ސިއްހީ މާހިރުންގެ އިރުޝާދުގެ ދަށުން އެޗްޕީއޭ އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ ޚިލާފަށް އެއްވެސް ހަރަކާތެއް ހިންގުމަށް ސަރުކާރުން ޖާގަ ނުދޭނެ ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.
ހޯމް މިނިސްޓްރީން އެހެން ބުނެފައިވަނީ، އިދިކޮޅު ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަންގެ ފަރާތުން މިއަދު ކުރިއަށް ގެންދަން ނިންމާފައިވާ މުޒާހަރާތަކާ ގުޅިގެން ނެރުނު ބަޔާނެއްގަ އެވެ.
އެ މިނިސްޓްރީން ބުނީ، މިނިވަންކަމާއެކު ހިޔާލުފާޅުކުރުމުގެ ހައްގާއި އެއްވެއުޅުމުގެ މިނިވަންކަމުގެ ހައްގަކީ ދިވެހި ރައްޔިތުންނަށް ފުރިހަމައަށް ލިބިގެންވާ އަދި ސަރުކާރުން އެކަން ކަށަވަރުކޮށްދޭ ހައްގުތަކެއް ކަމަށެވެ. އަދި ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގައި ބަޔާންކުރެވިގެންވާ މިނިވަންކަމަކީ އެއާއެކު ޒިންމާތަކާއި މަސްއޫލިއްޔަތުތަކެއްވާ އަދި ހުދޫދުތަކެއް ވެސް ކަނޑައެޅިގެންވާ ކަންކަން ކަމަށް ބުންޏެވެ.
ހޯމް މިނިސްޓްރީން ބުނީ، މުޖުތަމައުގެ ދުޅަހެޔޮކަމަށްޓަކައި މަސައްކަތް ކުރުމަކީ ކޮންމެ ރައްޔިތެއްގެ މަސްއޫލިއްޔަތެއް ކަމުގައި ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ ހިނދު، މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19ގެ ވަބާގެ އަސަރު ރާއްޖެއަށްކޮށް، ދިވެހި ލޮބުވެތި ރައްޔިތުންގެ ތެރެއިން 60 މީހުން އެބަލީގައި ނިޔާވެގޮސް، އެތައް ބަޔަކު ޕޮޒިޓިވް ގިނަ އަދަދެއްގެ މީހުން އެނދުމަތިކޮށްގެން ފަރުވާކުރުމަށް މަޖުބޫރުވެ، އެކަމަށްޓަކައި ހާއްސަކުރެވިގެން ގާއިމުކޮށްފައިވާ ސިއްހީ ހިދުމަތްދޭ ތަންތަނުގެ ޖާގަ ފުރިފައިވާ ކަމަށެވެ.
"ރެއާއި ދުވާލު ރައްޔިތުންގެ ހިދުމަތުގައި މަސައްކަތްކުރާ ސިއްހީ ހިދުމަތްތެރިންނާއި ފްރަންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކާ ނުބައްދަލު މިންވަރަށް ބަލި ފެތުރެމުންދާ ދަނޑިވަޅެއްގައި ސިއްހީ މާހިރުންގެ އިރުޝާދުގެ ދަށުން އެޗްޕީއޭ އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ ހިލާފަށް އެއްވެސް ހަރަކާޓެއް ހިންގުމަށް ސަރުކާރުން ޖާގަ ނުދޭނަކަމުގައި ދަންނަވަމެވެ،" މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.
ހޯމް މިނިސްޓްރީގެ ބަޔާނުގައި ސިއްހީ ކުއްލި ނުރައްކަލުގެ މިހާލަތުގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ރިއާޔަތްކުރުމެއް ނެތި، ހަމަނުޖެހުމާއި ހަލަބޮލިކަން އުފެއްދުމަށްޓަކައި، އެޗްޕީއޭ އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ ހިލާފަށް އެއްވުންތަކާއި ހިނގާލުންތައް ނުރޭވުމަށް އިލްތިމާސްކޮށްފަ އެވެ.
އަދި އެގޮތަށް ބާއްވާ ހަރަކާތްތަކުގައި ބައިވެރިނުވުމަށް ދިވެހި ރައްޔިތުންނަށް އިލްތިމާސްކޮށް، ސިޔާސީ ޕާޓީތަކަށް ވެސް ރައްޔިތުންގެ އާންމު ސިއްހަތު ސަލާމަތްކުރުމަށްޓަކައި ޒިންމާދާރުވުމަށް ވަނީ ގޮވާލައިފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު