މި ސަރުކާރާ ހަވާލުކުރި ހުރިހާ ކަމެއް ބޮއްސުންލާފައިވާ ކަމަށާއި މި ސަރުކާރަށް ކައުންސިލްތައް ހަވާލުކުރަން ހެޔޮނުވާނެ ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިގޮތަށް ވިދާޅުވެފައި މިވަނީ ހިޔާ މަޝްރޫއުގެ އަލަތު ކައިވެނި ކެޓަގަރީ ހިމެނޭގޮތަށް ތިން ކެޓަގަރީއެއް އުވާލައި ފޯމުތައް ބާތިލުކުރަން ނިންމާފައިވާތީއެވެ.

އިދިކޮޅު ޕެރޮގްރެސިވް ކޯލިޝަންގެ އެޑްވައިޒަރު ޖަމީލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މުޅި ގައުމަށް ފެންނަން އޮތް ކަމެއްގައި ސަރުކާރު ވަނީ ދޮގުހަދާފައި ކަމަށާއި ނިމިފައި ހުރި ފްލެޓްތަކެއްގެ ލިސްޓު ދެ އަހަރުވީއިރުވެސް ނުނިންމުނު ކަމަށެވެ. އަދި ފްލެޓްތަކުގެ އަގު ހެޔޮކުރަން ވައުދުވެ، މި ސަރުކާރުން ކުރީ އަގުބޮޑު ކަމަށެވެ.

"ތިޔަވަރުގެ ކަމެއް ނުވި ބަޔަކު ގުންފައިޖަހާފައި ކައުންސިލޭ ނުކިޔާ. ހަވާލުވި ހުރިހާ ކަމެއް ބޮއްސުންލައިފި،" ޖަމީލް ވިދާޅުވިއެވެ.

ތިން ކެޓަގަރީއަކުން ފްލެޓް ނުދިނުމަށް ނިންމައި ސަރުކާރުން ގެޒެޓް ކޮށްފައިވާ އިއުލާނުގައި ބުނީ ފްލެޓް ލިސްޓުން އުވާލަން ނިންމާފައިވަނީ H11 (އަށާރަ އަހަރާއި 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ހާއްސަ އެއް ކޮޓަރީގެ އެޕާޓްމަންޓް)، H13 (މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ހާއްސަ އެއް ކޮޓަރީގެ އެޕާޓްމަންޓް) އަދި H15 (އަލަތު ކައިވެނިކޮށްގެން އުޅޭ ޒުވާނުންނަށް ހާއްސަ އެއްކޮޓަރީގެ އެޕާޓްމަންޓް) ކަމަށެވެ.

މި ތިން ކެޓަގަރީ އުވާލުމަށް ސަރުކާރުން ނިންމުމާ ގުޅިގެން ވަރަށް ގިނަ ބައެއްގެ ފާޑު ކިޔުން ދަނީ ސަރުކާރަށް އަމާޒުވަމުންނެވެ. އެގޮތުން ކެޓަގަރީތައް އުވާލަން ނިންމީ ބޭއިންސާފުން ކަމަށް ބައެއް ރައްޔިތުން ގަބޫލު ކުރެއެވެ.

ފްލެޓުތަކުގެ މައްސަލަ އަލުން ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ފްލެޓު ކޮމެޓީން އެ މައްސަލަ އަލުން ބެލުމަށް ފަހު ހިޔާ މަޝްރޫއުގެ އަށް ކެޓަގަރީއަކުން ދާއިމީ ލިސްޓު މިހާރު ވަނީ އިއުލާނުކޮށްފައެވެ. އެއީ ޑޮކްޓަރުންނާއި ނަރުހުންނަށް ހާއްސަ ކެޓަގަރީ، ޓީޗަރުންގެ ކެޓަގަރީ، މާލޭ ރަށްވެހިންނަށް ހާއްސަ ކެޓެގަރީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ކެޓަގަރީ، މާލޭގެ ދަފްތަރުގައި ރަޖިސްޓަރީކޮށްފައިވާ މީހުންނަށް ހާއްސަ ކެޓަގަރީ، އެކަނިވެރި މައިންނާއި ބަފައިންނަށް ހާއްސަ ކެޓަގަރީ، ސިވިލް ސާވިސް މުވައްޒަފުންނަށް ހާއްސަ ކެޓަގަރީ އަދި ކައިވެނިކޮށްގެން އުޅޭ މީހުންނަށް ހާއްސަ ކެޓަގަރީގެއެވެ.