ވެކްސިން ފޯރުކޮށް ނުދެވި އޮތީ ވ. ފުލިދޫ އާއި ހއ. މުރައިދުއަށް އެކަނި ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.

އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، މާލޭ ސަރަހައްދުގައި ނުވަ ސެންޓަރެއްގައި ވެކްސިން ދެމުން އަންނަ ކަމަށާއި އަތޮޅުތެރޭގެ 169 ވެކްސިން ސެންޓަރެއްގައި ވެކްސިން ދެމުން އަންނަ ކަމަށެވެ.

ޑރ. ނަލްޒާ ވިދާޅުވީ، ދެ ރަށް ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށެއްގައި ވެކްސިން ދޭން ފަށާފައިވާ ކަމަށެވެ. އެގޮތުން 179 ރަށެއްގައި މިހާރު ވެކްސިން ދެމުން އަންނަ ކަމަށް ވިދާޅުވިއެވެ.

"ވެކްސިން ނުދެވި ވަނީ ހއ. މުރައިދޫ އަދި ވ. ފުލިދޫ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ، އެ ދެ ރަށުގައިވެސް އަންނަ ހަފުތާގައި ވެކްސިން ދެވެން ފަށާނެ ކަމަށެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހަން ފަށާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ. އެއާއެކު މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން މިހާތަނަށް ޖުމުލަ 98،311 މީހަކު ވަނީ ވެކްސިން ޖަހައިފައެވެ. އެއީ މާލެއިން 69،725 މީހަކު، އަތޮޅުތެރެއިން 28،586 މީހަކު އަދި ރިސޯޓުތަކުން 3،170 މީހެކެވެ. ރާއްޖޭގައި ޖަހަމުން އަންނަނީ އިންޑިއާއިން ހަދިޔާކުރި ކޮވިޝީލްޑް ވެކްސިނެވެ.