސުމޮން މީގެ ކުރިން ބުނީ، އިއްސެ މަރާލުމަށް އޭނާ އައިސް ޕްލާންޓަށް ދިޔައީ 12 ވަރަކަށް ފޫޓު ހުންނަވަރުގެ ވާގަނޑެއް ހިފައިގެން ކަމަށާއި ފުރަތަމަ ވިސްނައިގެން ހުރީ ވާގަނޑު ބޭނުން ކޮށްގެން އިއްސެ މަރާލުމަށް ކަމަށެވެ. ނަމަވެސް އިއްސެ އޭރު ނިދާފައި އޮތުމުން ވާގަނޑުން އެކަނި މަރާނުލެވިދާނެ ކަމަށް ހީވުމުން އެ ކޮޓަރި ތެރޭގައި ހުރި ކަބަޑުން ފޫޓެއް ހުންނަ ވަރުގެ ވަޅިއެއް ނެގުމަށްފަހު އިއްސެ ކައިރިއަށް ދިޔަ ކަމަށް އޭނާ ބުނެފައިވެ އެވެ.
ސުމޮން ބުނީ، އެންމެ ފުރަތަމަ ކަރަށް ވާގަނޑު ލެއްވުމަށް މަސައްކަތް ކުރަނިކޮށް އިއްސެ ހޭލައި އޭނާއަށް ހަމަލާ ދިން ކަމަށެވެ. އަދި އެއަށްފަހު ވަޅިން އިއްސެއަށް ހަމަލާދިނުމުން އޭނާ އަތުން އިއްސެ ވަޅި އަތުލި ކަމަށާއި ނަމަވެސް އިއްސެ އަތުން އަލުން ވަޅި އަތުލައި ދެވަނަ ފަހަރަށް ވަޅި ޖެހީ ކަރަށް ކަމަށް ސުމޮން މިއާ ކިޔައިދިނެވެ.
ސުމޮން މިއާ ބުނީ، އޭރުވެސް އިއްސެ އޮތީ އެނދު މަތީގައި ކަމަށާއި ނަމަވެސް އިއްސެ އެނދުން ވައްޓާލައި ތިންވަނަ ފަހަރަށް ކަރަށް ވަޅި ހެރި ކަމަށެވެ. އަދި އިއްސެއަށް ހަމަލާދީ މަރާލުމަށްފަހު، ވަޅި އާއި ވާގަނޑު އޭނާ ކައިރީގައި ބޭއްވުމަށް ފަހު ދޮރުތައް ތަޅުލައި، ރަށުން ފައިބައިގެން ދިޔައީ ކަމަށް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު