ޚަބަރު

ކަނޑޫދޫ ކައުންސިލްގެ ރައީސް ކަމަށް ހަސަން މޫސާއަށް ވާދަ ނުކުރެވޭ ގޮތަށް އީސީން ކުރި އިއުލާން ބާތިލުކޮށްފި

އަލީ ޔާމިން

ތ. ކަނޑޫދޫ ކައުންސިލްގެ ރައީސް ކަމަށް ޕީޕީއެމްގެ ޓިކެޓުގައި ކުރިމަތިލި ހަސަން މޫސާއަށް އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތަށް އިލެކްޝަން ކޮމިޝަން (އީސީ)ީން ކުރި އިއުލާން ބާތިލުކޮށްފިއެވެ.

އީސީން ހަސަން މޫސާގެ ކެންޑިޑެސީ މީގެ ކުރިން ބާތިލުކުރީ ސާބިތު ދަރަނީގެ މައްސަލައެއްގައެވެ. އެއިރު އީސީން ކުރި އިއުލާނުގައި ބުނީ، ހަސަން މޫސާގެ ކެންޑިޑެސީ އެ ކޮމިޝަނުން ބާތިލުކުރުމުން ކަނޑޫދޫ ކައުންސިލްގެ ރައީސް ކަމަށް އެމްޑީޕީން ކުރިމަތިލި ކެންޑިޑޭޓް އަހުމަދު ރީހާން (ތ.ކަނޑޫދޫ/ ރީހުއްސަބާ) އިންތިހާބުވެފައި ކަމަށެވެ.

ހަސަން މޫސާގެ ކެންޑިޑެސީ އީސީން ބާތިލުކުރުމުން ހަސަން މޫސާގެ ފަރާތުން ސްޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި އެ ކޯޓުން ކުރި ހުކުމުގައި ބުނީ، ހަސަން މޫސާގެ ކެންޑިޑެންސީ ބާތިލުކޮށް، އިލެކްޝަން ކޮމިޝަން (އީސީ) އިން އޭނާއަށް އެންގި އެންގުން ބާތިލު ކަމަށް ކަނޑައަޅައި، އޭނާއަށް ކައުންސިލް އިންތިހާބުގައި ވާދަކުރެވޭނެ ގޮތް ހެދުމަށް އީސީއަށް އަންގައި ހުކުމް ކުރާ ކަމަށެވެ.

ސްޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން އީސީން ކުރި އިއުލާނެއްގައި ބުނީ، ހަސަން މޫސާއަށް ވާދަ ނުކުރެވޭ ގޮތަށް ކުރި އިއުލާން ބާތިލުކޮށްފައިވާ ކަމަށާއި އޭނާއަށް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރެވޭނެ ކަމަށެވެ. އެ އިއުލާނާއެކު އީސީން ވަނީ ކަނޑޫދޫ ކައުންސިލްގެ ރައީސްކަމަށް ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް އަލުން ތަރުތީބުކޮށްފައެވެ.

އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ކައުންސިލް އިންތިހާބު ބާއްވަން ހަމަޖެހިފައިވާއިރު، އެ އިންތިހާބުގައި ވާދަކުރާ ބައެއް ފަރާތްތަކުން ނަން އަނބުރާ ގެންދިއުމާ ގުޅިގެން އިންތިހާބަކާ ނުލައި ގިނަ ބަޔަކަށް މިހާރު ވަނީ ގޮނޑި ކަށަވަރުވެފައެވެ.