މާލޭ ސަރަހައްދުގައި ވެކްސިން ޖަހަން އޮތް ތަރުހީބު ކުޑަކަން ފާހަގަވާތީ، ވީހާވެސް ގިނަ މީހުން ވެކްސިން ޖަހަން ދިއުމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން އިލްތިމާސްކޮށްފިއެވެ.

އެޗްއީއޯސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޑިރެކްޓަރު އަހުމަދު ނާސިރު ވިދާޅުވީ، މާލެ ސަރަަހައްދުން ވެކްސިން ޖަހާ މީހުންގެ އަަދަދު މަދުކަން ފާހަގަކުރެވިފައިވާ ކަމަށާއި ވީހާވެސް ގިނަ ފަރާތްތައް ވެކްސިން ލިބިގަތުން މުހިންމު ކަމަށެވެ.

"ވަރަށް ގިނަ މީހުން އެބަ މަޑުކުރޭ ހަފުތާ ބަންދުގައި ވެކްސިން ޖަހަން. އެގޮތަށް މަޑުކުރުމަކީ އެހާ ރަނގަޅު ކަމެއް ނޫން،" ނަޝީރު ވިދާޅުވިއެވެ.

ނާސިރު ވިދާޅުވީ، މާލޭ ސަރަހައްދުގައި އާންމުންނަށް ހުޅުވާލައިގެން ވެކްސިން ދޭ ސެންޓަރުތައް އެބަހުރި ކަމަށެވެ. އެގޮތުން ސޯޝަލް ސެންޓަރު، އިސްލާމީ މަރުކަޒު އަދި ހުޅުމާލޭ ވެކްސިން ސެންޓަރާއި ވިލިމާލެ ޔޫތު ސެންޓަރު ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ހުންނަ އޭޑީކޭގެ ވެކްސިން ސެންޓަރުގައި ވެސް އާންމުކޮށް ހުޅުވާލައިގެން ވެކްސިން ދިނުމަށް ވަނީ ނިންމައިފައެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހަން ފަށާފައިވަނީ މިމަހުގެ އެއް ވަނަ ދުވަހުއެވެ. އިއްޔެއާ ހަމައަށް މުޅި ރާއްޖެއިން 85،110 މީހުން ވަނީ ވެކްސިން ޖަހައިފައެވެ. އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ވެކްސިން ޖެހި 61،777 މީހުންނާއި އަތޮޅުތަކުން ވެކްސިން ޖެހި 23،333 މީހުންނެވެ.

ރާއްޖޭގައި ދެވަނަ ޑޯޒު ދެނީ ފުރަތަމަ ޑޯޒު ޖަހާތާ އަށް ހަފުތާ ފަހުންނެވެ.