ކޮވިޑް-19ގެ ސަބަބުން ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމުގައި އދ.ގެ ޗާޓަރުގައި ކަށަވަރުކޮށް ދޭ އިންސާނީ ހައްގުތަކަށް ސަމާލުވުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ގޮވާލައްވައިފި އެވެ.
މިނިސްޓަރު ޝާހިދު އެކަމަށް ގޮވާލެއްވީ އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުގެ 46 ވަނަ ދައުރުގެ ހައި-ލެވެލް ސެގްމަންޓުގައި ދެއްވި ވީޑިއޯ މެސެޖެއްގަ އެވެ. ހައި-ލެވެލް ސެގްމަންޓަކީ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ މިއަހަރުގެ ސެޝަންގެ ފުރަތަމަ ސެގްމަންޓެވެ. އަދި ކޮވިޑުގެ ސަބަބުން ދިމާވެފައިވާ ގޮންޖެހުންތަކާއެކު މި އަހަރުގެ ކައުންސިލްގެ ބައްދަލުވުންތައް ކުރިއަށްދާނީ ޖެނީވާގައި ބާއްވާ ބައިތަކުގެ އިތުރުން ވާޗުއަލް އިވެންޓުތަކެއްގެ ގޮތުގަ އެވެ.
މިނިސްޓަރު ޝާހިދު ވިދާޅުވީ ކޮވިޑުގެ ސަބަބުން ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތަކީ އެއްވެސް މީހަކު ބާކީ ވިޔަނުދޭނެ އިޖުތިމާއީ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޮތް ފުރުސަތެއް ކަމަށެވެ.
އިންސާނީ ހައްގުތައް ހިމާޔަތްކޮށް، ކުރިއަރުވަން ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ކުރަމުން އަންނަ މަސައްކަތްތަކަށް އަލިއަޅުވާލައްވައި ވާހަކަދައްކަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ އިންސާނީ ހައްގުތަކުގެ ދާއިރާގައި ރާއްޖެއަށް ހޯދުނު ކާމިޔާބުތަކަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ހާރިޖީ ސިޔާސަތާއި ތަރައްގީގެ ފްރޭމްވޯކްގެ ކާމިޔާބު ކަމަށެވެ.
އަދި އެންމެ ފަހުގެ ޔުނިވާސަލް ޕީރިއަޑިކް ރިވިއުގައި ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށް ގައުމުތަކުން ދީފައިވާ ރެކޮމެންޑޭޝަންތައް ތަންފީޒު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އިގްތިސާދީ، އިޖުތިމާއީ އަދި ސަގާފީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާގެ އޮޕްޝަނަލް ޕްރޮޓޮކޯލް ރާއްޖެއިން ތަންފީޒު ކުރި ކަމަށް ވެސް ވިދާޅުވި އެވެ.
މިނިސްޓަރު ޝާހިދު އިތުރަށް ވިދާޅުވީ އދ.ގެ ސްޕެޝަލް ޕްރިސީޖާސް މެންޑޭޓް ހޯލްޑަރުން ރާއްޖެއަށް ޒިޔާރަތްކުރުމަށް ދީފައިވާ ދައުވަތަށް ބަދަލެއް ނާންނަ ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް އެބޭފުޅުންގެ ޒިޔާރަތްތަކަށް ރާއްޖެއިން މަރުހަބާ ކިޔާނެ ކަމަށެވެ.
ރާއްޖޭގައި ފާހަގަކުރެވޭ އިންސާނީ ހައްގުތަކުގެ މައްސަލަތައް ހައްލު ކުރުމަށް ރާއްޖެއިން މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވައި މިނިސްޓަރު އިތުރަށް ވަނީ، އިންސާނީ ވަގުވިޔަފާރި ހުއްޓުވުމާއި ގާނޫނުގެ ވެރިކަން ނެގެހެއްޓުމާއި އިންތިގާލީ އިންސާފު ގާއިމުކުރުމުގެ އިތުރުން ނުރައްކަލައް ހުށަހެޅިފައިވާ މުޖުތަމައުގެ ފަރުދުންނަށް ބޭނުންވާ ރައްކާތެރިކަން ކަށަވަރުކުރުމާބެހޭ ގޮތުން ވާހަކަ ދައްކަވައިފަ އެވެ. އަދި މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެ އާއި ކުދި ޖަޒީރާ ގައުމުތަކަށް އިންސާނީ ހައްގުތައް ހިމާޔަތްކުރުމުގައި ދިމާވާ އިތުރު ގޮންޖެހުންތައް ވެސް ފާހަގަކުރެއްވި އެވެ.
މިނިސްޓަރު ޝާހިދުގެ ވާހަކަ ނިންމަވާލައްވަމުން ފަލަސްތީނުގެ މުސްލިމުންނާއި މިޔަންމާގެ ރޮހިންޔާ މުސްލިމުންނަށް ދިމާވެފައިވާ އިންސާނީ ކާރިސާއަށް ވެސް އަލިއަޅުއްވާލެއްވި އެވެ.
އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ 46 ވަނަ ބައްދަލުވުން ކުރިއަށްދާނީ އިއްޔެއިން ފެށިގެން 22 މިއަދުގެ ނިޔަލަށެވެ. އެކިއެކި އެޖެންޑާ އައިޓަމުތަކުގެ ދަށުން ރާއްޖެ އިން 13 އިންޓަވެންޝަނެއް މިފަހަރުގެ ސެޝަންގައި ހަދާނެ އެވެ.
އޭގެ އިތުރުން އދ.ގެ ސްޕެޝަލް ރެޕަޓުއާ އޮން ޓޯޗާ އެންޑް އަދާ ކްރުއެލް، އިންހިއުމޭން އާ ޑީގްރޭޑިން ޓްރީޓްމަންޓް އާ ޕަނިޝްމަންޓް 2019 ވަނަ އަހަރު ރާއްޖެއަށް ކުރެއްވި ޒިޔާރަތާ ބެހޭ ރިޕޯޓް އޭނާ މި ސެޝަނަށް ހުށަހަޅުއްވާނެ އެވެ. އަދި ރާއްޖެއާ ގުޅޭ ޔޫޕީއާރު އައުޓްކަމް ރިޕޯޓް އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން މިފަހަރުގެ ސެޝަންގައި އެޑޮޕްޓް ކުރާނެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު