ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ކަމާބެހޭ ފަރާތްތަކުން އެންމެ ފަހުން ކުރިއަށްގެންދިޔަ މާސް އިންސްޕެކްޝަންތަކުގައި މާލެ ސަރަހައްދުގައި އާންމު ހިދުމަތް ދޭ ތަންތަނުގެ ތެރެއިން އެޗްޕީއޭގެ އުސޫލުތަކާ އެއްގޮތަށް ހިދުމަތްދޭ ކަމުގެ ސްޓިކާ ލިބުނީ 243 ތަނަށް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައ އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހުސައިން ޒާމިރު ވިދާޅުވީ މިއަހަރުގެ މިހާތަނަށް 568 ތަނެއް އިންސްޕެކްޓް ކޮށްފައިވާ ކަމަށެވެ. އެއީ ކާބޯތަކެތީގެ ހިދުމަތްދޭ 198 ތަން، ހަތަރު މާރުކޭޓު، ދިހަ ސެލޫން، 12 ޖިމް އަދި 344 ކަންމަތީ ފިހާރައެވެ.

ޒާމިރު ވިދާޅުވީ، ޖުމްލަ ގޮތެއްގައި ގިނަ ތަންތަނުން އެޗްޕީއޭގެ ގައިޑްލައިނަށް އަމަލު ކުރާ ކަމަށާއި ނަމަވެސް ފަރުވާކުޑަވުމުގެ ސަބަބުން ބައެއް ތަންތަނަށް ނޯޓިސް ދޭން ޖެހުނު ކަމަށެވެ. އެގޮތުން 288 ތަނަކަށް ވައިޓް ނޯޓިސް އަދި 37 ތަނަކަށް ރެޑް ނޯޓިސް ދީފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"ރެޑް ނޯޓިސްގައި ބަޔާންކުރާ ކަންކަން ރަނގަޅު ނުކުރާނަމަ، ދެން ދާ ބުރުގައި މިހާރު ހުރި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ޖޫރިމަނާ ކުރަނީ،" ޒާމިރު ވިދާޅުވިއެވެ.

ޒާމިރު ވިދާޅުވީ، ގައިޑްލައިންތަކާ އެއްގޮތަށް ވިޔަފާރިކުރާ ކަމަށް މިހާތަނަށް ފާހަގަވެފައިވާ 243 ތަނަކަށް ސްޓިކާ ދީފައިވާ ކަމަށެވެ.

އުސޫލުގައި ބުނާ ގޮތުން އުސޫލާ ހިލާފުވާ ފުރަތަމަ ފަހަރަށް ނަމަ ޖޫރިމަނާއަކީ 5000 ރުފިޔާ އެވެ. އަދި ދެވަނަ ފަހަރު ނަމަ 25،000 ރުފިޔާގެ ޖޫރިމަނާއެއް ކުރެވޭއިރު، ތިންވަނަ ފަހަރަށް 50،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ. ހަތަރުވަނަ ފަހަރުގެ ޖޫރިމަނާއަކީ 75،000 ރުފިޔާ އެވެ. ފަސްވަނަ ފަހަރު ޖޫރިމަނާ ކުރާނީ އެއްލައްކަ ރުފިޔާއިންނެވެ.