ދިވެހިރާއްޖޭގެ ތާރީޚު

މީގެ ސަތޭކަ އަހަރު ކުރިން އައްޑުއަތޮޅު

މުހައްމަދު ނާޖިހު

އައްޑު އަތޮޅަކީ ދިވެހިރާއްޖޭގެ އަތޮޅުތަކުގެ ތެރެއިން އެންމެ ދެކުނުގައި އޮތް އަތޮޅެވެ. ވެރިރަށް މާލެއާ އެންމެ ދުރުގައި އޮތް އަތޮޅުވެސްމެއެވެ. ތަބީއީ ގޮތުން ދިވެހިރާއްޖޭގެ އަތޮޅުތައް އެތުރިފައި އޮތް ގޮތަށް ބަލާއިރު ހުވަދުއަތޮޅާއި ފުވައްމުލަކާއެކީ އައްޑުއަތޮޅަކީ އެހެން ހުރިހާ އަތޮޅަކާ މުޅީން ވަކީން އެކަހެރިކޮށް އޮތް ތިން އަތޮޅެވެ. މިގޮތުން ހުވަދޫ ކަނޑޭ ކިޔާ ފަސްދޮޅަހަކަށް މޭލުގެ ކަނޑެއް ރާއްޖޭގެ އެހެން އަތޮޅުތަކާއި ހުވަދޫ/ފުވައްމުލައް/އައްޑޫ ހިމެނޭ ބަޔާ ދެމެދު އޮވެއެވެ. އައްޑުއަތޮޅު އޮންނަނީ ހުވަދުއަތޮޅުގެ ވެސް ފަންސާހަކަށް މޭލު ދެކުނުގައެވެ. ފުވައްމުލައް އޮންނަނީ ހުވަދުއަތޮޅާ އައްޑުއަތޮޅާ ދެމެދު އައްޑުއާ ތަންކޮޅެއް ކައިރީގައެވެ. އައްޑުއަތޮޅާ ފުވައްމުލަކާ ދެމެދު ހުންނަނީ ބާވީހަކަށް މޭލެވެ. އަދި އައްޑުއަތޮޅާއި ފުވައްމުލަކަކީ ދިވެހިރާއްޖޭގެ އަތޮޅުތަކުގެ ތެރެއިން ދުނިޔޭގެ ދެބައިހަމައިގެ ދެކުނުގައި އޮތް ހަމައެކަނި ދެއަތޮޅެވެ. ދިވެހިރާއްޖޭގެ ވެރިކަންކުރާ މާލެއާ އައްޑުއަތޮޅާ ދެމެދު ހުންނަނީ ގާތްގަނޑަކަށް 328 މޭލެވެ. ކުރީގެ ދިވެހިރާއްޖޭގެ އަދި މިހާރު އިންޑިޔާގެ ރަށެއް ކަމަށްވާ މަލިކުވެސް އައްޑުއަތޮޅަށް ވުރެ މާލެއާ ކައިރިއެވެ. މިގޮތުން މާލެއާއި މަލިކާ ދެމެދު ހުރީ ގާތްގަނޑަކަށް 283 މޭލެވެ.

އައްޑުއަތޮޅަކީ ދިވެހިރާއްޖޭގެ އަތޮޅުތަކުގެ ނިސްބަތުން ކުޑައަތޮޅެކެވެ. މީހުން ދިރިއުޅެނީ ޖުމުލަ 4 ޖަޒީރާއެއްގައެވެ. މި 4 ޖަޒީރާއަކީ ފޭދޫ، މަރަދޫ، ހިތަދޫ އަދި ހުޅުދޫމީދޫ (ނުވަތަ ހުޅުމީދޫ) ޖަޒީރާއެވެ. 2010 ގައި ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން (ޤަރާރު ނަމްބަރު 2010/15) އައްޑުއަތޮޅުގައި ކުރިން މީހުން ދިރިއުޅުނު އިދާރީ 6 ރަށަކީ އައްޑޫއޭ ކިޔާ އެއް ރަށަކަށް ހެއްދެވި ހިސާބުން އައްޑުއަތޮޅުގައި މިހާރު އޮންނަނީ އިދާރީ ގޮތުން މީހުން ދިރިއުޅޭ އެއް ރަށެވެ. އާދެ މިހާރުގެ ނަމުން ނަމަ އައްޑޫ ސިޓީއެވެ. ރައީސުލްޖުމްހޫރިއްޔާގެ 2010 ގެ ގަރާރުގެ ކުރިން އައްޑުއަތޮޅުގައި ހުރި އިދާރީ ރަށްތަކަކީ ފޭދޫ، މަރަދޫފޭދޫ، މަރަދޫ، ހިތަދޫ، މީދޫ އަދި ހުޅުދޫއެވެ. މަރަދޫއާއި މަރަދޫފޭދޫ އަކީ ތަބީއީ ގޮތުން އެއް ޖަޒީރާއެވެ. ހަމަ އެހެންމެ ހުޅުދޫއާއި މީދޫއަކީވެސް ތަބީ ގޮތުން އެއް ޖަޒީރާއެވެ. މަރަދޫގައި އޮންނަ މަރަދޫފޭދޫއަކީ ފޭދޫގެ އަސްލު ވަޒަންވެރިން އެތަނުގައި އާބާދުކުރުމުން މަރަދޫގައި ފޭދޫ މީހުން ދިރިއުޅޭ ސަރަހައްދަށް މަރަދޫފޭދޫއޭ ކިޔައި އުފެއްދި ރަށެކެވެ. ފޭދޫ މީހުން މަރަދޫއަށް ބަދަލުކުރީ ގަމު މީހުން ފޭދޫއަށް ބަދަލުކުރުމަށް ފަހުގައެވެ. އެއީ 1957 ގައެވެ. އެކަން އެގޮތަށް ކުރީ އައްޑުއަތޮޅު ގަމުގައި އިނގިރޭސި ޝާހީ ވައިގެ ސިފައިންގެ މަރުކަޒެއް ހެދުމަށްޓަކައި ސަރުކާރުން އިނގިރޭސީންނަށް ގަން ކުއްޔަށް ދިނުމުންނެވެ. މަރަދޫއާއި މަރަދޫފޭދޫއާ ޚިލާފަށް ހުޅުދޫ އަދި މީދޫއަކީ މުސްކުޅި ޒަމާނުއްސުރެ އެއްފަސްކޮށް އޮންނަ ވަކި ދެރަށެވެ. ފަހަރުގައި އެއީ އިހުޒަމާނުގައި ތަބީއީ ދެ ޖަޒީރާއަށްވުން އެކަށީގެންވެއެވެ.

އަޅުގަނޑު ލިޔަން ގަސްތުކޮށްގެން މިއުޅެނީ މީގެ ސަތޭކަ އަހަރު ކުރިން އޮތް އައްޑުއަތޮޅުގެ މައްޗަށެވެ. އެހެންކަމުން އޭރު ހުރި އިދާރީ ރަށްތަކަށް މިހާރު އައިސްފައިވާ ބަދަލު ކޮންމެވެސް ވަރަކަށް ހާމަކޮށްލީއެވެ. އެގޮތުން މީގެ ސަތޭކަ އަހަރު ކުރިން އައްޑުއަތޮޅުގައި ހުރި މީހުން ދިރިއުޅޭ ރަށްތަކަކީ އިރުމަތީ ފަރުގައި ހުރި ހުޅުދޫއާއި މީދޫއާއި ހުޅަނގު ފަރުގައި ހުރި ހިތަދޫއާއި މަރަދޫއާއި ފޭދޫއާއި ގަމެވެ. އައްޑުއަތޮޅުގެ މައިގަނޑު ދެފަރަކީ އިރުމަތީ ފަރާއި ހުޅަނގު ފަރެވެ. ދެފަރާތުން އަތޮޅު ވަށައިގެން ދާގޮތަށް މި ދެފަރު ވަކިވަނީ އުތުރާއި ދެކުނުން މިދެފަރު ދޭތެރޭގައި އޮންނަ ކުޑަ ދެފަރަކުންނެވެ. އެއީ އުތުރުން ކަނޑިހެރެ އޮންނަ ފަރާއި ދެކުނުން ވިލިގިލި އޮންނަ ފަރެވެ. ކަނޑިހެރެ ފަރުގެ ދެ ފަރާތުން އުތުރުން އަތޮޅުތެރެއަށް ވަދެވޭ ދެ ކަނޑުއޮޅިއެއް އޮވެއެވެ. އެއީ މާކަނޑާއި ކޮޑަކަނޑެވެ. ހަމަ އެހެން ދެކުނުން ވިލިގިލީ ފަރުގެ ދެފަރާތުން ވެސް އަތޮޅުތެރެއަށް ވަދެވޭ ގޮތަށް ދެ ކަނޑުއޮޅިއެއް އޮވެއެވެ. އެއީ ގަންކަނޑާއި ވިލިގިލީ ކަނޑެވެ.

ހުޅަނގު ފަރުގައި އޮންނަނީ މައި ހަތަރު ރަށެވެ. އެއީ އުތުރުން ދެކުނަށް ހިތަދޫ، މަރަދޫ، ފޭދޫ އަދި ގަމެވެ. މަރަދޫއާއި ހިތަދޫއާއި ދެމެދު ހަންކެޑެއޭ ކިޔާ ކުޑަ ރަށެއް އޮވެއެވެ. އަދި އެ ޒަމާނުގައި ހިތަދޫގެ މަރަދޫއާވީކޮޅުގައި އެެރަށާ އެއްފަސްކޮށް އޮންނަ އަބޫހެރެ، ރުއްޖެހެރެ އަދި ގައުކެނޑިއަކީ ވަކިވަކި ފަޅުރަށްރަށުގެ ގޮތުގައި ބަލާ ތަންތަނެވެ. ހިތަދޫގެ ހުޅަނގު އުތުރުކޮޅުގައި ފަޅުތެރޭގައި ކޯއްޓޭ ކޮޅުން ގޮސް ދެމިފައި އޮންނަ ކުދި ރަށްފައްޗެއް އޮވެއެވެ. ހަމައެހެންމެ މަރަދޫއާއި ފޭދޫއާއި ގަމުގެ ފުއްޓަރުފަރާތުން ފަރުމަތީގައި ވެސް ކުދިރަށްރަށް ހުރެއެވެ.

އިރުމަތީ ފަރުގައި އޮތީ އެއްފަސްކޮށް އޮތް މީހުން ދިރިއުޅޭ ވަކި ދެރަށުގެ ގޮތުގައި އޮންނަ މީދޫއާއި ހުޅުދޫއެވެ. މީދޫގެ ހުޅަނގު އުތުރު ފަރާތުގައި ގާމަތީ ކުދިރަށްތައް ހުރެއެވެ. ހަމަ އެހެންމެ ހުޅުދޫގެ ދެކުނުން ވެސް އެެއްރަށް އަނެއްރަށާ ގުޅިފައި އޮތް ރަށްފައްޗެއް އޮވެއެވެ. އަދި އޭގެ ދެކުނުން ވަކިން ހުރި ރަށްތަކެއް ވެސް ހުރެއެވެ.

އައްޑުއަތޮޅުގައި ހުރި ރަށްތަކުގެ ތެރެއިން އާބާދީގެ ގޮތުންނާއި ބިމުގެ ގޮތުން އެންމެ ބޮޑު ރަށަކީ ހިތަދޫއެވެ. ހިތަދޫ އޮންނަނީ 9 އަވަށަކަށް ބައިކޮށްފައެވެ. އެޗް.ސީ.ޕީ. ބެލްގެ މޮނޮގްރާފްގައި ލިޔުއްވާފައިވާ ގޮތުން އެ އަވަށްތަކަކީ ކޮރޮވައު، ބޭރުމަތި، ބަލަޔޯގަނޑަ، ކޯއްޓޭ، އޮޑެއްސައު، މަދިރިކޯ، ދޮންކަލޭފާނު، ތުނޑި، މާމެންދޫ އެވެ. މިތަނުން މީހުން އުޅެނީ ފުރަތަމަ ބަޔާންކުރެވުނު ތިން އަވަށުގައެވެ. 1921 ގެ ބޯހިމެނުމުގެ ހިސާބު ބުނާ ގޮތުން ހިތަދޫގައި 276 ގޭގައި 934 ފިރިހެނުންނާއި 837 އަންހެނުންނާއެކު ޖުމުލަ 1771 މީހުން ދިރިއުޅުނެވެ.

ގަސްގަހާގެއްސާއި ހައްދައިއުޅޭ ގޮވާމުގެ ބާވަތްތަކަށް ބަލާއިރު ހިތަދޫއާ ވާދަކުރެވޭނެ އިތުރު ރަށެއް އައްޑޫގައި އޭރަކު ނެތެވެ. ހިތަދޫގެ ރައްޔިތުންނަކީ ފުދުންތެރިކަމާއެކު ފާގަތި ދިރިއުޅުމެއް އުޅޭ ބައެކެވެ. ރަށުގެ ރައްޔިތުންނަކީ ސިއްހަތު ރަނގަޅު ސަމައްތަރު ހެޔޮ އަދަބުސަދަބު ދަންނަ ހީވާގި ބައެއްވެސް މެއެވެ. ޒަމާނާ އެކަށޭނެ ފަދަ ގޮތަކަށް ގޯތިގެދޮރާއި މަގުތައް ހަދާފައިވާ ތާހިރު ރަށެކެވެ. ރަށުގެ މީހުންނަކީ މަސައްކަތްތެރި ބައެކެވެ. މަސްވެރިކަމާއި ވިޔަފާރި ދަތުރުތައް ކުރުމާއި މި ބާވަތުގެ އެހެނިހެން ބޭނުންތަކަށް ފުރާދުއްވާ ގިނަ އޮޑިދޯނި ފަހަރު ރަށުގައި ހުރެއެވެ.

އިސްދޫ ދަރިކޮޅުން ދިވެހިރާއްޖޭގައި ރަސްކަންކުރެއްވި އައްސުލްތާނު ހަސަން 10 ގެ މަހާނަ ހުރީ ހިތަދޫ ތަކުރުފާނު މިސްކިތު ގަބުރުސްތާނުގައި ހުރި ބިސްތާނައެއްގައެވެ. އެއީ މީލާދީން 1701 ގައި ކުޑަދުވަސްކޮޅަކު ތަޚުތުގައި ވެޑުވުނު ރަސްކަލެކެވެ. އެރަދުންގެ ދެބެއިންގެ ދެދަރި ބޭބެ އެ ރަދުން ތަޚުތުން ބާއްލުވައްވައި ރަސްކަލަކަށް ވެވަޑައިގެންނެވީއެވެ. އެއީ މަޝްހޫރުކު މުޒުހިރުއްދީން ރަސްގެފާނެވެ. މުޒުހިރުއްދީން ރަސްގެފާނުގެ ރަސްކަމުގައި ހަސަން ރަސްގެފާނު ގެންގުޅުއްވީ ފުރިހަމަ އިއްޒަތާއެކުގައި ރަސްކަމުގެ ކޮއިލުތެރޭގައެވެ. އޭގެ ހަތަރު އަހަރު ފަހުން 1704 ގައި މިދެރަދުން ހައްޖަށް ވަޑައިގަތުމަށްފަހު މާލެ ވަޑައިގެންނެވި ދަތުރުފުޅުގައި ކަނޑުމައްޗަށް ގެއްލުނު ޚަބަރު ލިބި މާލޭގައި ހިނގި ގަޑުބަޑުގެ ތެރޭގައި ބޮޑުވަޒީރު ދިޔަމިގިލީ މުހައްމަދު ދޮށިމޭނާ ތަކުރުފާނު ރަސްކަމަށް އިސްވެ ވަޑައިގަތީއެވެ. އޭގެ ފަހުން ކުރީގެ ދެރަދުން ހެޔޮހާލުގައި ރާއްޖެ ވަޑައިގެންނެވުމުން ފުވައްމުލަކަށް އަރުވާލެއްވީއެވެ. އަދި ދުވަސްކޮޅެއް ފަހުން ހަސަން ރަސްގެފާނު ހިތަދޫއަށް ބަދަލުކުރެއްވީއެވެ. އެރަދުން އަވަހާރަވީ 1765 ގައި އަރުވާލައްވާފައި ހުންނަވާތާ 60 އަހަރަށްވުރެ ގިނަ ދުވަސްވީ ފަހުންނެވެ. އެރަދުންގެ ދަރިކޮޅު މުޅި އައްޑުއަތޮޅަށް ފެތުރިފައިވެއެވެ. އައްޑޫގައި އުޅުއްވާ މަނިކުފާނުންނާއި ރަހާ، ރަނާއިންނަކީ އެދަރިކޮޅުގެ ބޭބޭފުޅުންނެވެ. ދިވެހި ބަހުގެ އަދީބު އަދި އެރަދުންގެ ކާފަ ދަރިކަލުން މަޝްހޫރު ބަނޑޭރި ހަސަން މަނިކުފާނު ވެސް ފަސްދާނު ލެވިފައިވަނީ ތަކުރުފާނު މިސްކިތު ގަބުރުސްތާނުގައެވެ.

ހުޅަނގު ފަރުގެ ރަށްތަކުގެ ތެރެއިން މީހުން ދިރިއުޅޭ ދެވަނަ ރަށަކީ މަރަދޫއެވެ. މަރަދޫ އޮންނަނީ ހަންކެޑެއޭ ކިޔާ ފަޅުރަށާއި ފޭދޫއާ ދެމެދުގައެވެ. މިއީ ހަނިކޮށް ދިގުކޮށް އޮންނަ ރަށެކެވެ. ރަށުގައި މީހުން ދިރިއުޅެނީ ރަށުގެ މެދުތެރޭގައެވެ. މީހުން ދިރިއުޅޭ ދެ އަވަށަކީ މެދެއަވަށާއި ވަލިބުރިއެވެ. ރަށުގެ ދެކޮޅުގައި އޮންނަ މީހުން ނޫޅޭ ދެ ސަރަހައްދަކީ ހުޅަނގުއުތުރު ކޮޅުން ވެންބޮޅޮފިށިއާއި އިރުދެކުނު ކޮޅުން ދަރުމަކެޑެއެވެ. މި ދެ ސަރަހައްދަކީ މަރަދޫގެ ދަނޑުގޮވާންކުރާ ބިމެވެ. މަރަދޫގެ އާބާދީއަކީ 170 ފިރިހެނުންނާއި 158 އަންހެނުންނާއެކު ޖުމުލަ 328 އެވެ. އެމީހުން ދިރިއުޅުނީ 62 ގެއެއްގައެވެ. މަރަދޫގައި ތާރީޚީ ގޮތުން ފާހަކޮށްލެވޭ ތަނަކަށް ހުރީ މަރަދޫ އިސްލާމްކުރެއްވި ގާދިރީކަލޭގެފާނުގެ ޒިޔާރަތާއި މަރަދޫ ދަނޑިވަރަ ޒިޔާރަތެވެ.

ވިހިވަނަ ގަރުނުގެ ކުރީކޮޅު ރާއްޖެއަށް ޒިޔާރަތްކުރައްވައި ދިރާސާތައް ކުރެއްވި އިނގިރޭސި ޒޫލޮޖިސްޓް ޖޯން ސްޓޭންލީ ގާޑިނަރ ލިޔުއްވާފައިވާ ގޮތުން މަރަދޫއަކީ އައްޑުއަތޮޅުގެ ރަށްތަކުގެ ތެރެއިން ގަސްގަހާގެހި ހެދުމަށްޓަކައި ބިންގަނޑު އެންމެ މޮޅު ރަށެވެ. ހުޅުދޫއާއި މީދޫއަށް ވުރެވެސް މިރަށުގައި ގަސްހެދޭލެއް ރަނގަޅެވެ. މީހުންދިރިއުޅޭ އަވަށްތެރެ ފުރިފައިވަނީ ބިޔަ ބަނބުކެޔޮ ގަސްތަކުންނެވެ. އަދި ގިނަ ގޯތިތަކުގައި ބޮޑުކެކުރިއާއި، ފުފޫ، ޗިޗަންޑާ، ބަރަބޯ ފަދަ ބާވަތްތައް ހައްދާފައިވެއެވެ. އުސްކޮށް ހެދިފައިވާ ދިވެހިރުކާއި ފެންފޯއް ރުކާއި ފުނަގަހާއި މިދިލިގަހާއި ކާނިގަހާއި މިފަދަ ގަސްތަކުގެ ބޮޑު ޖަންގައްޔެއް މިރަށުގައި އޮވެއެވެ. އަދި މިބޮޑު ޖަންގަލީގެ އެތަންމިތަނުގައި ލުނބޯގަހާއި ކުންނާރާއި އަންނާރު ފަދަ ބާވަތްތަކުގެ ގަސްތައްވެސް ހެދިފައިވެއެވެ. އަދި ގާޑިނަރ ލިޔުއްވާފައިވާ ގޮތުން މަރަދޫގައި އޮރެންޖު ވެސް ހުރެއެވެ. ފަހަރެއްގައި އޭނާ އެ ލިޔުއްވި އޮރެންޖަކީ ނާރިނގު ކަމަށްވެދާނެއެވެ.

ހުޅަނގު ފަރުގައި ހުރި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ދެން އޮތް ރަށަކީ ފޭދޫއެވެ. މިރަށް އޮތީ މަރަދޫއާއި ގަމާ ދޭތެރޭގައެވެ. މަރަދޫއާއި ފޭދޫއާ ދޭތެރޭގައި ފުއްޓަރު ފަރާތު ފަރުމަތީގައި ތިން ހަތަރު ހުރައެއް އޮވެއެވެ. ފޭދޫއަކީ މަރަދޫއަށްވުރެ ކުރު އެން ނަމަވެސް މެދުން ކުޑަކޮށް ފުޅާ ރަށެކެވެ. ބިންމޮޅެވެ. މަރަދޫގައި ހެދޭ ގިނަ ބާވަތްތައް ހެދެއެވެ. އައްޑުއަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން އެންމެ ކުޑަ ރަށަކީ ފޭދޫއެވެ. ފޭދޫގައި މީހުން ދިރިއުޅެނީ މެދެއަވަށުގައެވެ. އުތުރުކޮޅާއި ދެކުނުކޮޅަކީ ދަނޑުގޮވާންކުރާ ބިމެވެ. މުޅި އައްޑުއަތޮޅުން އާބާދީ އެންމެ މަދީ ވެސް މިރަށުގައެވެ. 1921 ގެ ބޯހިމެނި ހިސާބުގައިވާ ގޮތުން ފޭދޫގައި އުޅުނީ 108 ފިރިހެނުންނާއި 105 އަންހެނުންނާއެކީ ޖުމުލަ 213 މީހުންނެވެ. މި 213 މީހުން ދިރިއުޅުނީ 39 ގޭގައެވެ.

ހުޅަނގު ފަރުގައި ދެން އޮތް މީހުން ދިރިއުޅޭ ރަށަކީ މުޅި ދިވެހިރާއްޖެއިންވެސް އެންމެ ދެކުނުގައި އޮތް ރަށްކަމަށްވާ ގަމެވެ. މިއީ ވަރަށް ބޮޑު ރަށެކެވެ. އެހެންނަމަވެސް އެހެން ރަށްތަކަށްވުރެ ރުއްގަސް ހެދޭލެއް ދެރަ ރަށެކެވެ. އެހެނެއްކަމަކު ރަށަކީ ދަނޑުގޮވާންކުރުމުގައި ކުރީގައި އުޅޭ ރަށެކެވެ. މިރަށުގައި ބަނބުކެޔޮ ވަރަށް ރަނގަޅަށް ހެދެއެވެ. އަދި ވަރަށް ގިނައިން ކައްޓަލަ ހައްދާ ރަށެއްވެސްމެއެވެ. މި ފަރުގެ އެހެން ރަށްތަކާ ޚިލާފަށް މިރަށުގެ ގެދޮރު އިމާރާތްކޮށްފައި ހުރީކީ އެހާ ތަރުތީބަކުން ނޫނެވެ. އެހެންނަމަވެސް ރަށުގެ މެދުން ހުރަހަށް ދެފަރާތުން ހިޔާދޭ ބޮޑެތި ގަސް އިންދާފައިވާ ރީތި ބޮޑުމަގެއް އޮވެއެވެ. ރަށުގެ މައިމަގަކީ މިއީއެވެ. ރަށުގެ ފާލަމުން ފެށިގެން މައިޒާންގެ ހުރަސްކޮށް ހުކުރު މިސްކިތާ ހަމައަށް މި މަގު އޮވެއެވެ. ގަމުގެ ފުއްޓަރުފަރާތު ފަރުމަތީގައި މިއަތޮޅުގެ ނަމުން ނަންކިޔާ ކުޑަ ރަށްގަނޑެއްވެސް އޮވެއެވެ.

މަހަށްދާ ހަ ދޯނި އޮންނަ މިރަށުގައި 104 ގެ ހުރެއެވެ. އަދި 304 ފިރިހެނުންނާއި 254 އަންހެނުންނާއެކު ޖުމުލަ 568 މީހުން މިރަށުގައި ދިރިއުޅެއެވެ. ގަމުގައި މީހުން ދިރިއުޅޭ އަވަށްތަކަކީ ދޫގަހާއި މަތިއެންގަނޑެވެ. މީހުން ނޫޅޭ ސަރަހައްދުތަކަކަކީ އީދިގަން، ވޭރަގަން، ރަށްތިރި އަދި ރަށްކެޑެއެވެ.

އައްޑުއަތޮޅުގެ އިރުމަތީ ފަރުގައި އޮތީ މީހުން ދިރިއުޅޭ އިދާރީ ދެ ރަށެވެ. އެއީ މީދޫއާއި ހުޅުދޫއެވެ. އައްޑުއަތޮޅުގެ ރަށްތަކުގެ ތެރެއިން ހުރިހާ ގޮތަކުން އެންމެ ކުރިއަރާފައިވާ ރަށްތަކަކީ ހިތަދޫއާއެކު މީދޫއާއި ހުޅުދޫއެވެ. ޖޯން ސްޓޭންލީ ގާޑިނަރ ހުޅުދޫއާބެހޭ ގޮތުން ލިޔުއްވާފައިވާ ލިޔުމުގައި އޮތް ގޮތުން ހުޅުދޫއަކީ ރަނގަޅު ފެންވަރުގެ ގެތައް ގިނަ ރަށެކެވެ. ކޮންމެ ގެއެއްގެ ވަށައިގެން ބޮޑު ގޯއްޗެއް އޮވެފައި އެ ޒަމާނުގައި މާލޭގެ ގޯތިގޯތީގައި ހުންނަ ފަދަ އެކިއެކި ބާވަތްބާވަތުގެ ގަސްތައް އިންދާފައި ހުރެއެވެ. ރައްޔިތުން ކައިއުޅެނީ މަހާއި ގޭގައި ހައްދާ ގަސްގަހުން ލިބޭ ތަކެއްޗެވެ. ހުސް ތަންކޮޅެއް ދޫނުކޮށް މިރަށުގައި އޮންނަނީ ގަސްހައްދާފައެވެ. އަތިރިމައްޗާ ޖެހޭންދެން އޮންނަނީ ރުއް އިންދާފައެވެ. އޮޅުދޫކަރައިގެ އައްސޭރިއަށްވުރެ ގަސްބޯވެފައި ފެއްސެވެ. ދެރަށުގެ މެދަށްވާ ގޮތަށް ހުއިހެދިފައިވާ ބޮޑު ޗަސްބިމަކާއި ކުޅިއެއް އޮވެއެވެ. މިތަނުގެ އުތުރު ބޭނުންކުރާނީ އަލައާއި ކައްޓަލަ ދަނޑުތަކެއްގެ ގޮތުގައެވެ. އަދި އެތަނާއި ކުޅިއާއި ދޭތެރޭގައި އޮންނަނީ އޮޅުއަލަ ދަނޑުތަކެވެ. އަވަށާއި ކައިރި ހިސާބުގައި އޮންނަނީ ފަތްކޭލެވެ. މި ދެރަށުގައި ވެސް ފެންފޯއް ރުއް ވަރަށް ގިނައެވެ. ކޮންމެ ގެއެއްގައިހެން ފަޅޯގަހާއި ބަނބުކެޔޮ ގަހާއި ބަރަބޮލާއި ކަރައާއި މިރުސް ހައްދާފައި ހުރެއެވެ. ބިލެތްވެސް ވަރަށް ގިނައެވެ.

މީދޫއަކީ އެތައް ޒަމާނެއް ވަންދެން ދަންނަބޭކަލުން އުފައްދަމުން އައިސްފައިވާ ރަށެކެވެ. މާލޭގައި އެންމެ ފަހަށް ފަނޑިޔާރުކަންކުރެއްވި ހަ ފަނޑިޔާރުންގެ ތެރެއިން ހަތަރު ފަނޑިޔާރުން ނިސްބަތްވަނީ މީދޫއަށެވެ. އައްޑޫގައި މިވަގުތު ހުރި އެންމެ ނަން ހިނގާ، އަތޮޅުގެ އެންމެ ގަދަރު ލިބިގެންވާ ބޭކަލަކީ ފަނޑިޔާރު ތައްކާނުގެ ދޮން މަނިކެވެ. އޭނާއަކީ އަލްޤާޟީ އިސްމާއީލް ބަހާއުއްދީންގެ ދަރިކަލުންނެވެ.

މީދޫއާއި ހުޅުދޫއަކީ ނެވިކަމުގައިވެސް އަރައިތިބި މާލިމީން ތިބި ދެރަށެވެ. މިދެރަށުގައި ވަރަށް ގިނަ އޮޑިދޯނިފަހަރު ގެންގުޅެއެވެ. މީދޫގައި 15 މިސްކިތް ހުރިއިރު ހުޅުދޫގައި 9 މިސްކިތްހުރެއެވެ. މީދޫގައި ހުންނަ ކޯގަންޱު ގަބުރުސްތާނަކީ އާސާރީ ގޮތުން ފާހަގަކޮށްލެވޭ ތަނެކެވެ. އެތަނުގައި ހުރި މިސްކިތްތަކާއި މަހާނަތަކަކީ އެރަށު މީހުން ވަރަށް ކަމޭ ހިތައިގެން ބަލަހައްޓާ ތަންތަނެވެ. ޚާއްސަކޮށް މީދޫއާއި އައްޑޫގެ ގިނަ ރަށްތައް އިސްލާމްކުރެއްވި ކަމަށްބުނާ ޔޫސުފު ނާއިބުގެ މަހާނަ ހުންނަ މެދުޒިޔާރަތަކީ ފާހަގަކޮށްލެވޭ ތަނެކެވެ.

1921 ވަނަ އަހަރުގެ ބޯހިމެނުމުގެ ހިސާބަށް ބަލާއިރު އޭރު މީދޫގެ އާބާދީއަކީ 350 ފިރިހެނުންނާއި 337 އަންހެނުންނާއެކު ޖުމުލަ 687 އެވެ. ގޭގެ އަދަދަކީ 139 އެވެ. އޭރު ހުޅުދޫގައި އުޅުނީ 474 ފިރިހެނުންނާއި 434 އަންހެނުންނާއެކު ޖުމުލަ 908 މީހުންނެވެ. ހުޅުދޫގައި އޭރު ހުރީ 162 ގެއެވެ. އެޗް. ސީ. ޕީ. ބެލްގެ މޮނޮގްރާފްގައި ބުނާ ގޮތުން މީދޫގައި މީހުން އުޅޭ އަވަށަކީ މީދޫއަވަށެވެ. މީހުންނޫޅޭ އަވަށަކީ ކޯގަންޱެވެ. ހުޅުދޫގައި މީހުން އުޅޭ އަވަށްތަކެއް ކަމަށް ލިޔުއްވާފައި އޮތީ ކޯގަނޑާއި މެދެއަވަށާއި ބުރިވަރެވެ.

1921 ގެ ބޯހިމެނުމުން ދައްކާ ގޮތުގައި މުޅި އައްޑުއަތޮޅުގެ އާބާދީއަކީ 2340 ފިރިހެނުންނާއި 2125 އަންހެނުންނާއެކު ޖުމުލަ 4465 އެވެ. އެދުވަސްވަރު ބޯހިމެނި އިރު އައްޑުއަތޮޅުގެ 8 މީހަކު މާލޭގައި ތިބި ކަމަށް ދައްކައެވެ. އެއީ މީދޫ 5 މީހަކާއި މަރަދޫ 2 މީހަކާއި ގަމު މީހެކެވެ.

މީގެ ސަތޭކަ އަހަރު ކުރިން އައްޑުއަތޮޅުގެ ރަށްރަށް އިދާރީ ގޮތުން ބަލަހައްޓަން ކޮންމެ ރަށެއްގައި ކަތީބުންނާއި މާމުދިމުންނާއި ނާއިބުން ތިބެއެވެ. މުޅި އަތޮޅުގައި ތިބި ކަތީބުންގެ ޖުމުލައަކީ 10 އެވެ. އަތޮޅުގެ ހަ ރަށުގެ ތެރެއިިން ކޮންމެ ރަށެއްގެ މާމިސްކިތް ބަލަހައްޓާ މާމުދިމަކާއި ބާކީ ހުރި މިސްކިތްތައް ބަލަހައްޓަން 42 މުދިމުންނާއި ކޮންމެ ރަށެއްގައި ނާއިބަކު ހުރެއެވެ.

މީގެ ސަތޭކަ އަހަރު ކުރިން އައްޑު އަތޮޅުގައި ހުރި އިމާރާތްތަކާއި ވެވާއި ވަޅުފަދަ ތަންތަނަށް ބަލާއިރު މުޅި އަތޮޅުގައި ޖުމުލަ 782 ގެ ހުއްޓެވެ. އޭގެ ތެރޭގައި ފަންފުރާޅުގެ 598 ގެއަކާއި ރޭނި ފަންފުރާޅުގެ 94 ގެއަކާއި ރޭނި ޓިނު ފުރާޅުގެ 2 ގެއަކާއި ރޭނި އީޓު ފުރާޅުގެ 1 ގެ ހުއްޓެވެ. މީގެ އިތުރުން 6 ނައިބުގެއާއި އިލްމު އުނގަންނައިދޭ 1 ގެއާއި ނިޔަމިކަން އުނގަންނައިދޭ 1 ގެއާއި ގުރުއާން ކިޔަވައިދޭ 42 ގެއަކާއި ބޭސްކުރާ 37 ގެ ހުއްޓެވެ. އަދި 7 މައިޒާންގެވެސް ހުއްޓެވެ. މުޅި އަތޮޅުގައި ހުރީ 48 މިސްކިތެވެ. ޖުމުލަ 35 ގަބުރުސްތާނު އޮތެވެ. 573 ވަޅު ހުރި އިރު 567 ވެވު އޮތެވެ. މިއީ ދިވެހިރާއްޖޭގެ ނިސްބަތުން ވެވު ގިނަ އަތޮޅެކެވެ. ވެވުގެ އިތުރުން ކުޅިއޭ ކިޔާ ގުދުރަތީ ފެންގަނޑުގެ 9 ތަނެއް އައްޑޫގައި އޮވެއެވެ.

1921 ގައި އައްޑޫގައި ހުރި އޮޑިދޯނިފަހަރަށް ބަލާއިރު 14 ނާލުއޮޑިއާއި 4 ނާލު ބައްތެއްޔާއި 53 މަސްދޯންޏާއި 45 ކުޑަދޯންޏާއި 1 ކުޑަ ބައްތެއްޔާއި 18 ބޮއްކުރާ އޮތެވެ. އޭގެ ގާތްގަނޑަކަށް އަހަރެއް ފަހުން 1922 ގެ ހިސާބުތަކަށް ބަލާއިރު އޮތީ ދަތުރު އޮޑީގެ 11 އޮޑިއާއި 58 މަސްދޯންޏާއި 55 ކުޑަދޯންޏާއި 11 ބޮއްކުރައެވެ.

މީގެ ސަތޭކަ އަހަރު ކުރިން އައްޑު އަތޮޅުގެ އިލްމު އުނގަންނައިދޭން ހުރި ކަމަށް ބޯހިމެނުމުގެ ހިސާބުތަކުގައި ބުނަނީ އެންމެ މީހެކެވެ. ނިޔަމިކަން އުނގަންނައިދޭންވެސް ހުރީ އެންމެ މީހެކެވެ. މި ދެ ކަމަށް ވެސް ތިބީ ދެ ފިރިހެނުންނެވެ. މީގެ އިތުރުން ގުރުއާން ކިޔަވައިދޭ 23 ފިރިހެނުންނާއި 19 އަންހެނުން ތިއްބެވެ. ބޭކެނބީންގެ ގޮތުގައި 9 އަންހެނުން ތިއްބެވެ. އަދި ބޭސްކުރާ 17 ފިރިހެނަކާއި 20 އަންހެނުން ތިއްބެވެ. ފަންޑިތަހަދާ 8 ފިރިހެނަކުވެސް އުޅުނެވެ.

މީގެ ސަތޭކަ އަހަރު ކުރިން އައްޑުއަތޮޅުގެ މަސައްކަތްތެރިކަމަށް ބަލާއިރު ފިރިހެނުންގެ މައިގަނޑު މަސައްކަތެއްގެ ގޮތުގައި ފާހަގަކުރެވެނީ މަސްވެރިކަމެވެ. އެދުވަސްވަރު ބާޒާރުގައި އެންމެ ބޮޑު އަގެއް ލިބެނީ އައްޑޫގައި ތައްޔާރުކުރާ ހިކިމަހަށެވެ. ފިރިހެނުން މަސްވެރިކަން ކުރިޔަށް މަސް ކައްކައި ހިއްކުމުގެ މަސައްކަތްކުރާ ބަޔަކީ އަންހެނުންނެވެ. 1921 ގެ ބޯހިމެނުމުގެ ހިސާބުތަކަށް ބަލާއިރު އޭރު އައްޑޫގައި 421 މަސްވެރިން ތިއްބެވެ. ފިރިހެނުން ދެވަނައަށް އެންމެ ގިނައިން ހަރަކާތްތެރިވީ ދަނޑުގޮވާން ކުރުމުގައެވެ. މިގޮތުން ގޮވާންކުރާ 233 ފިރިހެނުން އުޅުނެވެ. ތިންވަނައަށް އެންމެ ގިނަ ފިރިހެނުން ކުރި މަސައްކަތަކީ ރާވެރިކަމެވެ. އޭރު ތިބި ރާއަރާ މީހުންގެ އަދަދަކީ 167 އެވެ. މީގެ އިތުރުން ފޭރާންކުރާ 78 ފިރިހެނުންނާއި ނޯކިރީކުރާ 68 ފިރިހެނުންނާއި ވިޔަފާރިކުރާ 60 ފިރިހެނުންނާއި އަތްކަންކުރާ 52 ފިރިހެނުންނާއި ވަޑާންކުރާ 48 ފިރިހެނުންނާއި ރުކުއަޅާ 40 ފިރިހެނުން އުޅުނެވެ. ތޮށަލި ވިޔާ 14 ފިރިހެނަކުވެސް އުޅުނެވެ. މީގެ އިތުރުން ދަގަނޑު ތަޅާ 4 ފިރިހެނަކާއި ދަތުރުކުރާ 3 މީހަކާއި ފަހާ 2 މީހަކާއި ދާބަންނަ އެކަކާއި ގަތާފަހާ އެކަކު ފިރިހެނުންގެ ތެރޭގައި އުޅުނެވެ.

މީގެ ސަތޭކަ އަހަރުކުރިން އައްޑުއަތޮޅުގެ އަންހެނުންގެ މައިގަނޑު މަސައްކަތަކީ ރޯނުވެށުމެވެ. އަތޮޅުގައި ރޯނުވަށާ ޖުމުލަ 533 މީހަކު އުޅުނެވެ. އޭގެ އިތުރުން ގަތާފަހާ 251 މީހުންނާއި ނޯކިރީކުރާ 96 މީހުންނާއި ގޮވާންކުރާ 59 މީހުންނާއި ވިޔަފާރި ކުރާ 3 މީހަކު އަތޮޅުގެ އަންހެނުންގެ ތެރޭގައި އުޅުނެވެ.

އައްޑުއަތޮޅުގެ ވަކިވަކި ރަށްތަކުގެ ވާހަކަ ބަޔާންކުރެވުނުއިރު އެދުވަސް ހުރިހާ ރަށެއްގައިހެން ދަނޑުގޮވާންކުރުމުގެ މަސައްކަތް ކުރެވުނުކަން ހާމަވެއްޖެއެވެ. އެދުވަސްވަރު އައްޑޫގައި ގޮވާމަކަށް އާއްމުކޮށް ހައްދައިއުޅުނީ ތިން ބާވަތެއްގެ ގޮވާމެކެވެ. އެއީ ބިންބިއާއި ކުދިބަތާއި އުރައެވެ. މި ގޮވާންތައް ހުޅުދޫ ފިޔަވައި ހުރިހާ ރަށެއްގައި ކުރިއެވެ. ގޮވާމުގެ އިތުރުން އަތޮޅުގެ ހުރިހާ ރަށެއްގައި އަލަ، ކައްޓަލަ، ފަތްކެޔޮ، ބަނބުކެޔޮ އިންދައި ހައްދައިއުޅުނެވެ. މީގެ އިތުރުން އައްޑޫގައި ހައްދާ ކާށީގެ ތެރެއިން ބޮޑުކާއްޓަކީ ޚާއްސަކޮށް ފާހަގަކޮށްލެވޭ ކާއްޓެކެވެ. މި ވައްތަރުގެ ބޮޑުކާއްޓަކީ ދިވެހިރާއްޖޭގައި އައްޑޫ ނޫން ތަނެއްގައި ހެދޭ އެއްޗެއް ނޫނެވެ. އަދި އޮޅުދޫކަރައިގައިވެސް މި ކާއްޓެއް ނެހެދެއެވެ.

މީގެ ސަތޭކަ އަހަރު ކުރިން ދިވެހިރާއްޖޭގެ އެހެން އަތޮޅުތަކާ ޚިލާފަށް އައްޑުއަތޮޅާއި ފުވައްމުލަކުން ވާރެއް ނުނަގައެވެ. މިއީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ބޯބޯމަތިން އިހުގައި ނަގައި އުޅުނު ޓެކުހެކެވެ. އެހެންނަމަވެސް ވަރުވާ ނަގައެވެ.

މީގެ ސަތޭކަ އަހަރު ކުރީގެ އައްޑޫގެ ވާހަކަ ލިޔަމުންދާ މަޒުމޫނު ނިންމާލަން އަޅުގަނޑު ގަސްތުކުރަނީ މި ލިޔުމަށް ބޭނުންވާ މައުލޫތު އެެއްކުރުމަށްޓަކައި އަޅުގަނޑު ބެލި މައިގަނޑު އެއް މަސްދަރުކަމުގައިވާ އެޗް.ސީ.ޕީ. ބެލްގެ މޮނޮގްރާފްގައި އައްޑޫއާއި ބެހޭ ގޮތުން އޭނާ ލިޔުއްވާފައިވާ ބަސްކޮޅު، އޭނާ ލިޔުއްވާފައިވާ ގޮތަށް މިތަނުގައި ނަކަލުކޮށްލުމަށްފަހުގައެވެ.

Despite its far distant situation and comparatively small size, Aḍḍú Atol has ever maintained an importance in Máldivian affairs out of all proportions to its territorial insignificance.

It has long established its fame in the Group for the sturdy independence and reliability of its inhabitants, their robust physique, peaceful character, and general intellectual equipment (specially marked in religious lore, and Arabic scholarship) which has earned merited admiration from the Islanders of other Atols.

Since the Sixteenth Century seven or eight natives of Aḍḍú Atol have filled the high office of the Faḍiyáru, or Qázi at Mále. To this day Aḍḍú 'Ulumá and other noted ecclesiastics, hold their own, or more, with those of the Capital.

އެޑިޓަރުގެ ނޯޓް: މުހައްމަދު ނާޖިހް އަކީ ގާނޫނީ ވަކީލެކެވެ. މިހާރު މަސައްކަތް ކުރައްވަނީ ހެރިޓޭޖް މިނިސްޓްރީގެ ރިސާޗް އެނަލިސްޓް ގެ މަގާމުގަ އެވެ. އަމިއްލަ ގޮތުން ވެސް، ދިވެހިރާއްޖޭގެ ތާރީޚު ދިރާސާކުރައްވައި އެ މައުލޫމާތު އެއްކުރައްވައި އެ ދާއިރާއިން ރައްޔިތުން ހޭލުންތެރިކުރުވުމަށް ހާއްސަ މަސައްކަތްތަކެއް ކުރައްވައެވެ. މީގެ އިތުރުން އޭނާއަކީ، ދިވެހި ބަހުގެ ދިރާސާތައްވެސް ކުރައްވާ، ބަހަށް ހޭލުންތެރިކުރުވުމަށް ވެސް މަސައްކަތް ކުރައްވާ ބޭފުޅެކެވެ. އޭނާއަކީ ދިވެހި ބަހުގެ އެންމެ ބޮޑު މީސްމީޑިއާ ޕްލެޓްފޯމްކަމަށްވާ ބަސް ޖަގަހައިގެ ވެސް އެއް ފައުންޑަރ މެންބަރެވެ.