އުމުރުން 60 އަހަރުން މަތީގެ އެންމެންނަށް ދެވޭނެ ވަރަށް މިހާރުވެސް ވެކްސިން އެބަހުރި ކަމަށް ވެކްސިން އޮޕަރޭޝަންސްގެ ފަރާތުން މުހައްމަދު ހަމްޒަތު ވިދާޅުވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަމްޒަތު ވިދާޅުވީ، ވެކްސިން ނުލިބިގެން ވެކްސިނޭޝަން ޕްރޮގްރާމް ހުއްޓާލަން ޖެހޭނެ ހާލަތެއް މެދުވެރިވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި ހުރިހާ ކެޓަގަރީތަކަށް ޖެހުމަށް ބޭނުންވާ ވަރަށް ވެކްސިން ލިބޭނެ ކަމަށެވެ.

އެގޮތުން މިހާރު ޖަހަމުން އަންނަ ކޮވިޝީލްޑް ވެކްސިން ރާއްޖޭގައި ދިރިއުޅޭ އުމުރުން ދުވަސްވީ އެންމެންނަށް ޖެހޭ ވަރަށް އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އަތުގައި މިހާރުވެސް އެބަހުރި އުމުރުން ދުވަސްވީ އެންމެންނަށް ޖަހާ ވަރަށް ވެކްސިން،" ހަމްޒަތު ވިދާޅުވިއެވެ.

މީގެ އިތުރުން ހަމްޒަތު ވިދާޅުވީ، އުމުރުން ދުވަސްވީ މީހުންގެ އިތުރުން ސިއްހީ ހިދުމަތްތެރީންނަށް ދެވޭ ވަރަށްވެސް ވެކްސިން އެބަހުރި ކަމަށެވެ. އަދި މި މަހުގެ ތެރޭގައި ރާއްޖެއަށް ވެކްސިންގެ އިތުރު ޑޯޒްތަކެއް ލިބޭނެ ކަމަަށް ވެސް ވިދާޅުވިއެވެ.

މި މަސް ނިމުމުގެ ކުރިން ކޮވިޑް ވެކްސިންގެ އިތުރު 100،000 ޑޯޒް ރާއްޖެ ގެނެވޭނެކަމަށް އުންމީދުކުރެވޭ ކަމަށް ރައީސް އޮފީހުން ވެސް މިދިޔަ ހަފުތާގައި ވަނީ ބުނެފައެވެ. ޗައިނާއިންވެސް ވަނީ ރާއްޖެއަށް ސައިނޯފާމް ވެކްސިންގެ 100،000 ޑޯޒް ހަދިޔާކުރަން ނިންމައިފައެވެ.

އޭގެ އިތުރުން ސަރުކާރުން ވަނީ އެސްޓްރާޒެނެކާ ވެކްސިންގެ 700،000 ޑޯޒް ގަތުމަށް އެކުންފުންޏާއެކު އެއްބަސްވުމެއްވެސް ހަދައިފައެވެ. އަދި ރާއްޖޭގައި މިހާރުވެސް ސައިނޯފާމް ވެކްސިންގެ 10،000 ޑޯޒް އެބަހުއްޓެވެ. ނަމަވެސް ރާއްޖޭގައި އެ ވެކްސިން ޖެހުމަށް އަދި ހުއްދަ ލިބިފައެއް ނުވެއެވެ.

ރާއްޖޭގައި ވެކްސިން ޖަހަން ފަށާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ. މިހާތަނަށް ރާއްޖޭގައި 43،800 އަށްވުރެ ގިނަ މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފައެވެ.