ޓުއާ އޮޕަރޭޓަރުންނާއި ޓުއާ އެޖެންސީތަކަށް ހާއްސަ ގާނޫނެއް އެކުލަވާލުމަށް ރައްޔިތުންގެ މަޖިލީހުން ކުރަމުން އަންނަ މަސައްކަތްތަކަކީ ޓުއާ އޮޕަރޭޓަރުންގެ ވިޔަފާރި ދުނިޔޭގެ ފެންވަރަށް ގެންދިއުމަށް ކުރަމުން އަންނަ މަސައްކަތްތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އެކަމާބެހޭ ގާނޫނު ހެދުމާ ގުޅޭ ގޮތުން ޓުއާ އޮޕަރޭޓަނުންނާއެކު މަޖިލީހުގައި މިއަދު ފެށި ބައްދަލުވުން ފެށުމުގެ ގޮތުން ބޭއްވި ރައްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މަޖިލިސް ރައީސް ވިދާޅުވީ، ޓުއާ އޮޕަރޭޓަރުންގެ ވިޔަފާރިއަކީ ފަތުރުވެރިކަމުގެ ދާއިރާގައި ހިމެނޭ އެންމެ ފައިދާ ބޮޑު ވިޔަފާރި ކަމަށެވެ. އަދި ރާއްޖެއަކީ ދުނިޔޭގެ އެންމެ އަގުބޮޑު ޓޫރިސްޓު ޑެސްޓިނޭޝަނަށް ވާއިރު، "މިނަތަށް ޓޫރިސްޓުން ފޮނުވާ އެޖެންސީއަކީ ދިވެހި އެޖެންސީއަކަށް ނުވާންވީ ސަބަބެއް ނެތް،" ކަމަށް ވިދާޅުވިއެވެ.

"ތިބޭފުޅުން ތި ވިއްކަވަނީ ކާކަށްތޯ؟ އޭނަ އެ ވިއްކަނީ ކާކަށްތޯ؟ ކިތައް އަތް ބަދަލުވެގެން ގޮސްތޯ ތިބޭފުޅުންނާ ހަމައަށް އެ ޑޮލަރު އެ ވަންނަނީ. މި ވިއްކަން ތިބޭފުޅުންނަށް ޔޫރަޕުގައި ފިހާރައެއް އަޅައިގެން ތިބެވެން އެބައޮތްތޯ؟ ކީއްވެގެންތޯ އެތަނުގައި ފިހާރައެއް ނާޅައި މިއަދާ ހަމައަށް ވެސް ދިވެހިން މިތިބީ؟ އަޅުގަނޑުމެން ބާނާ މަސްކޮޅު ހިފައިގެން ގައިމު ކޮޅުނބަށާއި އެތަން މިތަނަށް ވިއްކަމުން ދިޔައިން. އަޅުގަނޑުމެން އޭއްޗެހި ވިއްކަމުން ދިޔައީ. މީތިކޮޅު ކީއްވެގެންތޯ އެހެން ބައެއްގެ އަތަށް ދީގެން ވިއްކަން މިއޮތް ހުރިހާ ދުވަހު މި އުޅެނީ؟ އަދިވެސް އަޅުގަނޑުމެން އަމިއްލައަށް މި މުދާކޮޅު ނުވިއްކިގެން މިއުޅެނީ؟" ޔޫރަޕުގައި ރާއްޖޭގެ ޓުއާ އޮޕަރޭޓަރުންނާއި ޓޫރިސްޓު އެޖެންސީތައް ގާއިމުކުރުމުގެ މުހިއްމުކަން ފާހަގަކޮށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، މިއަދުގެ މަސައްކަތު ބައްދަލުވުމުގެ ތެެރެއިން ބައިވެރިން ހުށަހަޅާ ޝަކުވާތައް ހައްލު ހޯދައިދިނުމަށް މަޖިލީހުގެ އިގްތިސާދީ ކޮމީޓީ އާއި މަޖިލިސް އިދާރާ އާއި ޓޫރިޒަމް މިނިސްޓްރީ އާއި ބަންޑާރަ ނާއިބު އޮފީހާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ގާނޫނުގެ ޒަރީއާއިން ވިޔަފާރި ކުރެވޭނެ ތަކެތިން ހަރުމުދާ އުފައްދާނެ ގޮތްތައް ހޯދައިދެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.