ހަނިމާދޫ އިންްޓަނޭޝަނަލް އެއާޕޯޓް ބޮޑުކޮށް، ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފެށޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
ފައްޔާޒު މިގޮތަށް ވިދާޅުވެފައި މިވަނީ ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީން ކުރިއަށްގެންދާ ރަށްވެހި ފަތިސް ކެމްޕެއިންގައި އަތޮޅުތަކުގެ ރަށްރަށުގެ މެންބަރުންނަށް ސުވާލުކުރުމަށް ހުޅުވާލައިގެން ރޭ ހދ. އަތޮޅުގެ ރައްޔިތުންނަށް ހާއްސަކޮށް ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުންނެވެ.
ފައްޔާޒު ވިދާޅުވީ ހަނިމާދޫ އެއާޕޯޓު ބޮޑުކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި އެގޮތުން އެ ޕްރޮޖެކްޓުގެ ރިޕޯޓް ނިންމައި، ވެލިޑޭޓް ކުރުމަށް އިންޑިއާއަށް ފޮނުވާފައިވާ ކަމަށެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ވެލިޑޭޓްކޮށް ނިމޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވީ އިންޑިއާ ސަރުކާރާއި އިންޑިއާގެ އެކްސްޕޯޓް އަދި އިމްޕޯޓް ބޭންކާ ވާހަކަދައްކައިގެން މާޗް މަހުގެ ތެރޭގައި ޓެންޑަރިންގެ ފުރަތަމަ ފޭސް ފަށާނެ ކަމަށެވެ. އަދި ޓެންޑަރިންގެ ދެވަނަ ފޭސް އޭގެ ދެ މަސް ދުވަސް ފަހުން ހުޅުވާލެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވީ އެއާޕޯޓް ބޮޑުކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ އެއްބަސްވުމުގައި އަންނަ ޖުލައި ނުވަތަ އޮގަސްޓް މަހު ސޮއި ކުރެވޭނެ ކަމަށާއި އަމަލީ މަސައްކަތް ސެމްޓެމްބަރު ހިސާބުގައި ފެށޭނެ ކަމަށެވެ.
"އުންމީދު މި ކުރަނީ ޖުލައި އޮގަސްޓް ހިސާބުގައި ކޮންޓްރެކްޓުގައި ސޮއިކުރެވި، ސެޕްޓެމްބަރު އޮކްޓޯބަރު ހިސާބުގައި އަމަލީ މަސައްކަތް ފެށުން،" ފައްޔާޒް ވިދާޅުވިއެވެ.
ހަނިމާދޫ އެއާޕޯޓް ބޮޑުކުރުމުގެ މަޝްރޫއަކީ އިންޑިއާ އިން ރާއްޖެއަށް ދޫކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓުން ހަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އޭ320 އަދި ބޮއިންގް 737 މަރުކާގެ އުޅަނދުތައް ޖެއްސޭ ވަރަށް އެއާޕޯޓުގެ ރަންވޭ 2200 މީޓަރަށް ދިގު ކޮށް ޓާމިނަލްތަކާއި ފިއުލް ފާމްތައް އަދި ފަޔާ ސްޓޭޝަނާއި ކާގޯ ޓާމިނަލްތައް ތަރައްގީ ކުރެވޭނެއެވެ.
ރާއްޖެ އާއި އިންޑިއާ އިން 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް އެއްބަސްވުމެއްގައި ސޮއިކުރީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު 2018 ގައި އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު