އެއީ ހަމައެކަނި މަޝްހޫރު ފިލްމީ ތަރިއެއް ނޫނެވެ. ކުޅިވަރު އާއިލާ، ފުޓުބޯޅަ އާއިލާގެވެސް އެކުވެރިޔެކެވެ. ކޮއްޔަ ހަސަން މަނިކު ކޮވިޑް 19ގައި ނިޔާވި ހަބަރާއެކު ފުން ހިތާމައެއްގެ ތެރެޔަށް ގެނބިގެން ދިޔައީ ފިލްމް އިންޑަސްޓްރީ އެކަންޏެއް ނޫނެވެ، އެ ޚަބަރާ އެކު މުޅި ފުޓުބޯޅަ އާއިލާއަށްވެސް ހިތާމަ ގެނުވައިފިއެވެ. ޚާއްސަކޮށް ރާއްޖޭގެ އެންމެ ކާމިޔާބު ކްލަބު ނިއު ރޭޑިއަންޓަށް ހަސަން މަނިކު ޚާއްސައެވެ. ކްލަބުގެ އިޚުލާސްތެރި، ކްލަބު ދެކެ އިންތިހާއަށް ލޯބިވާ ސަޕޯޓަރެއްގެ ގޮތުގައެވެ. ފުޓުބޯޅައަށް ލޯބިކުރި، ކުޅުންތެރިންނާއި ކޯޗުންގެ އިތުރުން އޮފިޝަލުންގެ މަޖާ، ސަކަ މިޒާޖުގެ އެކުވެރިއެއްގެ ގޮތުގައެވެ.

އުމުރުން 67 އަހަރުގައި ހަސަން މަނިކު މިއަދު ހެނދުނުގެ ވަގުތެއްގައި ނިޔާވީ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނިކޮށެވެ. 30 ވަރަކަށް އަހަރު ދުވަހު ކެމެރާގެ ކުރިމަތީގައި އެތައް ބައެއްގެ ލޯބި ހޯދި ހަސަން މަނިކަކީ، ގަލޮޅު ދަނޑުގެވެސް މޫނެކެވެ. ގައިގައި ދަވާދުލައި، ކްލަބު ލޯބީގައި ދަނޑަށް ވަދެ އެތައް ސަޕޯޓެއް ކުރި ސަޕޯޓަރެކެވެ. އެއީ ބެރައި ނެށުމާއެކު ކުޅުންތެރިންނަށް ހިތްވަރުދީ، ކުޅުންތެރިންގެ ހިތްހަމަ ޖައްސައިލަން އެއްވަނައެވެ. މިޒާޖުގެ ގޮތުން އެންމެހައި ޒުވާނުންނަށްވެސް ހެޔޮވަރު، އެންމެންގެ އިހުތިރާމު ހޯދައި، ހެޔޮ ނަސޭހަތް ދޭ ވިސްނުންތެރިއެކެވެ.

ރާއްޖޭގެ ފުޓުބޯޅަ ފޯރި އެންމެ ގަދައިރު ހަސަން މަނިކު ދަނޑުން ނުފެންނަ މެޗެއް ނުދެއެވެ. އެ ކުޅިވަރަށް ލޯބި ދިނުމުގެ އިތުރުން ނިއު ރޭޑިއަންޓަށް އޭނާ ދިން ލޯބި ތާއަބަދަށް ދެމިގެން ދިޔައެވެ. ކްލަބު ކުޅުންތެރިންގެ ހިތްވަރަށް، ހަސަން މަނިކަކީ ކްލަބާއެކު އެތަކެއް ދަތުރެއްވެސް ކުރި ސަޕޯޓަރެކެވެ. ހުރިހާ ކުޅުންތެރިންނާއެކު ސަކަރާތް ޖެހުމުގެ އިތުރުން އެންމެ ހެޔޮ ނަސޭހަތްދީ، ކްލަބުގެ ކާމިޔާބަށް ކޮށްދޭން ޖެހުނު ކޮންމެ ކަމެއް ހަސަން މަނިކު ވަނީ ކޮށްދީފައެވެ.

ކެރިއަރުގައި ތިން ފަހަރެއްގެ މަތިން ނިއު ރޭޑިއަންޓަށް ކުޅެ، އެ ކްލަބުގެ ކޯޗުކަންވެސް ފަހުން ކޮށްފައިވާ ސޮބާހް މުހައްމަދު (ސޮބާ)ގެ ކޯޗުކަމުގައި ހަސަން މަނިކާއެކު ކްލަބު ގޮވައިގެން ދަތުރެއް ކޮށްލުމުގެ ފުރުސަތު ސޮބާއަށް ލިބިފައިވެއެވެ. އެއީ އެންމެ ގާތުން ހަސަން މަނިކުގެ މިޒާޖާ، ގުޅުންތެރިކަން، ސޮބާއަށް އިހުސާސް ކުރެވުނު ފަހަރެވެ.

"ލާއޯސްއަށް ޓީމު، ނިއު ރޭޑިއަންޓާއެކު ދިޔައިރު ގެންދިޔަ ސަޕޯޓަރެއް ހަސަން މަނިކަކީ. ފަރިތަކުރުންތައް ނިންމާލާފައި މެޗުގެ ކުރިން ހަސަން މަނިކުވެސް އެއްޗެއް ބުނެލާނެ. އެ ހަނދާންތައް އެބަހުރި ވަރަށް ގާތުން. އަބަދުވެސް ފުޓުބޯޅައިގެ ތެރޭގައި އުޅޭނެ. ދަނޑުން ފެންނާނެ ބަރާބަރަށް. މަގުމަތިން ފެނުނަސް، ސައި ހޮޓަލުން ފެނުނަސް ގޮވާލައި ވާހަކަ ދައްކާނެ. ހަސަން މަނިކަކީ ވަރަށް މަޖާ، މީހުންނާ ގުޅޭ، ހިތްހޮޔެ މީހެއް. ޓީމުގެ ހުރިހާ އެންމެން މޯޓިވޭޓް ކޮށްލާ މީހެއް. ހަސަން މަނިކު ނިޔާވުމަކީ ފުޓުބޯޅަ އާއިލާއަށް ގެއްލުނު ވަރަށް ބޮޑު އެއްޗެއް. ވަރަށް އަސަރުކުރި އެ ހަބަރާއެކު،" ސޮބާ "ވަން" އަށް ބުނެފައިވެއެވެ.

ސޮބާގެ ނަޒަރުގައި "ޒުވާން ހުރިހާ ކުދިންނާ ގުޅޭ" ހަސަން މަނިކަކީ އޭއެފްސީ މުބާރާތްތަކަށް ކޮންމެ ދަތުރެއްގައިވެސް ގެންދަން ޖެހޭ ފަދަ، ޓީމުގެ ދެކެ އެހާ ލޯބިވާ، އިޚުލާސްތެރި ސަޕޯޓަރެކެވެ.

"ރެފްރީއަކީވެސް ކަލޭ، ސެންޓަ ފޯވަޑަކީވެސް ކަލޭ. ސެންޓަ ހާފަކީވެސް ކަލޭ.... މި ޑައިލޮގްވެސް ޖައްސާލާނެ ޓީމާއެކު ދަތުރުތަކުގައި އުޅޭއިރު. އެއީ ވަރަށް ހަނދާން ވެގެންދާ ތަންކޮޅެއް. އެކުގައި އުޅެލަން ވަރަށް އުފާވެރި މީހެއް. ޒުވާން ކުދިންނާ ގުޅޭ، ޓީމަށް މަރުދޭ. މީހެއް. ގެއްލިގެން އެ ދިޔައީ ފުޓުބޯޅައިގެ ވަރަށް ބޮޑު މީހެއް. ޚާއްސަކޮށް ނިއު ރޭޑިއަންޓް ފުޓުބޯޅަ އާއިލާއަށް ގެއްލިގެން ދިޔަ މަޖާ، އެކުވެރިއެއް،" ސޮބާ ބުންޏެވެ.

ސޮބާގެ ހަނދާނުގައި ހުރި ޑައިލޮގް ކޮޅަކީ ރާއްޖޭގެ އޭރުގެ މަޝްހޫރު ކޮމޭޑިއަނުން ކަމަށް ވާ ފީބޯ އަހުމަދު މަނިކާއި އަހުމަދު ޝާހިދު ހަލީމާ އެކު 1990ގެ ކުރީކޮޅު ޓީވީއެމުން އުފެއްދި "ބަޚަބަރު"ގައި ހަސަންމަނިކު އެ ދެއްކި ހުނަރެވެ. އެ ސިލްސިލާއަށް ދިވެހީންގެ ތެރެއިން ބޮޑު މަގުބޫލުކަމެއް ލިބި، އެ ޑައިލޮގްތަކަކީ މިހާރު އިވުނަސް ހެވޭ މަޖާ ޑައިލޮގްތަކެކެވެ. މިއަދާ ހަމައަށްވެސް އެ މަންޒަރުތަކަކީ ދިވެހީންނަކަށް ހިތްހަމަ ޖެހުން ގެނެސްދޭ މަންޒަރުތަކެކެވެ.

ސޮބާ ފުޓުބޯޅަ ކުޅުނު ދުވަސްވަރުވެސް ނިއު ރޭޑިއަންޓާއެކު ވަރުގަދައަށް ހުރި ހަސަން މަނިކަކީ ކުޑަ މޫސަމެން ޒަމާނުން ފެށިގެންވެސް ފުޓުބޯޅަ އާއިލާގެ ބޮޑެކެވެ. ދެގޮތެއް ނުވެ ހުރި ނަމޫނާ ސަޕޯޓަރެކެވެ. އެންމެ އެންމެ މަޖާ، އެންމެންގެ އެންމެ ގާތް އެކުވެރިއެކެވެ. ވަކިވެގެން އެ ދިޔައީ ކްލަބު ނިއު ރޭޑިއަންޓްގެ އިތުރުން ދިވެހި ފުޓުބޯޅައިގެ ހިދުމަތްތެރިއެކެވެ.