ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ގާނޫނީ ޓީމުގައި އިސްކޮށް ހުންނެވި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު އެ ޓީމުން ވަކިކުރަން ގޮވާލާފައިނުވާނެ ކަމަށް ބާރަށު ދާއިރާގެ ކުރީގެ މެންބަރު އަދި ޕީއެންސީގެ ނާއިިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޑރ. ޖަމީލް، ރައީސް ޔާމީންގެ ލީގަލް ޓީމުން ވަކިކުރަން ގޮވާލާފައިވާ ކަަމަށް ބުނެ ބައެއް ނޫސްތަކުން ފެތުރި ހަަބަރު ދޮގުކުރައްވައި ޝުޖާއު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީންގެ ގާނޫނީ ޓީމަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށެެވެ.
ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޑރ. ޖަމީލް، ރައީސް ޔާމީންގެ ލީގަލް ޓީމުން ވަކިކުރަން ޝުޖާއު ގޮވާލާފައިވަނީ ޕީޕީއެމް/ޕީއެންސީގެ އިސް ބޭފުޅުން ތިއްބަވާ ވައިބާ ގުރޫޕެއްގައެވެ. ޝުޖާއު އެކަމަށް ގޮވާލާފައިވަނީ ރައީސް ޔާމީންގެ ނާއިބެއްގެ ގޮތުގައި ހުންނަވަނިކޮށް ޖަމީލް މަގާމުން ދުރުކުރި މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުގައި ހިނގަމުންދާ މައްސަލައަށް އިޝާރާތްކޮށް ކަމަށްވެސް ބުންޏެވެ.
ޝުޖާއު ވިދާޅުވީ، ޕީޕީއެމްގެ ސަފުތައް ރޫޅާލަން ކުރާ މަސައްކަތަށް ޖާގަ ނުދެއްވާނެ ކަމަށެވެ.
"ރައީސް ޔާމީންގެ ލީގަލް ޓީމަށް ލީޑާޝިޕްގެ އިތުބާރު އެބައޮތް. 2023 ގައި ރައީސް ޔާމީން ވެރިކަމަށް ގެންނާނަން،" ޝުޖާއު ވިދާޅުވިއެވެ.
ނައިބު ރައީސްގެ މަގާމުގައި ހުންނަވަނިކޮށް ޖަމީލް އެ މަގާމުން ވަކިކުރީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް ސުޕްރީމް ކޯޓަށް ޖަމީލުގެ ފަރާތުން ވަނީ ދުސްތޫރީ މައްސަލައެއް ވައްދައިފައެވެ. އެ މައްސަލައިގެ އަޑުއެހުމެއް އިއްޔެވެސް ބޭއްވިއެވެ.
އިއްޔެގެ އަޑުއެހުމުގައި ޖަމީލް ވިދާޅުވީ އޭނާ ވަކިކުރުމުގެ ކުރިން ދިފާއުވުމުގެ ހައްގު އޭނާއަށް މަޖިލީިހުން ދީފައި ނުވާ ކަމަށެވެ. އަދި ވިދާޅުވީ އޭނާގެ ހައްގަށް އުނިކަން ލިބޭ ގޮތަށް ކަމަށާއި އެހެންކަމުން އޭނާ ނައިބު ރައީސްކަމުން ވަކި ކުރީ އިންސާފުވެރިކޮށް ކަމަށް ބުނެވޭނެ ހަމައެއް މިއަދު ނެތް ކަމަށެވެ.
"ފުރުސަތު ނިގުޅައިގަނެ، ހައްގަށް އުނިކަން ލިބޭ ގޮތަށް ތަފާތުކޮށްގެން ވަކިކުރީ. މިކަންކަމުގައި މިކަން ހިނގައި ދިޔައީ އިންސާފުވެރިކޮށް ކަމަށް ބުނެދެވޭނެ ހަމައެއް މިއަދަކު ނެތް." ޖަމީލް ވިދާޅުވެފައިވެއެވެ.
ޑރ. ޖަމީލް ނައިބު ރައީސް ކަމުގެ މަގާމުން ވަކިކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ 78 މެންބަރުން ވޯޓާއެކުއެވެ. އޭނާގެ މައްޗަށް އިތުބާރު ނުކުރެވޭ ކަމަށް ހުށަހެޅީ މަގާމުގެ ޒިންމާ އެކަށީގެންވާ ގޮތުގައި އަދާކުރަމުން ނުގެންދާ ކަމަށާއި ލިބިފައިވާ ތައުލީމާއި ތަޖުރިބާގެ ބޭނުން ނުހިފައި، ސަރުކާރުގެ އިދިކޮޅު ފަރާތްތަކާ ގުޅުންތަކެއް ބާއްވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ދެކޮޅަށް ވާހަކަދައްކަވާފައި ނުވާތީއެވެ. އެ މައްސަލަ މަޖިލީހަށް ހުށަހެޅީ މަޖިލީހުގެ އޭރުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު