އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބުރަމަންޔަ ޖައިޝަންކަރު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މިއަދު ހަވީރު ފުރާވަޑައިގެންފިއެވެ.

ޖައިޝަންކަރުގެ މި ދަތުރުފުޅަކީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. އަދި މިއީ އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރުގެ ހައިސިއްޔަތުން ޖައިޝަންކަރު ރާއްޖެއަށް ކުރެއްވި ދެވަނަ ދަތުރުފުޅެވެ.

ޖައިޝަންކަރުގެ މި ދަތުރުފުޅުގައި ކޮވިޝީލްޑް ވެކްސިންގެ އިތުރު އެއްލައްކަ ޑޯޒް ރާއްޖެއަށް ހަދިޔާކުރުމުގެ ރަމްޒީ ފިލާ އެއް ވަނީ އަރުވައިފައެވެ. އަދި ބްރޯޑްކާސްޓިން ދާއިރާ ހަރުދަނާ ކުރުމަށް ރާއްޖޭގެ ޕަބްލިކް ސާވިސް މީޑިއާ އާއި އިންޑިއާގެ ޕްރަސާރު ބާރުތީއާ ދެމެދު އެއްބަސްވުމެއްގައި ވެސް ވަނީ ސޮއިކޮށްފައެވެ.

އޭގެ އިތުރުން 2011 ވަނަ އަހަރު އިންޑިއާއިން ދިން 40 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ދަށުން ދޭ އިތުރު އެހީގެ އެއްބަސްވުމުގައިވެސް ވަނީ ސޮއިކޮށްފައެވެ. އަދި ފަހި ދިިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން ހުޅުމާލޭގައި ހަދާ 2000 ހައުސިން ޔުނިޓަށް ބޭނުންވާ ލޯން އެހީގެ އެއްބަސްވުމުގައި ވެސް އިއްޔެ ވަނީ އިންޑިއާގެ އިމްޕޯޓް އެކްސްޕޯޓް ބޭންކާ ދެމެދު ސޮއިކޮށްފައެވެ.

ދެމެހެއްޓެނިވި ތަރައްގީގެ ދަށުން ކުނި މެނޭޖްކޮށް ހެޔޮ އަގެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ވެސް އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފައިވެއެވެ. އަދި ނ. ކެނދިކޮޅުދޫގައި ގޭދޮށު މަސްފެކްޓްރީއެއް އެޅުމަށް އިންޑިއާ އާއި ރާއްޖެއާ ދެމެދުވެސް ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

މީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޅިވަރުގެ ވަސީލަތްތައް ތަރައްގީކުރުމަށް އިންޑިއާ އިން 40 މިލިއަން ޑޮލަރުގެ ލޯނު އެހީއެއް ދިނުމަށް ނިންމާފައިވާ ކަންވެސް އިއްޔެ ޖައިޝަންކަރު ވަނީ އިއުލާންކުރައްވައިފައެވެ.

އުތުރު ތިލަފަޅުގައި ސިފައިންގެ ކޯސްޓްގާޑުގެ ބަނދަރަކާއި ޑޮކްޔާޑެއް ތަރައްގީ ކުރަން އިންޑިއާއާއެކު މިއަދު ސޮއިކޮށްފައިވާ އިރު، އައްޑޫގެ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ އިތުރުން މަގުތައް ހެދުމާއެކު ފެންބޮޑުވުމުގެ މައްސަލައަށް ހައްލު ގެނައުމަށް ފެންހިންދާ ނިޒާމެއް ގާއިމުކުރުމުގެ އެއްބަސްވުމުގައި ވެސް ވަނީ ސޮއިކޮށްފައެވެ.

ޖައިޝަންކަރުގެ މި ދަތުރުފުގައި މިއަދު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާވެސް ބައްދަލުކުރައްވައިފައެވެ. އަދި އިދިކޮޅު ފަރާތްތަކާވެސް ވަނީ މިއަދު ބައްދަލުކުރައްވައިފައެވެ.