އިދިކޮޅުގެ މުޒާހަރާއެއްގެ ތެރެއިން އިއްޔެ ހައްޔަރު ކުރި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލްގެ ބަންދަށް ތިން ދުވަސް ކްރިމިނަލް ކޯޓުން މިއަދު ޖަހައިފިއެވެ.
ފުލުހުން ބުނީ މާލެ ސަރަހައްދުގައި 10 މީހުންނަށްވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތަނަށް އެއްވުން މަނާކޮށްފައިވަނިކޮށް، އިއްޔެ މާލޭގެ އެކި ސަރަހައްދުތަކަށް އެއްވެ، އަޑުގަަދަކޮށް, ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅައި، އަމުރަށް ނުކިޔަމަންތެރިވިކަމުގެ ތުހުމަތުގައި ހަތް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
ހައްޔަރު ކުރި މީހުންގެ ތެރޭގައި ހަތަރު އަންހެނުން ވެސް ހިމެނޭ ކަމަށެވެ. އަދި އެމީހުންގެ ތެރެއިން އެކަކު ފިޔަވައި އެހެން އެންމެން މިއަދު ކޯޓުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ޕްރޮގްރެސިވް ކޯލިޝަންގެ ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ އިއްޔެގެ މުޒާހަރާއިން ހައްޔަރު ކުރި މުހައްމަދު އިސްމާއިލްގެ ބަންދަށް މިއަދު ކޯޓުން ތިން ދުވަސް ޖަހާފައިވާ ކަމަށެވެ.
މުހައްމަދު އިސްމާއިލް ވަނީ މީގެ ކުރިންވެސް އިދިކޮޅުން ބޭއްވި މުޒާހަރާތަކުގައި ހައްޔަރުކޮށްފައެވެ. ނަމަވެސް ހައްޔަރު ކުރުމަށްފަހު، ފަހުން ދޫކޮށްލާފައިވެއެވެ. އޭނާއަކީ އިދިކޮޅު މުޒާހަރާތަކުގައި އެންމެ ކުރީ ސަފުގައި އުޅޭ އެއް ފަރާތެވެ.
އިދިކޮޅުން ސިލްސިލާކޮށް މާލޭގެ އެކި ސަރަހައްދުތަކުގައި މިހާރު ކުރިއަށްގެންދާ މުޒާހަރާތަކުގައި ގިނަ ބަޔަކު ފުލުހުން އަންނަނީ ހައްޔަރު ކުރަމުންނެވެ. އަދި އުސޫލުތަކާ ހިލާފަށް އެއްވަމުންދާ ކަމަށްބުނެ ފުލުހުން އަންނަނީ ބާރުގެ ބޭނުންކޮށްގެން މުޒާހަރާތައް ރޫޅާލަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު