ޕްރޮގްރެސިވް ކޯލިޝަނުން ދެން މާލޭގައި މުޒާހަރާ ކުރާނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސްޕްރިޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ، ކޮވިޑާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ފިޔަވަޅުތައް ހަރުކަށިކޮށްފައިވާ އިރު، ޕީޕީއެމްއާއި ޕީއެންސީން އިންތިޒާމުކޮށްގެން މާލޭގައި ގަވައިދާ ހިލާފަށް އެއްވުންތައް ބާއްވަމުންދާ ކަމަށެވެ.
ޝަރީފް ވިދާޅުވީ، އިދިކޮޅުގެ އެއްވުންތަކާ ގުޅިގެން އިދިކޮޅު ފަރާތްތައް ތަކުރާރުކޮށް ފުލުސް އޮފީހަށް ގެނެސް ނަސޭހަތްދީފައިވާނެ ކަމަށެވެ. ނަމަވެސް އެއްވުންތަކަށް ހުއްޓުމެއް އައިސްފައި ނުވާ ކަމަށާއި އެހެންކަމުން އެފަދަ ކަންކަން ކުރާނަމަ ވަގުތުން ފިޔަވަޅު އަޅާނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
"ކުރިއަށް އޮތް ތާނގައި މިފަދަ އެއްވުންތައް ބާއްވަމުންދާ ކަމުގައިވަނީ ނަމަ އެކަމަކީ ގާނޫނު ހިންގުމަށް ހުރަސްއެޅުން ނުވަތަ ދައުލަތުގެ ހިންގުމަށް ހުރަސްއެޅޭ ފަދަ ކަމަކަށްވާތީ ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް ފުލުހުން އަޅަމުން ގެންދާނަން،" ޝަރީފް ވިދާޅުވިއެވެ.
ފުލުހުން ބުނީ އެއްވުމެއް ބާއްވާނަމަ ވީހާވެސް ކުޑަކޮށް ބާރުގެ ބޭނުންކޮށްގެން ވަގުތުން އެ އެއްވުމެއް ރޫޅާލާނެ ކަމަށެވެ.
"މިފަދަ އެއްވުންތަކުގެ ބައިވެރިންނަށް އަޅުގަނޑު ދަންނަވަން އޮތީ މިއީ އެޗްޕީއޭގެ ގައިޑްލައިނާއި ގާނޫނާ ހިލާފަށް ހިންގާ އަމަލުތަކެއް ކަމަށްވާތީ މިފަދަ އެއްވުންތަކުގައި ބައިވެރިނުވުމަށް،" ޝަރީފް ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ، އެފަދަ އެއްވުންތަކުގެ ސަބަބުން އެތައް ބަޔަކު ކޮވިޑަށް ހުށަހެޅިގެންދާތީ އެފަދަ އެއްވުންތަކަށް ޖާގަ ނުދެވޭނެ ކަމަށެވެ.
މާލޭ ސަރަހައްދުގައި ދިހަ މީހުންނަށް ވުރެ ގިނައިން އެއްވެ އުޅުމަކީ މަނާ ކަމެކެވެ. ނަމަވެސް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ދަނީ މި ފަހަކަށް އައިސް ސިލްސިލާ ގޮތެއްގައި އެޗްޕީއޭގެ އެ ގައިޑްލައިނާ ހިލާފަށް މާލޭގައި މުޒާހަރާކުރަމުންނެވެ. އެގޮތުން މިއަދުވެސް އެ ކޯލިޝަނުން މަގުމަތީގައި މުޒާހަރާކުރިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު