މިފަހަރުގެ ކައުންސިލް އިންތިހާބު ކާމިޔާބުކޮށް، އެމްޑީޕީން ހެޓްރިކް ހަދާނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ "ރަށްވެހި ފަތިސް" ކެމްޕެއިން ލޯންޗު ކުރުމަށް ރޭ ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ 1500 އަށްވުރެ ގިނަ ކެންޑިޑޭޓުން މިފަހަރުގެ އިންތިހާބަށް ނުކުންނަނީ "ދަގަނޑު ދަހަނާ" އަޅައިގެން ކަމަށާއި ހުރިހާ ބާރެއް ލިބިގެން ކަމަށެވެ.

ނަޝީދު ވިދާޅުވީ ކައުންސިލް އިންތިހާބަށް ނުކުމެ މިތިބީ އިދިކޮޅު ވާދަވެރިން ތިންވަނަ ބަލިން ބަލި ކުރަން ކަމަށާއި ކައުންސިލް އިންތިހާބު ކާމިޔާބުކޮށް އެމްޑީޕީން ހެޓްރިކް ހަދާނެ ކަމަށެވެ.

"އެމްޑީޕީ މިހާރު ނުކުމެ މިތިބީ ވަރަށް އުންމީދާ އެކީގައި ތިން ބަލި ކުރަން އަޅުގަނޑުމެންގެ ވާދަވެރިން، ހެޓްރިކެއް ހަދާނަން. އަޅުގަނޑުމެން ނުކުމެ މިތިބީ ރިޔާސީ އިންތިހާބުން މޮޅުވެ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން މޮޅުވެ، ކައުންސިލް އިންތިހާބުން މޮޅުވާން،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީގެ ފަލްސަފާއަކީ ވަކި ކަމެއް ކުރުމަށް ނުކުތް ޕާޓީއެއް ކަމަށާއި އެމްޑީޕީގެ ވިސްނުމެއް އެބަ އޮތް ކަމަށެވެ. އެއީ އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމަށާއި ސަލާމަތްތެރިކަމާއެކު ރައްޔިތުންނަށް އުޅެވޭނެ ގޮތްތަކެއް ހޯދައިދިނުން ކަމަށެވެ.

"ޓެކްސްގެ ނިޒާމު ފުރިހަމަ ކުރުން، އެއީ އެމްޑީޕީގެ ވިސްނުމެއް. ސޯޝަލް ހައުސިން، އިޖުތިމާއީ ބޯހިޔާވަހިކަން އެއީ އެމްޑީޕީގެ ވިސްނުމެއް. އެއް ދަންފަޅީގެ މަދަރުސާ، އެއީ އެމްޑީޕީގެ ވިސްނުމެއް. ދަތުރުފަތުރު ކުރުމުގެ ނިޒާމު، އެއީ އެމްޑީޕީގެ ވިސްނުމެއް. ޑްރަގުގެ ޝިކާރައަކަށްވެ، ޒުވާން ޖީލު ގެއްލުނަ ނުދިނުން އެއީ އެމްޑީޕީގެ ވިސްނުމެއް،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީގެ 1500 އަށްވުރެ ގިނަ ކެންޑިޑޭޓުން މިއަދު ނުކުމެ ތިބީ އެ ވައުދުތަކާއެކު އެ ވިސްނުމުގައި ކަމަށެވެ. އަދި ތިލަފަތަށް ވޯޓް ދެއްވުމަށާއި ރައްޔިތުންގެ އުންމީދު ހަގީގަތަކަށް ހަދައިދޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

އެމްޑީޕީ ވެރިކަމަށް އައީ ރައްޔިތުންގެ އުންމީދުތަކާއި ރައްޔިތުންނަށް ބޭނުންވާ ކަންކަން އެނގި ތިބެކަން ފާހަގަކުރައްވައި ނަޝީދު އިތުރަށް ވިދާޅުވީ، މިއަދުވެސް އަނެއްކާ ނުކުމެ މިތިބީ އެކަން ދަނެގެން ކަމަށެވެ. އަދި ޕީޕީއެމަށް ވޯޓު ދީގެން މި ނިޒާމަށް ވާނެ ގޮތް ދަންނަން ޖެހޭ ކަމަށާއި މިއީ ޕީޕީއެމުން ދަންނަ ނިޒާމެއް ނޫން ކަމަށް ވިދާޅުވި އެވެ.