ފުވައްމުލަކު ސިޓީގައި އޮތް ތިން ކްލަސްޓާއަކުން ޖުމުލަ 50 މީހަކު ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ޑިރެކްޓަރު އަހްމަދު ނާސިރު ވިދާޅުވީ އެ ކޭސްތަކުގެ ކޮންޓެކްޓުންގެ ގޮތުގައި 900 އަށްވުރެ ގިނަ މީހަކު ހިމެނޭ ކަމަށެވެ.
"ފުވައްމުލަކުން 50 ފަރާތެއް މިވަނީ ޕޮޒިޓިވްވެފައި. ފުވައްމުލަކުގައި ތިން ކްލަސްޓާއެއް މައިގަނޑު ގޮތެއްގައި މިއުޅެނީ. ޖުމުލަ ކޮންޓެކްޓްސްއަށް ބަލައިލާއިރު 959،" އޭނާ ވިދާޅުވިއެވެ.
ފުވައްމުލަކުން އެންމެ ފުރަތަމަ މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ މިމަހުގެ ހަތްވަނަ ދުވަހު ނެގި ރެންޑަމް ސާމްޕަލްތަކުގެ ތެރެއިންނެވެ. އެ މީހާ އަކީ ދުބާއީން އައިސް ފުވައްމުލަކުގައި ކަރަންޓީނުގައި ހުއްޓައި ކޮވިޑަށް ޕޮޒިޓިވްވި މީހަކާ ކޮންޓެކްޓުވި މީހެކެވެ. އެ ކޭސްތަކާ ގުޅިގެން ފުވައްމުލައް އޮތީ މޮނިޓަރިންގައެވެ.
ފުވައްމުލަކުން ޕޮޒިޓިވް ކޭސްތަކެއް ފެނުމުން އެ ސިޓީގައި އަޅާފައިވާ ފިޔަވަޅުތައް ވަނީ ހަރުކަށިކޮށްފައެވެ. އެގޮތުން ރޭގަނޑު 8:00 އިން ފަތިހު 4:00 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން ވަނީ މަނާކޮށްފައެވެ. ޕާޓީތަކާއި ހަފުލާތަކާއި ރަސްމިއްޔާތުތައް ބޭއްވުން ވެސް ވަނީ މަނާކޮށްފައެވެ. އަދި އެއްގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓާލުމަށް ވެސް ވަނީ އަންގައިފައެވެ.