ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ މަސައްކަތްތައް ކުރިއަށް ގެންދާ ދަރުބާރުގެއިން ހަ މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
އެޗްއީއޯސީއިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޑިރެކްޓަރު އަހްމަދު ނާސިރު ވިދާޅުވީ މާލެ ސަރަހައްދުގައި ވަރަށް ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާ ކަމަށާއި ކޮވިޑްގެ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވާ ބަޔަކުވެސް ބައްޔަށް ހުށަހެޅިފައިވާ ކަމަށެވެ. އެގޮތުން ދަރުބާރުގޭގައި މަސައްކަތް ކުރާ ޓީމުން ހަ މީހުން ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
ނާސިރު ވިދާޅުވި ގޮތުގައި ދަރުބާރުގެއިން ޕޮޒިޓިވްވި މީހުންގެ ޑައިރެކްޓް ކޮންޓެކްޓްސްގެ ގޮތުގައި 29 މީހަކު އެބަތިއްބެވެ. އެ އެންމެން ވެސް މިހާރު ކަރަންޓީންކޮށްފައިވާ ކަމަށެވެ.
ނަސީރު ވިދާޅުވީ ދަރުބާރުގޭ ތެރޭގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް މިހާރު އިތުރަށް ވަރުގަދަކޮށް، ހަރުދަނާ ކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.
މާލެ ސަރަހައްދުގައި ކޮވިޑް ކޭސްތައް އިތުރު ވެ، އެކްޓިވް ކޭސްގެ އަދަދު ވަނީ 2400 އިން މައްޗަށް އަރައިފައެވެ. މިއަދުވެސް 145 މީހަކު ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރެއިން 89 މީހުންނަކީ މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުންނެވެ. މިއަދުގެ ނިޔަލަށް ރާއްޖެއިން 18،612 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.
މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދުވެސް ވަނީ މި މަހު ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން އިއްޔެ 60 ވަނަ މީހާ ކޮވިޑް ޖެހިގެން މަރުވެފައިވާއިރު، މިއީ މި ބަލީގައި މި މަހު މަރުވި އަށް ވަނަ މީހާއެވެ.
ޚަބަރު
ޚަބަރު
ޚަބަރު