އައްޑޫ ކައިރިން ދަތުރު ކުރަމުން ދިޔަ ކާގޯ ބޯޓުގެ ތެރެއަށް ވެއްޓުނު ފަޅުވެރިޔާ އައްޑޫ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް އިކުއެޓޯރިއަލް ހޮސްޕިޓަލުން ބުނެފި އެވެ.
އެމްއެންޑީއެފުން ބުނީ އައްޑޫގެ އިރު ދެކުނުން 165 ނޯޓިކަލް މޭލު ބޭރުން ދަތުރުކުރަމުން ދިޔަ "އެމްވީ ޑާރބީ" ނަމަކަށް ކިޔާ ކާގޯ ބޯޓެއްގެ ތެރެއަށް އެ ބޯޓުގެ ބިދޭސީ ފަޅުވެރިޔަކު ވެއްޓި އަވަސް ފަރުވާ އަށް ބޭނުންވެގެން ސިފައިންގެ އެހީތެރިކަމަށް އިއްޔެ މެންދުރު 12:26ގައި އެދުނު ކަމަށެވެ. އަދި އެ ވަގުތުން ފެށިގެން ކަމާގުޅޭ އިދާރާތަކުން ނަގަން ޖެހޭ ހުއްދަޔާއެކު އެ ބޯޓު އައްޑުއާ ދިމާއަށް ކައިރިކޮށް އަނިޔާވި މީހާ ކަނޑުމަތިން ކޯސްޓްގާޑަށް ނަގައި އައްޑޫ ހޮސްޕިޓަލަށް ރޭ ގެންގޮސްފައިވާ ކަމަށެވެ.
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ މީޑިއާ އޮފިސަރު ޝާފީ މުހައްމަދު "ވަން" އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ ރޭ ދަންވަރުގެ ވަގުތެއްގައި އެ ހޮސްޕިޓަލަށް މަރުވެފައިވާ މީހެއްގެ ހަށިގަނޑު ގެންނަ ކަމަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އަދި ރޭ ދަންވަރުގެ ވަގުތެއްގައި އެ ހަށިގަނޑު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި މިހާރު މަރު ކަށަވަރުކޮށް މޯޗަރީއަށް ހަށިގަނޑުލާފައިވާ ކަމަށް ވިދާޅުވި އެވެ.
ޝާފީ ވިދާޅުވީ އެ މީހާ މަރުވެފައިވަނީ ވެއްޓުމުން ބޮލަށް ލިބުނު އަނިޔާގެ ސަބަބުން ކަމަށް ބެލެވޭ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު