ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯގެ އިމަޖެންސީ ޔޫސް ލިސްޓިންގައި ކޮވިޝީލްޑް ވެކްސިން ހިމެނުމާ ގުޅިގެން ހުރިހާ ރައްޔިތުންވެސް ކޮވިޝީލްޑް ވެކްސިން ޖެހުމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އިލްތިމާސްކޮށްފިއެވެ.

އިދިކޮޅުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ޑަބްލިޔުއެޗްއޯގެ ސްޓްރެޓީޖިކް އެޑްވައިޒަރީ ގްރޫޕް އޮފް އެކްސްޕާޓްސް އޮން އިމިއުނައިޒޭޝަން (ސޭޖް)ގެ މާހިރުން ކުރި ހަތަރު ހަފުތާގެ ދިރާސާ ނިމި، ދެކުނު ކޮރެއާގައި ތައްޔާރުކުރާ އޮކްސްފޮޑް-އެސްޓްރާޒެނެކާ ވެކްސިނާއި އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުން އުފައްދާ ކޮވިޝީލްޑް ވެކްސިން، އުމުރުން 18 އަހަރުން މަތީގެ މީހުން ބޭނުންކުރުމުގެ އިމަޖަންސީ ހުއްދަ ރަސްމީ ސިފައެއްގައި ދިނުމާއެކު، އަދި ކުރިން ހުއްދަ ދީފައިވާ ފައިޒާ-ބަޔޯއެންޓެކް ވެކްސިންގެ އިތުރުން އެ ދެ މަރުކާވެސް ބޭނުންކުރުމަށް އެ ޖަމިއްޔާއިން ގޮވާލާފައިވާތީ އެކަމަށް އިޖާބަދީ، ވެކްސިން ޖެހުމަށް ދިވެހި ރައްޔިތުންނަށް އެ ކޯލިޝަނުން ހިތްވަރުދޭ ކަމަށެވެ.

ޕްރޮގްރެސިވް ކޯލިޝަނުން ބުނީ އެ ކޯލިޝަނުން އަބަދުވެސް އިސްކަންދީ، ބާރުއަޅާނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމަށާއި އެގޮތުން ވެކްސިންތަކުގެ ސަލާމަތްތެރިކަމާއި ރައްކާތެރިކަން ދެނެގަތުމުގެ ފަންނީ ގާބިލިއްޔަތު ރާއްޖޭގައި ގާއިމުކުރެވިފައި ނުވާ ހިނދު، އެ ފަންނުގެ ދުނިޔޭގެ ފެންވަރުގެ މާހިރުން އަދި ރާއްޖޭގައި ނެތް ހިނދު، ޒަމާނުއްސުރެ އެފަދަ ކަންކަމުގައި އަމަލުކުރަމުން އައި ގޮތް ކަމުގައިވާ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ލަފަޔާއި އިރުޝާދު ބަލައިގަތުމަކީ އެ ކޯލިޝަނުން ކުރިއަށްއޮތްތާނގައިވެސް ކަންކުރާނެ ގޮތް ކަމަށެވެ.

އިދިކޮޅުން ބުނީ، ޑަބްލިޔުއެޗްއޯ މެދުވެރިކޮށް ވެކްސިންގެ ސަލާމަތްތެރިކަން ކަށަވަރުވެފައިވުމުން އެކަމަށް ދެވޭ އިތުރު ހިތްވަރެއްގެ ގޮތުން، އެ ކޯލިޝަނުގެ އިސްވެރިންނާއި ކައުންސިލް މެންބަރުން ކުރިއަށްއޮތް ދުވަސްތަކުގެ ތެރޭގައި ވެކްސިން ޖަހާނެ ކަމަށެވެ.

މީގެ އިތުރުން އިދިކޮޅުން ބުނީ، ކުރިއަށްއޮތް ތާނގައިވެސް ވެކްސިންގެ ރައްކާތެރިކަން އިދިކޮޅުން ކަށަވަރުކުރާނެ ކަމަށާއި ވެކްސިނާ ބެހޭ ސައްހަ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކަށް އިލްތިމާސްކުރާ ކަމަށެވެ.