އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މާލޭގައި މިއަދު ކުރިއަށްގެންދިޔަ މުޒާހަރާ ފުލުހުން ރޫޅާލައިފިއެވެ.

މިއަދު ހަވީރު ޕީޕީއެމްގެ އޮފީސް ކައިރިން ފެށި އެ މުޒާހަރާގައި ދިހަ މީހުންނަށް ވުރެ ގިނަ މީހުން ބައިވެރިވިއެވެ. ފުލުހުން ވަނީ މުޒާހަރާގެ ތެރެއިން ބައެއް މީހުންގެ ގަޔަށް ޕެޕާ ސްޕްރޭވެސް ޖަހައިފައެވެ.

މިއަދުގެ މުޒާހަރާގައި އިދިކޮޅުން ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްތިއުފާއަށް ގޮވާލައިފައެވެ. އަދި ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން މިނިވަންކޮށް ރައްޔިތުންނަށް ގެއްލިފައިވާ އިންސާފު ހޯދައިދިނުމަށްވެސް އިދިކޮޅުން ގޮވާލައިފައިވެއެވެ. މީގެ އިތުރުން ހިޔާ ފްލެޓް ހައްގުވާ މީހުންނަށް ފްލެޓް ދިނުމަށްވެސް ގޮވާލައިފައިވެއެވެ.

އިދިކޮޅު މުޒާހަރާ ރޫޅާލައިފައިވަނީ ނަސޭހަތްދީ އިންޒާރު ދިނުމަށްފަހު ވެސް މުޒާހަރާގެ ބައިވެރިން ފުލުހުންގެ އަމުރަށް ކިޔަމަން ނުވުމުންނެވެ. މުޒާހަރާގައި ބައެއް މީހުން ހައްޔަރުވެސް ކުރިއެވެ. ނަމަވެސް ހައްޔަރުކުރީ ކިތައް މީހުންކަމެއް އެނގިފައެއް ނުވެއެވެ.

އިދިކޮޅުން މިއަދު ކުރިއަށްގެންދިޔަ މުޒާހަރާގައި އިދިކޮޅު ލީޑާޝިޕްގެ ބައެއް ބޭފުޅުން ވަނީ ބައިވެރިވެފައެވެ.