ޖިންސީ އަނިޔާގެ ދައުވާތަކެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ފުރައިގެން ދިޔައީ އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ނެރެފައިވާ އަމުރު ކްރިމިނަލް ކޯޓުން ބާތިލުކުރުމުގެ ކުރިން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމު ވިދާޅުވެއްޖެއެވެ.
އަލީ ވަހީދުގެ މައްޗަށް މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކޮށްފައިވާ ތުހުމަތުތަކެއް ކުރުމާ ގުޅިގެން އެ މައްސަލައިގެ ތަހުގީގު ނިމެންދެން އޭނާއަށް ފުރުން މަނާކޮށް ޕާސްޕޯޓް އޮތީ ހިފަހައްޓައިފައެވެ. އެ މައްސަލަތަކުގައި އޭނާއަށް ވަނީ ދައުވާވެސް ކޮށްފައެވެ.
ނަމަވެސް މި މައްސަލައާ ގުޅިގެން މިދިޔަ އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމެއްގައި އޭނާގެ ސިއްހީ ހަލަތު ބަޔާންކޮށް ސިއްހީ ފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދައަށް އެދުމުން ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ޕާސްޕޯޓް ދޫކޮށްލުމަށް އަމުރުކޮށްފައެވެ.
ކްރިމިނަލް ކޯޓުން ބުނެފައިވަނީ އޭނާގެ ޕާސްޕޯޓް ދޫކޮށްލީ ޖާމިނުވާނެ (ޒިންމާ އުފުލާނެ) ފަރާތެއް ހުށަހެޅުމުން ކަމަށެވެ. ޒިންމާވާނެ ފަރާތެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި އަސްހަދު އަލީ (އަޑުބަރޭ)އެވެ.
އަލީ ވަހީދުގެ ޕާސްޕޯޓު ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު އެ ކޯޓުން ފަހުން ބާތިލުކުރުމާއެކު އަލީ ވަހީދު ވަނީ އިނގިރޭސިވިލާތުގެ ލަންޑަނަށް ފުރާވަޑައިގެންފައެވެ.
ޕީޖީ ޝަމީމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަޑުއެހުން ބާއްވައި އަމުރު އިއުލާނުކުރީ މިމަހުގެ ނުވަވަނަ ދުވަހު ކަމަށާއި އަމުރު ޕީޖީ އޮފީހަށް ލިބިފައިވަނީ 11 ވަަނަ ދުވަހު ކަަމަށެވެ. އަމުރުގައި ތާރީހެއް ކަމަށް އޮތީ 10 ފެބްރުއަރީ ކަމަށާއި އަލީ ވަހީދު ފުރައިގެން ދިޔަ ކަމަށް ވަނީ އަމުރުގައި އޮތް ތާރީހުގެ ކުރިން ފެބްރުއަރީ ނުވަވަނަ ދުވަހު ކަމަށެވެ. އަދި ޖާމިނު ލިޔުމުގައި އޮތީ ނުވައެއް ފެބްރުއަރީގައި އަމުރު ނެރުނު ކަމަށް އޭނާ ވިދާޅުވިއެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ވަނީ ކްރިމިނަލް ކޯޓުގެ އެ އަމުރު ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.
އެ މައްސަލައިގައި ޕީޖީ އޮފީހުން މީގެ ކުރިން ބުނީ ކްރިމިނަލް ކޯޓުން ޕާސްޕޯޓު ދޫކުރަން ނިންމީ ރަނގަޅަށް ކަމަށް ނުދެކޭ ކަމަށެވެ. އަދި ކޯޓު އަމުރުގައި އޮތް ހަތަރު މަސް ދުވަހުގެ ތެރޭގައި އަލީ ވަހީދު އެނބުރި އައިސްފައިނުވާނަމަ، އޭނާގެ މައްޗަށާއި އޭނާ ޖާމިނުކޮށްފައިވާ މީހާގެ މައްޗަށް ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅުމުގެ މަސައްކަތް އެކަމަށް ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން އެ އޮފީހުން ކުރަމުން ގެންދާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު