ޖިންސީ އަނިޔާ ދިނުމުގެ ސީރިއަސް ތުހުމަތުތަކެއްކޮށް، ދައުވާ އުފުލާފައިވަނިކޮށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ފުރައިގެން ދިޔަ މައްސަލަ ބަލައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އަންހެން މެންބަރުން މަޖިލީހަށް ހުށަހެޅުއްވި މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމު މިއަދު ހާޒިރުކުރަން ނިންމައިފިއެވެ.

ޕީޖީ ކޮމިޓީއަށް ހާޒިރުކުރަން ހަމަޖެހިފައިވަނީ މިއަދު މެންދުރު 2:00 އަށެވެ.

އަލީ ވަހީދުގެ މައްޗަށް ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކޮށްފައިވާ ތުހުމަތުތަކެއް ކުރުމާއި ގުޅިގެން އެ މައްސަލައިގެ ތަހުގީގު ނިމެންދެން އޭނާއަށް ފުރުން މަނާކޮށް ޕާސްޕޯޓު އޮތީ ހިފަހައްޓައިފައެވެ. ނަމަވެސް ކޯޓުގައި އަލީ ވަހީދު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމަށް ހުއްދައަށް އެދިވަޑައިގަތުމުން ކްރިމިނަލް ކޯޓުން ވަނީ ޕާސްޕޯޓު ހިފެހެއްޓުމަށް ނެރުނު އަމުރު ބާތިލުކޮށްފަ އެވެ. ޕާސްޕޯޓު ދޫކޮށްލުމުން އަލީ ވަހީދު ފުރާވަޑައިގެންނެވީ މިމަހުގެ 10 ވަނަ ދުވަހު އެވެ.

އެ މައްސަލަ ބަލައިދިނުމަށް މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އާއި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިނާއި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް އަދި ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދު ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ސިޓީއެއް ފޮނުއްވައިފަ އެވެ.

އެ ސިޓީއާ ގުޅިގެން އެ މައްސލަ ބަލަން މަޖިލިސް ރައީސް ވަނީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުއްވައިފަ އެވެ.

އަލީ ވަހީދު ފުރި މައްސަލައިގައި ޕީޖީ މިއަދު ކޮމިޓީއަށް ހާޒިރުކުރާއިރު، އެ މައްސަލަ ޕީޖީގެ ފަރާތުން ހައި ކޯޓުގައިވަނީ އިސްތިއުނާފު ކޮށްފަ އެވެ.