ގދ. މަޑަވެލި ބޮއެ ކައިރީގައި މަސްވެރިކަން ކުރަން އުޅުނު ދޯންޏެއްގައި އަލިފާން ރޯވެ ބައެއް މީހުންނަށް އަނިޔާވެއްޖެ އެވެ.

މަސްވެރިންގެ ހަބަރުތައް ގެނެސްދޭ "މަސްވެރިން" ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި އަލިފާން ރޯވެފައިވަނީ ގއ. ދެއްވަދޫ "ކުރިމަގު" ދޯނީގަ އެވެ. އަލިފާނުގެ މިހާދިސާގައި ބަޔަކަށް އަނިޔާވި ކަމަށް މައުލޫމާތު ލިބެ އެވެ.

ސޯޝިއަލް މީޑިއާގައި ދައުރުވަމުން އަންނަ ފޮޓޯތަކުން ފެންނަ ގޮތުގައި ދޯނީގެ ބޮޑުބައެއްގައި ވަނީ ރޯވެފަ އެވެ.

ވަން އަށް އެނގިފައިވާ ގޮތުގައި ދޯނީގައި ރޯވެފައިވަނީ ޕެޓްރޯލް ޕަންޕަށް ޕެޓްރޯލް އަޅަން އުޅުމުގެ ތެރޭގަ އެވެ.

މިހާދިސާ ހިނގި ސަރަހައްދުގައި ހުރި މީހަކު މިއަދު "ވަން" އަށް ބުނީ ދޯނީގައި ވަރަށް ބޮޑަށް އަލިފާން ހިފި ފަހުން ކައިރީގައި ތިބި މަސްވެރިންތަކަކަށް އެ މަންޒަރު ފެނިގެން ވަގުތުން އެހީތެރިކަން ފޯރުކޮށްދިން ކަމަށެވެ. އަދި އެ ވަގުތު ދޯނީގައި ތިބި މަސްވެރިންތަކަކަށް އަނިޔާވި ކަމަށާއި އެކަމުގެ މާބޮޑު ތަފްސީލެއް އަދި ނޭނގޭ ކަމަށެވެ.

މިހާރު އަލިފާން ނިއްވާލާފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.

މިހާދިސާއާ ގުޅިގެން އެމްއެންޑީއެފްގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.