އެލްކޭޖީން ފެށިގެން ގުރޭޑް 8ގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިރޭ ނެރުނު އިއުލާނެއްގައި ބުނީ މިދުވަސްވަރު މާލެ ސަރަހައްދުގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެމުން ދިއުމާއެކު، މިހާރު އަޅާފައި ހުރި ފިޔަވަޅުތަކުން ބަލި ފެތުރޭ މިންވަރަށް ބަދަލު އަންނަމުން ނުދާކަން ފާހަގަކުރެވޭ ކަމަށެވެ.
އެގޮތުން މިވަގުތު ބަލި ފެތުރެމުންދާ މިންވަރާއި ހާލަތަށް ބަލައި، ބަލި ފެތުރުމުގެ ރިސްކު އަވަހަށް ކުޑަކުރުމުގެ ގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އެދުގެ މަތިން އަޅާ ފިޔަވަޅެއްގެ ގޮތުން ކުރިއަށް އޮތް ދެ ހަފުތާއަށް މާލޭ ސަރަހައްދުގެ ސްކޫލުތަކުގެ އެލްކޭޖީން ފެށިގެން ގުރޭޑް 8ގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
ކޮވިޑު ކޭސްތައް އިތުރުވުމާ ގުޅިގެން މިމަހުގެ 12 އިން ފެށިގެން މާލެ ސަރަހައްދުގެ ގުރޭޑް 1 އިން 6ގެ ދަރިވަރުން ސްކޫލަށް ހާޒިރުނުކޮށް، ކިޔަވައި ދެމުން އަންނަނީ އޮންލައިންކޮށެވެ.
ކޮވިޑުގެ ސަބަބުން މާލޭގެ ސްކޫލުތައް ބަންދުކޮށްފައި ހުންނަތާ އަހަރެއްހާ ދުވަސް ފަހުން އަލުން ސްކޫލުތައް ހުޅުވައި ކިޔެވުން ފަށާފައިވަނީ މިދިޔަ މަހުގެ 10 ވަނަ ދުވަހު އެވެ. ނަމަވެސް ކޮވިޑުގެ ކޭސްތައް އިތުރުވާން ފެށުމުން ބެލެނިވެރިންނާއި އާންމުން ވަނީ ސްކޫލުތައް ބަންދު ކުރުމަށް ގޮވާލަމުންނެވެ.
ކޮވިޑުގެ އަދަދުތައް އިތުރުވާން ފެށުމާއެކު އެޗްޕީއޭ އިން ވަނީ ފިޔަވަޅުތައް ވަރުގަދަ ކުރަން ފަށައިފައެވެ. އެގޮތުން ކާފިއު ހިންގުމާއި ރަށްރަށަށްދާ މީހުން ކަރަންޓީނުވުމުގެ އުސޫލު އަދި ރާއްޖެއިން ބޭރުން އަންނަ މީހުން ކަރަންޓީނުވުމުގެ އުސޫލަށް ބަދަލު ގެނައުމުގެ އިތުރުން ހަފުލާތަކާއި ޕާޓީތައް ބޭއްވުން ވަނީ މަނާކޮށްފައެވެ.
އޭގެ އިތުރުން ހަވީރު 6:00 އިން ހެނދުނު 6:00 އަށް އެއްގަމު އުޅަނދު ފަހަރު ދުއްވުމާއި އެއްފަހަރާ 10 މީހުންނަށްވުރެ ގިނަ މީހުން އެއްވެ އުޅުން ވަނީ މަނާކޮށްފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު