ކޮވިޑާ ގުޅިގެން މާލެ ސަރަހައްދަށް އަޅާފައިވާ ފިޔަވަޅުތައް އިތުރު 14 ދުވަހުގެ މުއްދަތަށް ދަމަހައްޓަން ނިންމައިފިއެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ގެޒެޓުކުރި އިއުލާނުގައި ބުނީ، ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާތީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އޭނާއަށް ލިބިދޭ ބާރުގެ ދަށުން މިމަހުގެ ދެވަނަ ދުވަހުން ފެށިގެން ދެ ހަފުތާގެ މުއްދަތަށް އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް މާދަމާ އިން ފެށިގެން އިތުރު ދެ ހަފުތާގެ މުއްދަތަށް އިތުރުކޮށްފައިވާ ކަމަށެވެ.

ކޮވިޑުން ރައްކާތެރިވުމަށް މާލޭ ސަރަހައްދުގައި ވަނީ ރޭގަނޑު 6:00 އިން ހެނދުނު 6:00 އަށް އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފައެވެ. އަދި ރޭގަނޑު 11:00 އިން ފަތިހު 4:30 އަށް އަންނަނީ ކާފިއުވެސް ހިންގަމުންނެވެ.

މީގެ އިތުރުން ޓިއުޝަން ކްލާސްތަކާއި ޕްރީސްކޫލުތައް ބަންދުކޮށް ކުޅިވަރު ހަރަކާތްތައް ކުރިއަށް ގެންދިއުންވެސް ވަނީ މަނާކޮށްފައެވެ. އަދި ޕާޓީތަކާއި ހަފްލާތަކާއި ބޭއްވުމާއި، އެއް ފަހަރާ ދިހަ މީހުންނަށްވުރެ ގިނަ މީހުން އެއްވެ އުޅުން ވެސް ވަނީ މަނާކޮށްފައެވެ.

ފަހަކަށް އައިސް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް އެވްރެޖުކޮށް 100 އަށްވުރެ ގިނަ މީހުން ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވެއެވެ.