އެމްޑީޕީން ސަރުކާރުގައި ދެމިތިބޭނަމަ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ރައްޔިތުންނަށް ދަރާފައިވާ ބޮޑު ދަރަންޏެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ "ރަށްވެހި ފަތިސް" ކެމްޕެއިން ލޯންޗު ކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ މުޅި ސިޔާސީ ހަޔާތުގައި ދައްކާ އެއް ވާހަކައަކީ މާލޭގެ ރައްޔިތުންނަށާއި މުޅި ރާއްޖޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ވާހަކަ ކަމަށެވެ. ކުރިއަށްއޮތް ތަނުގައިވެސް އެ ވާހަކަ ދައްކާނެ ކަމަށާއި މި ރާއްޖޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވާން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ސަރުކާރުގައި ދެމިތިބޭނަމަ، އަޅުގަނޑުމެން ސިޔާސީ މަސައްކަތުގައި ދެމިތިބޭނަމަ، އެއީ އަޅުގަނޑުމެން ރާއްޖޭގެ ރައްޔިތުންނަށް ދަރާފައިވާ ބޮޑު ދަރަންޏެއް. އެކަން ގަބޫލު ކުރަންޖެހޭނެ. ހާއްސަކޮށް މި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް،" ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީގެ ރައީސް ނަޝީދު ވިދާޅުވީ ކުރީގެ އިންތިހާބުތަކުގައިވެސް މާލެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދޭނެ ކަމަށް ވައުދުވި ކަމަށާއި މިއަދު މާލޭގެ ރައްޔިތުން އެ ސުވާލު އެބަ ކުރާ ކަމަށެވެ. ސިޔާސީ ހަޔާތް ކުރިއަށްގެންދާނީ އެކަން ހަގީގަތަކަށް ހެދުމަށް ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑު އިތުބާރު ކުރަން އަޅުގަނޑުގެ ރައީސުލްޖުމްހޫރިއްޔާއަށް، އަޅުގަނޑަށް އެނގޭ ރައީސުލްޖުމްހޫރިއްޔާއާއެކީގައި މިކަން އަޅުގަނޑުމެންނަށް ކުރެވޭނެކަން،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް މިހާތަނަށްވެސް ބޯހިޔާވަހިކަން ލިބިފައިވާނީ އެމްޑީޕީގެ ނިޒާމުން، އެމްޑީޕީގެ ކޮންޓްރެކްޓުން އަޅާފައިވާ ފްލެޓްތައް ކަމަށެވެ. އަދި ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފަސް އަހަރު ހޭދަވެގެން ދިޔައީ ފްލެޓް އެޅުމުގައި ނޫން ކަމަށާއި އެ ފަސް އަހަރު ހޭދަވެގެން ދިޔައީ އެމްޑީޕީގެ ކޮންޓްރެކްޓްތަކުގެ ދަށުން އެޅި ފްލެޓްތަކަށް މީހުން ވެއްދުމުގައި ކަމަށެވެ.
އެމްޑީޕީން ރައްޔިތުންގެ އުންމީދުތައް ބޮލާލައި ނުޖަހާނެ ކަމަށެވެ. އަދި މާލޭ ރައްޔިތުންނާއި ހުރިހާ ރައްޔިތުންނަށްވެސް މިއަދު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަން ކަމަށާއި އެކަން ހައްލު ކޮށްދޭނީ އެމްޑީޕީން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު