ރާއްޖޭގައި ޓެރަރިޒަމް ހަމަލާއެއް ދޭން އުޅުނުކަމުގެ ތުހުމަތުގައި ތ. ތިމަރަފުށިން ހައްޔަރު ކުރި އެންމެން ޝަރީއަތް ނިމެންދެން ބަންދުގައި ބެއިތިއްބުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

އެ މައްސަލައާ ގުޅިގެން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ތިމަރަފުއްޓާއި މާލޭގެ އިތުރުން ކަނޑުމަތީގައި ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި އަށް މީހަކު ހައްޔަރުކުރި އެވެ. އަދި އެމީހުންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ފުލުހުން ޕީޖީ އޮފީހަށް ފޮނުވީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ.

  • - އަބްދުﷲ ޝަރީފް، ފެހިވިދުވަރު/ ތ.ތިމަރަފުށި
  • - އަހްސަން މުހައްމަދު، ކެނެރީގެ/ ތ.ތިމަރަފުށި
  • - އަލީ މުނީޒު، ކެނެރީގެ/ ތ.ތިމަރަފުށި
  • - މުހައްމަދު އާސިރު، އަސުރުމާގެ/ ތ.ތިމަރަފުށި
  • - އަލީ އަރުހަމް މުހައްމަދު، ފެހިވިލާ/ ރ.ކަނދޮޅުދޫ
  • - ޝަމާހް ޝަރީފް، ސައިމާ/ ތ.ތިމަރަފުށި
  • - އިބްރާހިމް ލޫތު، ރޯޒްމީޑް/ ނ.ކުޑަފަރި
  • - އަބްދުﷲ އިމާދު، ބީޗް ހައުސް/ ރ.މަޑުއްވަރި

މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލާ ގާޒީ ވިދާޅުވީ އެ މީހުންނާ ދެކޮޅަށް މިހާތަނަށް ހުށައަޅާފައިވާ ހެއްކިތަކަށް ބެލުމުން އެ މީހުން ދުކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތި ވެދާނެ ކަމަށް ގަބޫލުކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ. އެހެންކަމުން ޝަރީއަތް ނިމެންދެން އެމީހުން ބަނދުގައި ބެއިތިއްބުމަށް ވަނީ އަމުރުކޮށްފަ އެވެ.

ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓަރު އަހުމަދު ޝަފީއު މީގެ ކުރިން ވިދާޅުވީ މި އަށް މީހުންގެ މައްޗަށް ދައުވާ އުފުލާފައިވަނީ ތިމަރަފުށީގައި ދީނުގެ ނަމުގައި ޓެރަރިސްޓު ޖަމާއަތްތަކަށް ތާއީދުކޮށް ޓެރަރިޒަމަށް ހިތްވަރު ދީ ޓެރަރިސްޓު ޖަމާއަތްތަކުގެ އަމަލުތަކަކީ ސަބަބުވެރި އަމަލުތަކެއް ކަމަށް ދައްކައި ޓެރަރިސްޓު ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް ޖަމާއަތުގެ އިރުޝާދުގެ ދަށުން ރާއްޖޭގައި ޓެރަރިޒަމްގެ އަމަލުތައް ކުރުމަށް ރާވައި އެކަމަށް ހިތްވަރުދޭތީ ކަމަށެވެ.

އޭގެ އިތުރުން ތިމަރަފުށީގައި ހަރަކާތްތެރިވާ ދީނީ ހަރުކަށި ފިކުރުގެ އިސް ފަރާތްތަކުން އޮޕަރޭޓްކުރާ "ނަސާހު 3" ދޯނި ތެރޭގައި އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް (އައިއީޑީ) އެއް ތައްޔާރު ކުރުމަށްފަހު އައިއީޑީ ގޮއްވާލައި ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކަލެއް ކުރިމަތިކުރުވުމަށް ތައްޔާރީތައްވަމުން ދިއުމާއި ދަތުރު ދިއުމުގެ ނަމުގައި ފަޅުރަށްރަށަށް ގޮސް ހަނގުރާމައިގެ އެކި އުކުޅުތައް ދަސްކޮށް، ތަމްރީނުތައް ހަދަމުންދިއުމާއި ތ. ތިމަރަފުށީގައި ދީނުގެ ނަމުގައި ހަރުކަށި ފިރުކު ފެތުރުމުގެ ގޮތުން އެރަށުގެ ބައެއް ގޭގޭގައި ހަރުކަށި ފިކުރުތަކަށް ހިތްވަރު ލިބޭ ފަދަ ކުލާސްތައް އެމީހުން ހިންގަމުން ދިޔަ ކަމަށް ވިދާޅުވި އެވެ.

އަދި ތިމަރަފުށީގައި ދިރިއުޅޭ ކުޑަކުދިންނަށް އަމާޒުކޮށްގެން އެކުދިން ހަރުކަށި ފިކުރަށް ލެންބުވުމަށް މަސައްކަތްކޮށް، ސަރުކާރުން މިސްކިތްތަކަށް ކަނޑައަޅާފައިވާ އިމާމުންގެ ފަހަތުގައި ނަމާދުނުކޮށް ވަކި ޖަމާއަތް ހަދައިގެން ނަމާދު ކުރަމުން ދިއުމާއި ހަރުކަށި ފިރުކުރުގެ މީހުންނާ ގުޅުން އޮންނަ މީހުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ވެސް އެމީހުންގެ މައްޗަށް ތުހުމަތު ކުރެވޭ ކަމަށް ޝަފީއު ވިދާޅުވި އެވެ.