ހައިރިސްކު ބައެއް މީހުން ވެކްސިން ޖަހަން ޖެހިލުންވާ ކަމަށާއި އެއްގޮތަކަށް ވެސް ޖެހިލުންވާނެ ކަމެއް ނެތް ކަމަށް އިންޓާނަލް މެޑިސިން އެންޑް ނެފްރޮލޮޖީގެ ސްޕެޝަލިސްޓް ޑރ. އިބްރާހިމް ޝިހާމް ވިދާޅުވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް ޝިހާމް ވިދާޅުވީ، ކޮވިޑް ވެކްސިން ޖެހުމަށް ބައެއް މީހުން، ހާއްސަކޮށް ހައިރިސްކް ކެޓަގަރީތަކުގެ މީހުން ފަސްޖެހޭ ކަމަށެވެ.

"ބައްޔަށް ވުރެ ބޮޑަށް ވެކްސިން ޖެހުމަށް އެމީހުން މި ފަސްޖެހެނީ ރަށުތެރޭގައި ވެކްސިނާ ގުޅޭގޮތުން ފެތުރޭ ސައްހަ ނޫން ވާހަކައެއްގެ ސަބަބުން،" ޑރ. ޝިހާމް ވިދާޅުވިއެވެ.

ވީހާވެސް ގިނަ ބަޔަކު ވެކްސިން ޖެހުމަށް އިލްތިމާސްކުރައްވައި ޑރ. ޝިހާމް ވިދާޅުވީ، ވެކްސިން ޖެހުމަށް އެއްވެސް ވަރަކަށް ޖެހިލުންވާނެ ކަމެއް ނެތް ކަމަށާއި ކޮވިޑް ވެކްސިންގެ ދެ ޑޯޒް ހަމަކުރުމުން ކޮވިޑް ޖެހުމުގެ ފުރުސަތު މުޅީންހެން ނެތިގެންދާ ކަމަށެވެ. އަދި ކޮވިޑް ވެކްސިންގެ ޑޯޒް ހަމަކުރުމަށް ފަހު ކޮވިޑް ޖެހުނަސް، ބޮޑުވަރުވުމުގެ ފުރުސަތު ކުޑަކޮށްދޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހަން ފަށާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ. ރާއްޖޭގައި ޖަހަމުން އަންނަނީ އިންޑިއާއިން ހަދިޔާކުރި ކޮވިޝީލްޑް ވެކްސިނެވެ. އެގައުމުން ވަނީ ކޮވިޝީލްޑް ވެކްސިންގެ އެއްލައްކަ ޑޯޒް ރާއްޖެއަށް ހަދިޔާކޮށްފައެވެ.

މާލޭގެ އިތުރުން އަތޮޅުތެރޭގައި ވެސް ވެކްސިނޭޝަން ޕްރޮގްރާމް ބާރަށް ކުރިއަށްގެންދާ އިރު، މިހާތަނަށް ރާއްޖެއިން ވަނީ ޖުމްލަ 64،048 މީހަކު ވެކްސިން ޖަހައިފައެވެ.