ކުޑަކުއްޖެއް ގޮވައިގެން ގެސްޓުހައުސްއެއްގެ ކޮޓަރިއެއްގެ ތެރޭގައި އުޅުނު މައްސަލައިގައި، ޖަލުގައި ބަންދު ކޮށްފައިހުރި، ހުސެއިން ސާލިހު ސައީދު (ސްޕަނައިޓް/ކ. ތުލުސްދޫ) ގޭބަންދަށް ބަދަލުކުރި އަމުރު ހައިކޯޓުން ބާތިލުކޮށްފި އެވެ.

މި މައްސަލައިގައި 2019 ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުގެރޭ ކ.ތުލުސްދޫ ބުރުނުހިޔާ ގެސްޓުހައުސްގެ ކޮޓަރިއެއްގެ ތެރޭގައި ހުސެއިން ސާލިހު ކުޑަ އަންހެންކުއްޖެއް ގޮވައިގެން އުޅުނުކަމަށް ތުހުމަތުކުރެވޭ މައްސަލއެއްގައި އެދުވަހު އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ދޫކޮށްލި މައްސަލައެކެވެ.

ނަމަވެސް އެ މައްސަލައާ ގުޅިގެން ފަހުން އޭނާ ހައްޔަރު ކުރުމުގެ އަމުރެއް ތުލުސްދޫ މެޖިސްޓްރޭޓް ކޯޓުން ނެރުމުން ޑިސެމްބަރު 16 ވަނަ ދުވަހު ފުލުހުން އޭނާ ހައްޔަރު ކުރިއެވެ. އަދި އޭނާ ބަންދުގައި ބެހެއްޓުމަށް އެ ކޯޓުން ނިންމިއެވެ. އޭގެ ފަހުން އޭނާ ބަންދުގައި ބެހެއްޓުމުގެ މުއްދަތު އިތުރުކޮށްދިނުމަށް ފުލުުހުން އެދުމާ ގުޅިގެން ކ.ހުރާ މެޖިސްޓްރޭޓް ކޯޓުން ވެސް އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރިއެވެ.

އޭނާގެ މައްޗަށް ތުހުމަތު ކުރެވިފައިވާ މައްސަލައިގައި، ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވަފާނެތީ އާއި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޝަރީއަތް ނިމެންދެން ރިމާޑް ޖަލުގައި ބަންދުކޮށްފައި ބެހެއްޓުމަށް މާލެއަތޮޅު ދިއްފުށީ މެޖިސްޓްރޭޓް ކޯޓުން ވެސް ފަހުން އަމުރުކުރިއެވެ.

އެ އަމުރު މުރާޖައާ ކުރުމުގެ ގޮތުން މިމަހު ހަތްވަނަ ދުވަހު ބޭއްވި އަޑު އެހުމުގައި އެ މައްސަލައިގައި އަނިޔާ ލިބިފައިވާ ކުއްޖާ ތުލުސްދޫގައި ނޫޅޭތީ، ސާލިހުގެ ފަރާތުން މުޖުތަމައަށް ނުރައްކަލެއް ނެތްކަަމަށާއި ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތެއްވެސް ނެތްކަަމަށް ބުނެ، އޭނާ ދޫކޮށްލުމަށް އެދުނެވެ. ނަމަވެސް އޭނާ ބަންދު ކުރުމަށް ކޮށްފައިވާ އަމުރަށް ބަދަލު ގެންނަން ޖެހޭ ތަނެއް ނެތް ކަމަށާއި ބަންދަށް ލުޔެއް ދެވެންވެސް ނެތްކަމަށް ހުކުމް ކުރިއެވެ.

މި މައްސަލައާ ބެހޭގޮތުން ތުލުސްދޫ މެޖިސްޓްރޭޓް ކޯޓުގައި މިމަހު ވަނީ އަޑުއެހުމެއް ބާއްވައިފައެވެ.

އެ އަޑުއެހުމުގައި، ކުޑަކުދިންނަށް ޖިންސީގޯނާ ކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަށް އަމަލު ކުރުމުގެ ގާނޫނަށް ރިއާޔަތްކޮށް، ސާލިހު ބަންދުގައި ދެމެހެއްޓުމަށް އަމުރުކުރިއިރު އޮތް ހާލަތު ބަދަލުވެފައިވާ ކަމަށް ބެލެވޭތީ އޭނާ ރިމާންޑް ޖަލެއްގައި، އިތުރަށް ބަންދުކޮށްފައި ބެހެއްޓުމުގެ ބޭނުމެއް އޮތްކަމަށް ނުފެންނާތީ ދިއްފުށީ މެޖިސްޓްރޭޓްކޯޓުން ކުރި އަމުރު ބާތިލުކޮށް ސާލިހު ގޭބަންދަށް ބަދަލު ކުރުމަށް ކަރެކްޝަނަލް ސާވިސްގެ މައްޗަށް ތުލުސްދޫ މެޖިސްޓްރޭޓް ކޯޓުން އަމުރު ކުރިއެވެ.

ނަމަވެސް ތުލުސްދޫ ކޯޓުން އެ އަމުރު ނެރެފައި ވަނީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފަށް ކަމަށް ބުނެ އެ އަމުރު އިސްތިއުނާފު ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް ގެ ފަރާތުން ހައިކޯޓަށް ހުށަހެޅިއެވެ.

އެ މައްސަލަ ބަލައި ހައިކޯޓުން ކޮށްފައިވާ ހުކުމްގައި ވަނީ ސާލިހުގެ މައްޗަށް ތުހުމަތު ކުރެވިފައިވާ މައްސަލައިގައި ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒު ފޯރުވައިފާނެތީ އާއި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޝަރީއަތް ނިމެންދެން ރިމާންޑް ޖަލެއްގައި އޭނާ ބަންދުކޮށްފައި ބެހެއްޓުމަށް އަމުރު ކުރައްވައި މާލެ އަތޮޅު ދިއްފުށީ މެޖިސްޓްރޭޓް ކޯޓުން ނެރެފައިވާ އަމުރު އޭގެ ސައްހަކަންމަތީގައި ދެމި އޮތްކަމަށް ހުކުމް ކުރާ ކަމަށެވެ. އަދި ސާލިހު ގޭ ބަންދުގައި ބެހެއްޓުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މައްޗަށް އަމުރު ކުރައްވައި، މާލެ އަތޮޅު ތުލުސްދޫ މެޖިސްތްރޭޓް ކޯޓުން ނެރެފައިވާ އަމުރު ބާތިލުކުރާ ކަމަށްވެސް ހައިކޯޓުން ވަނީ ބުނެފައެވެ.