ހިޔާ މަޝްރޫއުގެ ދާއިމީ ލިސްޓުގައި މައްސަލަ އުޅޭނަމަ އެ ލިސްޓު ބާތިލުކުރުމަށްފަހު ޔަގީން ލިސްޓެއް ނެރުމަށް ކުރީގެ ހައުސިން މިނިސްޓަރު އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.
މުއިއްޒު މިގޮތަށް ވިދާޅުވެފައިވަނީ ހިޔާ މަޝްރޫއުގެ ދާއިމީ ލިސްޓުގައި މައްސަލަ އުޅޭނަމަ އެކަން ބަލައި ހައްލު ހޯއްދަވައިދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވުމާ ގުޅިގެންނެވެ.
މުއިއްޒު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހިޔާ މަޝްރޫއުގެ ދާއިމީ ލިސްޓުގައި ގޯސްތަކެއް ހުރިކަމަށް ޝައްކު ކުރެވޭނަމަ، އެ ލިސްޓު ބާތިލުކުރުމަށްފަހު ޔަގީން ލިސްޓެއް ނެރުއްވުމަށެވެ. އަދި ނެރުނު ލިސްޓުގައި އެތައް ސަތޭކަ ގޯހެއް ހިމެނޭކަން، ނުހައްގުން ފްލެޓު އަތުލި ކޮންމެ ރައްޔިތަކު ހެކިވާނެ ކަމަށާއި އެއްވެސް ރައްޔިތެއްގެ ހައްގު ނިގުޅައިނުގަނެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީ ގައުމީ މަޖިލީހުގެ މިރޭގެ ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ ހިޔާ މަޝްރޫއުގެ ދާއިމީ ލަސްޓާ ގުޅިގެން ވަރަށް ގިނަ ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުންނާނެ ކަމަށާއި އެ ފްލެޓުތައް ހައްގުވާ އެތައް ބަޔަކަށް ނުލިބިވެސް ހުރެދާނެ ކަމަށެވެ. އެހެން ނަމަވެސް ލިސްޓުގައި މައްސަލަތަކެއް ހުރިނަމަ އެކަން ބެލުމަށްފަހު ހައްގުވާ ފަރާތްތަކަށް ފްލެޓް ދޫކުރާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މާލެއަށް މިވަގުތުވެސް ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ ބޯހިޔާވަހިކަމުގެ ދަތިކަން ކަމަށާއި މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިތަކެއް ހައްލެއް ހޯދައިދިނުމަށް ބޯހިޔާވަހިކަމުގެ މަޝްރޫއުތަކެއް ހިންގާނެ ކަމަށެވެ. އަދި ވިދާޅުވީ ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ނިމޭއިރު، މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިތަކަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު