ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމުގެ ވެރިކަމުގައި އިމާރާތްކޮށްފައިވާ ސިނަމާލެ އާއި މާލޭހިޔާ ފްލެޓްތައް ތަޅާލާފައި އަލުން ހަދައި ނިމެންދެން ވެސް އެތަންތަން މަރާމާތު ކޮށްދޭންޖެހޭ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މުއިއްޒު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.
މިނިސްޓަރު އަސްލަމް ވިދާޅުވީ، ސިނަމާލެ އާއި މާލެހިޔާ ފްލެޓްތަކަކީ ވަރަށް ޒަމާންވެފައިވާ ތަންތަންކަމުން އެއީ މިހާރު މަރާމާތުކޮށްގެން ގެންގުޅޭ ވަރުގެ ތަންތަނެއް ނޫން ކަމަށެވެ. އަދި އެތަންތަން ޖެހޭނީ ތަޅާލަން ކަމަށް ވިދާޅުވި އެވެ.
އަދި އެތަނުގައި ހިމެނޭ ފްލެޓްތައް އެކި ފަރާތްތަކަސް ރަޖިސްޓްރީ ކޮށްދީފައިވާއިރު، އެތަން ތަޅައިލެވޭނީ އެމީހުންނާ ވަހަކަދައްކައި ހެދޭ އެއްބަސްވުމެއްގެ ދަށުން އެތަނުން މީހުން ބަދަލުކޮށްގެން ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.
އަސްލަމްގެ އެ ވާހަކަ ރައްދުދެއްވައި މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ތަޅާލާފައި އަލުން އެ ފްލެޓްތައް ހަދައި ނިމެންދެން ވެސް އެ ފްލެޓްތަކުގައި އުޅޭ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެ ފްލެޓްތައް މަރާމާތު ކޮށްދޭންޖެހޭ ކަމަށެވެ.
"އެ ރައްޔިތުންނަށް ހައްގު މިންވަރަކީ ބިރުވެރިކަމާއި ނުރައްކަލުގެ ތެރޭގައި ރޭތަކާއި ދުވަސްތައް ހޭދަކުރުން ކަމަށް ވެގެން ނުވާނެ،" މުއިއްޒު ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު