މުޅި ދުނިޔޭގައި ބަލިމަޑުކަމެއް ފެތުރަމުން އަންނައިރު މުޒާހަރާ ކުރުން މަނަލީ ހަމައެކަނި ރާއްޖޭގައި ކަމަށް އިދިކޮޅުން ބުނެފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ ހިލާފަށް އެއްވެސް ހަރަކާތެއް ހިންގުމަށް ސަރުކާރުން ޖާގަ ނުދޭނެ ކަމަށް ފުލުހުންނާއި ހޯމް މިނިސްޓްރީން އިއްޔެ ވަނީ ބުނެފަ އެވެ. އެއާއެކު އިދިކޮޅުން އިއްޔެގެ މުޒާހަރާ ފެށުމުގެ ކުރިންނާއި އޭގެ ފަހުން ވެސް ވަނީ ގިނަ ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
އެކަމާއި ގުޅިގެން އިދިކޮޅު ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ، ރައްޔިތުން މަގުމައްޗަށް ނިކުންނަނީ އިހްސާސްތައް ބަންޑުންވާ ހިސާބަށް ދިއުމުން ކެތް ނުކުރެވިގެން ކަމަށެވެ.
"މިގައުމުގައި އެކަންޏޭ މުޒާހަރާ ނުކުރެވެނީ. މިގައުމުގައި އެކަނި އަޑު ނޫފުލެނީ. މި ގައުމުގައި އެކަނި ރައްޔިތުންގެ ހައްގުތައް ނިގުޅައިގަތީމަ މަގުމައްޗަށް ނުނިކުމުވެނީ. ދެން ދުނިޔޭގެ ހުރިހާ ޑިމޮކްރެޓިކް ގައުމުތަކެއްގައި މުޒާހަރާ ކުރެވޭ. ތިބޭފުޅުން ބައްލަވާ މި ޕެންޑަމިކް ތެރޭގައި ޔޫރަޕްގެ ބޮޑެތި ގައުމުތަކުގައި ހިނގަމުންދާ ބޮޑެތި މުޒާހަރާތައް ބައްލަވާލައްވާ،" ޝުޖާއު ވިދާޅުވި އެވެ.
މި ހާލަތުގެ ފައިދާ ސަރުކާރުން ނަހަމަ ގޮތުގައި ނަގައި އަނިޔާވެރިވަމުންދާ ކަމަށް ތުހުމަތު ކުރައްވައި ޝުޖާއު ވިދާޅުވީ، ހިޔާލު ފާޅު ކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަން ދޭން ޖެހޭނެ ކަމަށް ވަކާލާތު ކުރި ބަޔަކަށް ބާރު ލިބުމުން އެކަން ބަލަން ކެތް ނުވާ ކަމަށެވެ.
"އަޅުގަނޑުމެން ބޭނުމެއް ނޫން އަމަން އަމާންކަމާއި ސުލްހަ މަސަލަސް ކަން ނަގާލާކަށް. އަޅުގަނޑުމެން ބޭނުންމެއް ނޫން ސަލާމަތީ ބާރުތަކާ ކުރިމަތިލާކަށް،" ޝުޖާއު ވިދާޅުވި އެވެ.
ރިވެތިކަމާ އެކު ކަންކަން ހައްލު ކުރުމަށް ސަރުކާރުގެ އިދާރާތަކާއި ވެރިންނަށް އެތައް ސިޓީއެއް ފޮނުވާފައިވާނެ ކަން ފާހަގަކުރައްވައި ޝުޖާއު ވިދާޅުވީ، ސަރުކާރުގެ ފަރާތުން އެއްބާރުލުން ނުލިބޭ ކަމަށެވެ. އަދި ރައްޔިތުންގެ ހައްގުތައް ފޭރިގަތުމުން ދެން އެ ރައްޔިތުން ބަލަން ނުތިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު