ކޮވިޑް-19ގެ ހަގީގަތް ހޯދަން ޗައިނާއަށް ދިޔަ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯގެ ޓީމަށް ހޯދުނު ހޯދުންތައް ގަބޫލުކުރަން އެމެރިކާއިން ދެކޮޅު ހަދައިފި އެވެ.
ޑަބްލިޔުއެޗްއޯ އިން ޗައިނާގައި ކުރި ދިރާސާތަކަށްފަހު އެ ޖަމިއްޔާއިން ވަނީ ކޮރޯނާވައިރަސް އަކީ ވޫހާންގައި ހުންނަ ލެބޯރަޓަރީން ލީކުވި އެއްޗަކަށް ވުން ވަރަށް ނާދިރު ކަމަށް ބުނެފަ އެވެ.
ނަމަވެސް އެ ވާހަކަތައް ގަބޫލުކުރަން ދެކޮޅު ހަދައި އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާން ނެޑް ޕްރައިސް ވިދާޅުވީ، ޑަބްލިޔުއެޗްއޯގެ އެ ހޯދުން އެގައުމުގެ އަމިއްލަ އިންޓެލިޖެންސް މެދުވެރިކޮށް ކަށަވަރު ކުރާނެ ކަމަށެވެ. އަދި ޑަބްލިޔުއެޗްއޯގެ ހޯދުންތަކާ މެދު ގޮތެއް ނިންމާނީ އެއަށްފަހު ކަމަށް ވިދާޅުވި އެވެ.
"ކޮވިޑު ފަދަ ބަލިމަޑުކަން ކުރިއަށް އޮތްތަނުގައި ކުރިމަތިވުމުން ރައްކާތެރިވުމަށް އަހަރެމެން އަދި ހާއްސަކޮށް ބައިނަލްއަގުވާމީ މުޖުތަމައުތަކުން ބޭނުންވާވަރުގެ މިނިވަން ނުވަތަ ޓްރާންސްޕޭރަންސީއަކަށް ޗައިނާ އިން ފުރުސަތު ދީފައި ނުވާކަން ވަރަށް ސާފުކޮށް އެނގެން އެބައޮތް،" ނެޑް ޕްރައިސް ވިދާޅުވި އެވެ.
އެމެރިކާގެ މި ވާހަކަތަކަށް ޑަބްލިޔުއެޗްއޯގެ ތަޖުރިބާކާރު ޕީޓާ ޑަސްކަޒް ވަނީ ރައްދު ދެއްވައިފަ އެވެ. އޭނާ ވަނީ އެމެރިކާގެ އިންޓެލިޖެންސަށް ބަރޯސާ ނުވުމަށް އާންމުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.
ކޮވިޑުގެ ހަގީގަތް ހޯދުމަށް ޗައިނާއަށް ދިޔަ ޑަބްލިޔުއެޗްއޯގެ ޓީމުގެ އިސްވެރިޔާ ޑރ. ޕީޓާ ކޭ ބެން އެމްބަރެކް ވިދާޅުވެފައިވާ ގޮތުން، އެ މީހުން ކުރި ދިރާސާތަކުން ކޮރޯނާވައިރަސް ފެތުރިފައިވަނީ ވޫހާންގެ ލެބުން ކަމަށްވުން ވަރަށް ވެސް ނާދިރެވެ. ނަމަވެސް ކޮރޯނާވައިރަސް ފެތުރިފައިވަނީ އެ ސިޓީން ކަމަށް އޭނާ ވިދާޅުވި އެވެ.
ޑރ. ޕީޓާ ވިދާޅުވީ ކޮރޯނާ ވައިރަސް ވޫހާން ސިޓީއަށް ފެތުރުމުގެ ކުރިން ކޮރޯނާވައިރަހާ ގުޅުން ހުރި ވައްތަރެއްގެ ވައިރަހެއްގެ ޓެސްޓުތަކެއް ވޫހާންގެ ލެބުގައި ކުރެވެމުންދިޔަ ކަމަށް ދިރާސާތަކުން ދައްކާ ކަަމަށެވެ.
"އެތަނުން އެކަހަލަ އެއްވެސް އެއްޗެއް ބޭރުވުމަކީ ވަރަށް ވެސް ނާދިރުކަމެއް،" ކާނާގެ ރައްކާތެރިކަމާ ބެހޭ ދާއިރާގެ ސައިންސްވެރިއެއް ކަމަށްވާ ޑރ. ޕީޓާ ވިދާޅުވި އެވެ.
ޑރ. ޕީޓާ ވިދާޅުވީ ކޮރޯނާވައިރަސް އުފެދިފައިވަނީ ގުދުރަތީ މާހައުލަކުން ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށާއި އިންސާނުންގެ ތެރެއަށް މި ބަލި ފެތުރިފައިވަނީ ވާލެއްގެ ސަބަބުން ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ.
އޭނާ ވިދާޅުވީ ކޮރޯނާ ވައިރަސް ފެތުރުނީ ހުއަނަން ސީފުޑް މާކެޓްގެ އެހެން ޖަނަވާރުތަކުން ކަމަށްވެސް ބެލެވޭ ކަމަށާއި އެކަމަށް ބާރުދޭ ބައެއް ހެކިތައްވެސް ލިބިފައިވާ ކަމަށެވެ. އަދި ވިދާޅުވީ މި ބަލި ފެތުރުނުގޮތް ދެނެގަތުމަށް މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޖަނަވާރުތަކާ ގުޅޭ ޓެސްޓުތައް ހަދަންޖެހޭ ކަމަށެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ