އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިހާރު މާލޭގައި ސިލްސިލާކޮށް ކުރިއަށްގެންދާ މުޒާހަރާތަކުގެ ބައެއް ބައިވެރިން ގައިޑްލައިންތަކާ ހިލާފަށް އަމަލުތައް ބަހައްޓަމުން ގެންދާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފިއެވެ.

މާލެ ސަރަހައްދުގައި ކޭސްތައް އިތުރުވުމާ ގުޅިގެން 10 މީހުންނަށް ވުރެ ގިނައިން އެއްވުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން މަނާކޮށްފައެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން އަންނަނީ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް މާލޭގައި މުޒާހަރާތައް ބާއްވަމުންނެވެ. ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިންނަށް ދައުވާކުރާނެ ކަމަށްވެސް ބުނެފައެވެ.

އެޗްއާރުސީއެމުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމަކީ ގާނޫނުއަސާސީގެ 32 ވަނަ މާއްދާއިން ކޮންމެ މީހަކަށްވެސް ލިބިގެންވާ ހައްގެއް ކަމަށެވެ. އަދި މި ހާލަތުގައި، މި ބަލިމަޑުކަމުން ރައްކާތެރިވުމަށް އަޅަން ޖެހުނު ފިޔަވަޅުތަކާއެކު އާއްމު ދިރިއުޅުމަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅިގެން އެއްވެ އުޅުމުގެ މިނިވަންކަމުގެ ބޭނުން ކުރަމުން އައި ގޮތްވެސް ބަދަލުކުރަން ޖެހިފައިވާ ކަމަށެވެ.

މިފަދަ ދަނޑިވަޅެއްގައިވެސް ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ މުޖުތަމައުގެ ކޮންމެ ފަރުދަކަށްވެސް ލިބެންޖެހޭ ހައްގެއް ކަމަށެވެ. އަދި މިއީ ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކާއި ތަންފީޒީ އިދާރާތަކުންވެސް އިހުތިރާމުކުރަން ޖެހޭނެ ހައްގެއް ކަމަށް ބަޔާނުގައިވެއެވެ.

ނަމަވެސް ރާއްޖެއިންވެސް ކޮވިޑް ޖެހިގެން އެތައް ބައެއްގެ ފުރާނަ ގެއްލިފައިވާ އިރު، މި ހާލަތުގައި އެޗްޕީއޭ އާއި ޑަބްލިއުއެޗްއޯގެ މިންގަނޑުތަކާ ހިލާފަށް އެއްވެއުޅުމާއި މުޒާހަރާކުރުމަކީ ކޮމިޝަނުން އިންތިހާއަށް ކަންބޮޑުވާކަމެއް ކަމަށެވެ.

"މިހާރު މާލޭގައި ޕީޕީއެމް އަދި ޕީއެންސީން ސިލްސިލާކޮށް ކުރަމުންގެންދާ މުޒާހަރާތައް މި ކޮމިޝަނުގެ ޓީމުތަކުން މޮނިޓާކޮށް ބެލިއިރު މުޒާހަރާގެ ބައެއް ބައިވެރިންގެ ފަރާތުން އެޗްޕީއޭގެ ގައިޑްލައިންތަކާ ހިލާފަށް އަމަލުތައް ބަހައްޓަމުން ގެންދިޔަކަން ފާހަގަކުރެވިފައިވޭ. މިކަމުގެ ސަބަބުން ކޮވިޑް ފެތުރުމުގެ ފުރުސަތު އިތުރުވެ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރަށް ގޯސްވެދާނެކަމަށް ކޮމިޝަނަށް ގަބޫލުކުރެވޭ،" އެޗްއާރުސީއެމުން ބުންޏެވެ.

އެހެންކަމުން އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމުގެ ހައްގު ބޭނުންކުރުމުގައި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ 24 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހަމަތަކުގެ މަތިން، އެޗްޕީއޭ އާއި ޑަބްލިއުއެޗްއޯގެ މިންގަނޑުތަކަށް ތަބާވެ، ގައިޑްލައިންތަކާ އެއްގޮތަށް މިފަދަ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް އެޗްއާރުސީއެމުން ވަނީ ނަސޭހަތްތެރިވެފައެވެ.

މީގެ އިތުރުން ފުލުހުން މުޒާހަރާގެ ކަންކަން ބެލެހެއްޓުމާއި މުޒާހަރާ ރޫޅާލުމުގެ ކަންކަން ކުރިއަށްގެންދާއިރުވެސް ގަވާއިދުތަކާ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިން ބާރުގެ ބޭނުންކުރުމަށާއި މުޒާހަރާ މޮނިޓާ ކުރާ މީޑިއާގެ ފަރާތްތަކަށް ބޭނުންވާ ރައްކާތެރިކަންވެސް ކަށަވަރުކޮށްދިނުމަށް އެޗްއާރްސީއެމުން ވަނީ ގޮވާލައިފައެވެ.