ގއ. މާމެންދޫގައި ހިންގި މާރާމާރީގައި މަރުވި ކުއްޖާގެ ހަށިގަނޑު، ޕޯސްޓްމޯޓަމް ހަދަން އިންޑިއާއަށް ފޮނުވާލައިފިއެވެ.

މިމަހުގެ އަށްވަނަ ދުވަހު މާމެންދޫގައި ހިންގި އެ މާރާމާރީގައި މަރުވެފައިވަނީ އުމުރުން 17 އަހަރުގެ އަހުމަދު އުދައްޔުއެވެ.

ފުލުހުން ބުނީ މާމެންދޫގައި މަރުވި އުުދައްޔުގެ ޕޯސްޓްމޯޓަމް ހެދުމަށް އޭނާގެ ހަށިގަނޑު މިއަދު އިންޑިއާއަށް ފޮނުވާލާފައިވާ ކަމަށާއި ޕޯސްޓްމޯޓަމް ހެދުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ޓްރިވެންޑްރަމްގައި ހުންނަ މެޑިކަލް ކޮލެޖް ހޮސްޕިޓަލުން ކަމަށެވެ.

އެ މާރާމާރީގައި އުދައްޔު މަރުވީ ހަށިގަނޑަށް ވަޅިން ދިން ހަމަލާތަކުގެ ސަބަބުންނެވެ. އެ މާރާމާރީގައި އުދައްޔުގެ އެއްބަނޑު ބޭބެ، ފިރުޝާން ޒާހިރަށްވެސް ވަނީ ވަޅިން ހަމަލާދީ ޒަހަމުކޮށްލައިފައެވެ.

މާމެންދޫން "ވަން" އާ ވާހަކަ ދެއްކި މީހަކު މީގެކުރިން ބުނީ އެރަށުގައި އޮންނަ ދެ ގްރޫޕެއްގެ ދެމެދުގައި މާރާމާރީތައް ފެށިގެން ދިޔައީ މީގެ އަހަރެއްހާ ދުވަސް ކުރީން، އަންހެނަކާ ގުޅޭ މައްސަލައެއްގައި ކަމަށެވެ. މިމަހުގެ އަށްވަނަ ދުވަހު ވެސް އެ މައްސަލައިގައި ދެ މާރާމާރީއެއް ހިންގި ކަމަށާއި އެންމެ ފަހުން ހިންގި މާރާމާރީ ވެގެންދިޔައީ އުދައްޔު މި ދުނިޔެއާ ވަކިވެގެން ދާން ޖެހުނު މާރާމާރީއަކަށް ކަމަށްވެސް އޭނާ ބުންޏެވެ.

އުދައްޔުއަށް ހަމަލާ ދިނީ ތިން ސައިކަލެއްގައި ދިޔަ ހަ މީހުންގެ ގްރޫޕަކުން ކަމަށާއި އެމީހުން ގޮސް ވަޅީންނާއި ދަގަނޑުބުރިން އޭނާއަށް ހަމަލާދިން ކަމަށްވެސް އެރަށުން ވާހަކަ ދެއްކި މީހާ ވަނީ ބުނެފައެވެ.

އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ ފަސް މީހަކު ހައްޔަރުކޮށްފައެވެ. އެއީ 27 އަހަރުގެ މީހަކާއި 25 އަހަރުގެ މީހަކާއި 23 އަހަރުގެ މީހެއް އަދި 18 އަހަރުގެ ދެ މީހެކެވެ.