ކޮވިޝިލްޑް ވެކްސިން ޖެހި ފަހުން ނިޔާވި އުމުރުން 93 އަހަރުގެ މީހާގެ އަނބިމީހާ ވެސް ނިޔާވެއްޖެ އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޑިރެކްޓަރު އަހުމަދު ނާސިރު ވިދާޅުވީ ގދ. ގައްދޫގައި މިރޭ 81 އަހަރުގެ އަންހެނަކު ނިޔާވެފައިވާ ކަމަށާއި އެ މީހާއަކީ އިއްޔެ ނިޔާވި 93 އަހަރުގެ ފިރިހެން މީހާގެ އަންހެނުން ކަމަށެވެ.

ނާސިރު ވިދާޅުވީ އެ އަންހެން މީހާއަކީ ވެސް ނިޔާވި ފިރިހެން މީހާއާއެކު މިދިޔަ ބުދަ ދުވަހު ކޮވިޑް ވެކްސިން ޖެހި މީހެއް ކަމަށެވެ. އަދި އެ މަރު ތަހުގީގު ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

އެޗްޕީއޭ އިން ކުރިން ބުނީ، ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ނިޔާވި އުމުރުން 93 އަހަރުގެ ފިރިހެން މީހާއަކީ ފާއިތުވި ދިހަ އަހަރު އެނދުމަތި ކޮށްގެން ފަރުވާދެމުން ދިޔަ މީހެކެވެ. އަދި އެ މީހާއަކީ އެކި ބަލިތަކަށް ދިގު މުއްދަތަށް ބޭސްކުރަމުންދިޔަ މީހެއް ކަމަށް ވެސް ބުންޏެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި މި ދެމަފިރިންނަކީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ ބައްޕަ ފަރާތު މާމަ އާއި ކާފަ އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕުގެ މެންބަރު ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ ވެކްސިނާ ގުޅޭ ކަންކަން ބެލުމަށް ހާއްސަ ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށާއި އެ ކޮމިޓީން ހުރިހާ ލިޔެކިޔުމެއް ބަލާނެ ކަމަށެވެ. އަދި ޑޮކްޓަރުންގެ ލަފާ ހޯދަންޖެހޭނަމަ އެކަން ވެސް ކުރިއަށް ގެންދާނެ ކަމަށާއި އެ ދެ މީހުން މަރުވި ސަބަބު ހޯދައި ބަލާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހަން ފަށާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ. ރާއްޖޭގައި ޖަހަމުން އަންނަނީ އިންޑިއާ އިން ހަދިޔާ ކުރި ކޮވިޝީލްޑް ވެކްސިނެވެ. އެގައުމުން ވަނީ ކޮވިޝީލްޑް ވެކްސިންގެ އެއް ލައްކަ ޑޯޒް ރާއްޖެއަށް ހަދިޔާކޮށްފައެވެ.

މާލޭގެ އިތުރުން އަތޮޅުތެރޭގައި ވެސް ވެކްސިނޭޝަން ޕްރޮގްރާމް ބާރަށް ކުރިއަށްގެންދާއިރު، މިހާތަނަށް ރާއްޖެއިން ވަނީ ޖުމްލަ 70،009 މީހަކު ވެކްސިން ޖަހައިފައެވެ.