އައްޑޫ ސިޓީ ހިތަދޫ ކްލަސްޓާއިން ޕޮޒިޓިވްވީ މީހުންގެ އަދަދު 35 އަށް އަރައިފިއެވެ.
ހިތަދޫން ފުރަތަމަ ބަޔަކު ޕޮޒިޓިވްވީ މިމަހުގެ ފަސްވަނަ ދުވަހުއެވެ. އެއީ ބަލީގެ އަލާމާތްތައް ހުރެގެން ފްލޫ ކްލިނިކަށް ދެއްކި ދެމީހުންނެވެ. އަދި އެ ކޭސްތަކާ ގުޅޭ އިތުރު ކޭސްތަކެއް ވަނީ އައްޑޫގެ އިތުރު ދެ ސިޓީއަކުންވެސް ފެނިފައެވެ.
އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ އައްޑޫ ސިޓީ ފޭދޫން އިތުރު ދެ މީހަކު މިއަދު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއާއެކު ފޭދޫން މިހާތަނަށް 11 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އަދި ހިތަދޫން 20 މީހުން ޕޮޒިޓިވްވެފައިވާ އިރު، މަރަދޫފޭދޫން ހަތަރު މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.
ހިތަދޫ ކްލަސްޓާއިން ޕޮޒިޓިވްވީ މީހުންގެ އަދަދު މިހާރު ވަނީ 35 އަށް އަރައިފައެވެ. އަދި އެ ކްލަސްޓާގެ ކޮންޓެކްޓުންގެ އަދަދު 341 އަށް އަރައެވެ.
ހިތަދޫ ކްލަސްޓާގެ އިތުރުން ހުޅުމީދޫގައި ބިދޭސީން މަސައްކަތްކުރާ ސައިޓަކުންވެސް ވަނީ ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެ ސިޓީން މިހާތަނަށް 25 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އެއާއެކު އައްޑޫން މުޅި ޖުމްލަ 60 މީހަކު މިހާތަނަށް ވަނީ ޕޮޒިޓިވްވެފައެވެ.
މުޅި އައްޑޫ ސިޓީއަށް އަރައިފޭބުން މަނާކޮށްފައިވާ އިރު، އައްޑޫގައި ރޭގަނޑު 8:00 އިން ފަތިހު 4:30 އަށް އަންނަނީ ކާފިއު ހިންގަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު