ހަނގުރާމަތައް ހިނގާ ސަރަހައްދުތަކަގައި ހަމަލާ ބަދަލުކުރުން މެދުކަނޑާލައި ވެކްސިން ފޯރުކޮށްދިނުމަށް ޔޫއެންގެ ސެކިއުރިޓީ ކައުންސިލުން ފާސްކުރި ނިންމުމަށް ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު މަރުހަބާ ވިދާޅުވެއްޖެ އެވެ.

އެކަން ހާމަކުރައްވައި އަބްދުﷲ ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ވެކްސިން ފޯރުކޮށްދިނުމުގެ ގޮތުން ހަނގުރާމަ ހިނގާ ސަރަހައްދުތަކުގައި ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އދ. ސަލާމަތީ މަޖިލިސް އިން ފާސްކުރި ގަރާރަށް ވަރަށް ބޮޑަށް ތާއިދު ކުރައްވާ ކަމަށެވެ. އަދި އެއީ ހުރިހާ އެންމެނަށް ވެކްސިން ފޯރުކޮށްދިނުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ވެސް މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ.

ޑަބްލިއުއެޗްއޯގެ ކޯވެކްސްގެ ދަށުން ދުނިޔޭގެ އެކި ގައުމުތަކަށް ދެ ބިލިއަނަށް ވުރެ ގިނަ ޑޯޒް ގެ ވެކްސިން މިއަހަރު ތެރޭ ފޮނުވުމަށް ވަނީ ނިންމާފައެވެ. އަދި އެ ޕްރޮގްރާމުގެ ދަށުން ވެކްސިން ދިނުމުގައި އިސްކަން ދިނުމަށް ހަމަޖެހިފައިވަނީ ފަގީރު ގައުމުތަކަށެވެ. އެގޮތުން ކޯވެކްސްގެ ވެކްސިން ފުރަތަމަ ޝިޕްމަންޓު އެންމެ ފުރަތަމަ ލިބުނު ގައުމަކަށް ގާނާ ވަނީ ވެފަ އެވެ.

ދުނިޔޭގެ ކުރިއަރާފައިވާ މުއްސަނދި ގައުމުތަކުން ވަނީ ކޮވިޑާ ދެކޮޅަށް އުފައްދާފައިވާ ވެކްސިން ތަކުގެ ގިނަ ޑޯޒްތަކެއް ގަނެ އެގައުމުތަކުގެ ރައްޔިތުންނަށް ދޭން ފަށާފައެވެ.