ޚަބަރު

މިއަދު ހުދުމުހުތާރު ކަމެއްނެތް، ޔާމީންގެ ވެރިކަމުގެ އަނިޔާވެރިކަމުގެ މަތީން ރައްޔިތުން ހަނދާންނެތިއްޖެ: ފައްޔާޒު

އަލީ އަފާފް ރަމީޒު

ކުރީގައި އޮތް ހުދުމުހުތާރު ކަމެއް މިއަދު ނެތް ކަމަށާއި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އަނިޔާވެރިކަމާއި ހުދުމުހުތާރުކަމުގެ މަތީން ރައްޔިތުން ހަނދާން ނެތިއްޖެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ރޭ ފައްޔާޒު ވިދާޅުވީ އިދިކޮޅުން މިއަދު ކުރަމުން އަންނަ މަސައްކަތްތަކަކީ ސިޔާސީ ގޮތުން އިދިކޮޅުގައި އޮންނަ ފަރާތްތަކުން ކުރާން ޖެހޭ ކަންކަން ކަމަށެވެ. ސަރުކާރުގެ ކަންކަން ރަނގަޅުވި ނަމަވެސް އެކަމަށް ސަނާކިޔައި ހަދަން މިހާރު ތިބި ފަރާތްތަކަށް ވަރަށް އުނދަގޫވާނެ ކަމަށާއި އެކަން އެބޭފުޅުންވެސް ވަރަށް ރަނގަޅަށް ދަންނާނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ އެބޭފުޅުން އިދިކޮޅުގައި ތިބި އިރު ސަރުކާރުގެ ކަންކަމަށް ފާޑުކިޔުމަށް ފުރުސަތު ލިބުމުން އެކަން ކޮށްފައިވާ ކަމަށާއި ނަމަވެސް މިހާރު އިދިކޮޅު ފަރާތްތަކަށް އެ ފުރުސަތު ވަރަށް ބޮޑަށް ކުޑަވެފައިވާ ކަމަށެވެ. އޭރުގެ ސަރުކާރުގެ އަނިޔާވެރިކަމާއި ހުދުމުހުތާރު ކަމަކީ ހުރިހާ ރައްޔިތުންވެސް ވަރަށް ބޮޑަށް ދަންނަ ކަމެއް ކަމަށް ވިދާޅުވިއެވެ.

"މިއަދު ހުރިހާ ރައްޔިތުންނަށްވެސް އެނގޭ ހުދުމުހުތާރު ކަމެއް ނެތްކަން. ކާކުތޯ މިއަދު ހަނދާން ހުރީ އެދުވަހުގެ މަތިން. އެދުވަހުގެ އަނިޔާވެރިކަމާއި ބިރުވެރިކަމުގެ މަތިން" ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދާއި ސަރުކާރުގެ އިސްވެރީންނާ ދިމާއަށް އެއްޗެއް ބުނަން ރައްޔިތުން ބިރު ނުގަންނަ ކަމަށެވެ. އަދި ހައްޔަރުކޮށް، ކޯޓުތަކަށް އަތް ބާނައިގެން، ބޭނުން ގޮތަކަށް ހުކުމް ކޮށްފާނެ ކަމުގެ ބިރު މިހާރު ރައްޔިތުންގެ މެދުގައި ނެތް ކަމަށާއި މި ސަރުކާރުން ރައްޔިތުންގެ އެ ބިރުވެރިކަން ފިލުވާލައިފި ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު އިތުރަށް ވިދާޅުވީ މި ސަރުކާރުން ހުދުމުހުތާރުކަމުގެ ސިފަ ނައްތާލައިފި ކަމަށާއި މި ސަރުކާރު ދެކެ ނަފުރަތު ކުރާ މީހުންނާއި ހިތްހަމަ ނުޖެހޭ މީހުންވެސް އެކަން ގަބޫލު ކުރާ ކަމަށެވެ. އެއީ މިއަދު ހުރިހާ ރައްޔިތުންވެސް ގަބޫލުކުރާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.