ޖޫން 2015 ގައި އައްޑޫ ސިޓީ ހިތަދޫގައި ގުރޫޕަކުން ގޮސް ތޫނު އެއްޗެހިތަކަކުން، ހަމަލާދީ މަރައިލި ހުސައިން ޝިއާރުގެ މަރުގެ މައްސަލައިގައި ޓެރަރިޒަމްގެ ދައުވާ އުފުލި ހަތަރު މީހުންގެ މައްޗަށް ކުށް ސާބިތުނުވެ، އެމީހުން މިނިވަން ވެއްޖެއެވެ.

ހުސެއިން ޝައާރުގެ މަރުގެ މައްސަލައިގައި ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވަނީ، ސ. ހިތަދޫ/ ހަނދުވަރު އިސްމާއިލް ރަޝީދާއި އެ ރަށު ޗާނދުމާގޭ/ އަލީ ސަމްއާނާއި ސ. މަރަދޫ/ އޮނުފީނުގޭ، މުހައްމަދު ނިފާޒު އަދި މަރަދޫ/ ގަނދަކޯޅިގޭ މުހައްމަދު އަޒާނު އަލީގެ މައްޗަށެވެ.

މި މައްސަލައި ނިންމައި ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ދައުވާ ލިބޭ ހަތަރު މީހުން ހުސައިން ޝިއާރަށް ހަމަލާދިން ތަން ފެނުނު ކަމަށް ކޯޓުގައި ވެސް ތަހުގީގުގައި ވެސް އެއްވެސް ހެކިވެރިއަކު ހެކިބަސް ދީފައިނުވާ ކަމަށެވެ. އަދި ޑީއެންއޭ ނުވަތަ ފިންގަޕްރިންޓް ފަދަ ފޮރެންސިކް ހެއްކެއް ވެސް ހޯދިފައިނުވާ ކަމަށް ބުންޏެވެ.

އެ މައްސަލަ ބިނާވެފައިވަނީ ޝިއާރު މަރުވުމުގެ ކުރިން އޭނާ އަށް ހަމަލާދިނީ ދައުވާ ލިބޭ މީހުން ކަމަށް ބުނެފައިވާ ބުނުމެއްގެ މައްޗަށް ކަމަށްވާތީ އެއަށް ބުރަދަނެއް ނުދެވޭނެ ކަމަށް ވެސް ކްރިމިނަލް ކޯޓުގެ ހުކުމުގައިވެ އެވެ.

އެހެންކަމުން އެ ހަތަރު މީހުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ސާބިތުނުވާ ކަމަށް ހުކުމް ކުރާ ކަަމަށް، ގާޒީ އިސްމާއިލް ރަޝީދު އިއްވެވި ހުކުމުގައި ބުނެފައިވެއެވެ.

ޓެރަރިޒަމް މައްސަލައިގައި އެގޮތަށް ހުކުމް ކުރި ނަމަވެސް، ހުސައިން ޝިއާރުގެ މަރުގެ ހާދިސާ ހިނގުމުގެ ދުވަސްކޮޅެއް ކުރިން އެ ހަތަރު މީހުންގެ ތެރޭގައި ހިމެނޭ، މުހައްމަދު އަޒާން ޝިއާރަށް މަރުގެ އިންޒާރު ދިންކަން ސާބިތުވާތީ ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގެ ދަށުން އަޒާން 18 އަހަރަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފަ އެވެ.