މިއަދަށް ކްރިމިނަލް ކޯޓުގައި ތާވަލުކުރި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކުރާ ރިޝަވަތު ގަބޫލުކުރުމާއި މަނީލޯންޑަރިންގެ ކުށުގައި މައްސަލައިގެ އަޑުއެހުން ކެންސަލްކޮށްފި އެވެ.

ކްރިމިނަލް ކޯޓުގައި އެ ދެ މައްސަލަލައިގެ އަޑުއެހުމެއް ބާއްވަން ތާވަލު ކުރީ މިއަދު ހެނދުނު 9:30 އަށެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަމާން މުހައްމަދު ނަޖީބު "ވަން" އަށް މިއަދު ވިދާޅުވީ، މިއަދުގެ އަޑުއެހުން ކެންސަލް ކުރީ ދަތުރުފަތުރު ކުރެއްވުމަށް ދަތިފުޅުވުމާއި ކޮވިޑުގެ ސަބަބުން މާލެ އައުން ރައްކާތެރި ނުވެދާނެތީ، ރައީސް ޔާމީންގެ ފަރާތްޕުޅުން އެގޮތަށް އެދިވަޑައިގެންނެވުމުން ކަމަށެވެ.

ރައީސް ޔާމީންގެ މައްސަލަތަކުގެ މިއަދުގެ އަޑުއެހުން ކެންސަލް ކުރި އިރު، މިއަދުގެ އަޑުއެހުމާ ގުޅިގެން ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނި ވަޑައިގަންނަވާ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު އިއްޔެ ވަނީ، ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާއިން އެމަނިކުފާނު ދިފާއު ވެވަޑައިގަންނަވުމަށް ބޭނުންވާ މުހިއްމު ބައެއް ލިޔެކިޔުންތައް ދީފައި ނުވާ ކަމަށް ވިދާޅުވެފަ އެވެ.

އަދި އެ ލިޔެކިޔުންތައް ނުލިބުމާއި، ބައެއް ކަންތައްތައް ހަމަޖައްސާފައިވާގޮތުން، ރައީސް ޔާމީނަށް އިންސާފުވެރި ޝަރީއަތެއް ނުލިބުމުގެ ކަންބޮޑުވުންތައް އެބަހުރި ކަމަށް ވިދާޅުވި އެވެ.

މީގެ ކުރިން ބޭއްވި ދެ އަޑުއެހުމުގައި ވެސް، ރައީސް ޔާމީންގެ ދިފާއީ ވަކީލުން އެ ލިޔުންތައް ލިބޭނެ ގޮތް ހައްދަވައި ދެއްވުމަށް ގާޒީގެ ކިބައިން ތަކުރާރުކޮށް އެދިވަޑައިގެންނެވިއެވެ.

އެކަމާ ގުޅިގެން ގާޒީ ވިދާޅުވީ، މިހާރު ލިބިފައި ހުރި ލިޔުންތަކުން ދިފާއު ހުށަހެޅޭވަރުވާނެ ކަމަށާއި ޝަރީއަތް ކުރިއަށްދާ ވަރަކުން، އެ މަރުހަލާއަކަށް ބޭނުންވާ ތަކެތި ލިބިގެންދާނެ ކަމަށެވެ. އަދި ލިބިފައި ނުވާ ލިޔެކިޔުންތައް މައުލޫމާތު ހޯދައި ލިބިގަތުމަށް އޮންނަ އުސޫލުގެ ތެރެއިން ހޯދުމަށް ވެސް ވިދާޅުވިއެވެ.