ކޮންމެ ރައީސަކަށް ވެސް ރިޔާސީ ވައުދުތައް ފުއްދައި، ގިނަ ކަންކަން ކޮށްދެވޭނީ ވެރިކަން ކުރުމަށް ދެ ދައުރު ލިބިގެން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި އަމިއްލަ ހައިސިއްޔަތުން ވާހަކަދައްކަވަމުން މަބްރޫކް މިއަދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް ވެސް ކުރިމަތިލެއްވީ ކޮންމެ ރައީސަކަށް ދެ ދައުރު ލިބޭނެ ނިޒާމަކަށް ބަދަލުކުރުމަށް އެދޭތީ ކަމަށެވެ.
"މަޖިލީހަށް ކުރުމަތިލީއިރު އަޅުގަނޑު ބޭނުންވީ ރާއްޖޭގައި ދެ ދައުރު އެއް ރައީސަކު ވެރިކަން ކުރާ ނިޒާމަކަށް ބަދަލުކަމަށް، އެ ލޯންޖެވިޓީ ލިބެން ރައީސްކަމުގައި،" މަބްރޫކް ވިދާޅުވިއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާނުކަންވެސް ކުރެއްވި މަބްރޫކް ވިދާޅުވީ ޑިމޮކްރެޓިކް ރީފޯމް ހާސިލުވި ފަހުން ކޮންމެ ރައީސަކަށްވެސް ލިބެނީ ފަސް އަހަރުގެ އެންމެ ދައުރެއް ކަމަށާއި ދެ ދައުރު ނުލިބޭ ނަމަ، ދިގު މުއްދަތަކަށް ރާވައިގެން ކަންކަން ނިންމާނެ ފުރުސަތެއް ނުލިބޭނެ ކަމަށެވެ. އަދި ކޮންމެ ސަރުކާރެއްގެ ފުރަތަމަ ދެ އަހަރު ހޭދަވާނީ ކަންކަން ރޭވުމަށް ކަމަށާއި ފަހު އަހަރަކީ ކެމްޕޭންގެ އަހަރު ކަމަށެވެ. އެހެންކަމުން ރައްޔިތުންނަށް ކަންކަން ކޮށްދޭން އޮންނަ ދުވަސްތައް ފަސް އަހަރުގެ އެންމެ ދައުރެއް ލިބުމުން މަދުވާ ކަމަށް ވިދާޅުވިއެވެ.
އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ވެރިކަމުން މިސާލު ޖައްސަވަމުން މަބްރޫކް ވިދާޅުވީ، އޮބާމާގެ ވެރިކަމުގެ ފުރަތަމަ ހަތަރު އަހަރުގައި ގިނަ ކަންތައްތައް ނުވުމުން ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި ނަމަވެސް، އޮބާމާގެ ފަހު ހަތަރު އަހަރުގައި އެގައުމަށް ކަންކަން ކޮށްދިން ވަރަށް މި ފަހުގެ ތާރީހެއްގައި އެމެރިކާގެ އެހެން ރައީސަކަށް ކަންކަން ކޮށްދެވިފައި ނުވާ ކަމަށެވެ.
"އެހެންވީމާ، އެ ދެ ދައުރު ނުލިބެންޏާމު ކަންކަން ޕްލޭންކޮށްގެން ކަންކަން ކުރެވޭނެ ފުރުސަތުވެސް ނުލިބޭ،" މަބްރޫކް ވިދާޅުވިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެވަނަ ދައުރަކަށް ވާދަކުރައްވާނެތޯ ކުރި ސުވާލު މަބްރޫކް ސީދާ ޖަވާބެއް ނުދެއްވައެވެ. ނަމަވެސް ވިދާޅުވީ ރައީސް ސޯލިހު ވާދަކުރައްވާ ނަމަ، އެމަނިކުފާނުގެ ކެމްޕޭނުގައި އުޅުއްވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު