އުމުރުން 35 އަހަރުން މަތީގެ މީހުންނަށް ކޮވިޑް ވެކްސިން ދޭން ފަށައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ 35 އަހަރުން މަތީގެ އެންމެންނަށް ވެކްސިން ދިނުމުގެ މަސައްކަތް މިއަދުން ފެށިގެން ކުރިއަށްދާނެ ކަމަށެވެ.
އޭގެ އިތުރުން މިއަދު ވެސް އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ހައިރިސްކް ކެޓަގަރީތަކުގެ މީހުންނަށް ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް އެޗްޕީއޭ އިން މައުލޫމާތުދެއެވެ.
- އައިޑީ ކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންދިއުމަށް
- ބަލީގެ އެއްވެސް އަލާމާތެއް ނެތުން އަދި ކަރަންޓީނުގައި ހުރި މީހަކަށް ނުވުން
- ގަޔަށް ދޫ، ވެކްސިން ޖަހާ ތަން ފަސޭހައިން (ކޮނޑު) ދެއްކޭނެ ހެދުމެއްލުން
- ވެކްސިން ޖަހަން ދާއިރު ރަނގަޅަށް ކައިގެން ހުރުން
- ވެކްސިން ޖަހަން ދާއިރު އަމިއްލަ ފެންފުޅިއެއް ގެންދިއުން
- ވެކްސިން ޖަހަން ދާއިރު އެކުގައި އެކަކަށްވުރެ ގިނަ މީހުން ނުދިއުން
- ބޭނުން ކުރަމުން އަންނަ ބޭހެއްވާނަމަ ބޭހުގެ މައުލޫމާތު ގެންދިއުން
އެޗްޕީއޭ އިން ބުނީ ވެކްސިން ޖެހުމަށް my.health.mv ގައި ރަޖިސްޓަރީ ނުކުރާ ފަރާތްތަކަށް ރަޖިސްޓަރީކުރުމުގެ އެހީތެރިކަން ވެކްސިން ސެންޓަރުތަކުން ދެމުންދާނެ ކަމަށާއި ހުރިހާ ފަރާތްތަކުން ވެސް ޕޯޓަލްގައި ރަޖިސްޓަރީކުރުމަށް އެދޭ ކަމަށެވެ.
އެޗްޕީއޭ އިން ވެކްސިން ދިނުމުގެ ޕްރޮގްރާމު ކުރިއަށްގެންދަނީ އެކި ދުވަސްތަކަށް ބަހާލައިގެން އެކި ކެޓަގަރީތަކުގެ މީހުންނަށް ހާއްސަކޮށްގެންނެވެ.
މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން މިހާތަނަށް 56،218 މީހަކު ވަނީ ވެކްސިން ޖަހައިފައެވެ. އެއީ މާލެއިން 43،838 މީހަކު، އަތޮޅުތެރެއިން 12،380 މީހެކެވެ.
މާލޭ ސަރަހައްދުން ވެކްސިން ދެނީ އައިޖީއެމްއެޗް އާއި އޭޑީކޭ އާއި ސެނަހިޔާ ހޮސްޕިޓަލާއި ހުޅުމާލޭ ހޮސްޕިޓަލާއި ޓްރީޓޮޕް ހޮސްޕިޓަލާއި ވިލިމާލޭ ހޮސްޕިޓަލާއި ސޯޝަލް ސެންޓަރާއި އިސްލާމީ މަރުކަޒާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަދި ފުލޫ ކުލިނިކުންނެވެ. މާލޭގެ އިތުރުން އަތޮޅުތެރޭގެ ހޮސްޕިޓަލުތަކުން ވެސް މިހާރު ވަނީ ވެކްސިން ދިނުމުގެ ޕްރޮގްރާމު ފަށައިފައެވެ.
ރާއްޖޭގައި ޖަހަން ފަށާފައިވަނީ އޮކްސްފޯޑް-އެސްޓްރާޒެނެކާ ކޮވިޑް19 "ކޮވިޝީލްޑް" ވެކްސިނެވެ. އެ ވެކްސިންގެ 100،000 ޑޯޒް އިންޑިއާއިން ރާއްޖެއަށް ވަނީ ހަދިޔާކޮށްފައެވެ. އެ ޝިޕްމަންޓް ހުސްވަންދެން ވެކްސިންގެ ފުރަތަމަ ޑޯޒް ދެމުންގެންދާނެ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
އެ ވެކްސިންގެ އިތުރުން ރާއްޖެއަށް ވަނީ 10،000 ޑޯޒްގެ ސައިނޯފާމް ވެކްސިން ގެނެސްފައެވެ. އަދި ޗައިނާ އިން ވެސް ރާއްޖެއަށް 100،000 ޑޯޒްގެ ވެކްސިން ހަދިޔާކުރުމަށް ވަނީ ނިންމައިފައެވެ. އޭގެ އިތުރުން މިމަހުގެ މެދެއްހާ ހިސާބުގައި ޑަބްލިޔުއެޗްއޯގެ ކޮވެކްސް ފެސިލިޓީން ދޭން ނިންމާފައިވާ ވެކްސިން ވެސް ގެންނާނެއެވެ. އަދި ރާއްޖެއަށް ފައިޒާ ވެކްސިން ގެންނަން ވެސް ވަނީ ނިންމައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު