އިންޑިއާގެ ޓާޓާ ގުރޫޕާއި ސިންގަޕޫރު އެއާލައިންސްގެ ޖޮއިންޓް ވެންޗާ އެއާލައިނެއް ކަމަށްވާ، ވިސްތާރާ އިން މާލެ އާއި މުމްބާއީއާ ދެމެދު ހާއްސަ ދަތުރުތަކެއް ފަށަން ނިންމައިފި އެވެ.

ވިސްތާރާ އެއާލައިނުން ބުނީ، އަންނަ މާޗު މަހުގެ ތިން ވަނަ ދުވަހު ފަށާ އެ ދަތުރުތައް ހަފުތާއަކު ތިން ދުވަހު ކުރާނެ ކަމަށެވެ. އެއީ ބުދަ، ހޮނިހިރު އަދި އާދީއްތަ ދުވަހު އެވެ. އެ ދަތުރުތަކުގައި ބޭނުން ކުރާނީ އެއާބަސް އޭ320 މަރުކާގެ މަތިންދާ ބޯޓެއް ކަމަށް ވެސް ބުންޏެވެ.

މިއީ ޕްރިމިއަމް އިކޮނޮމީ ކުލާސް އަދި ބިޒްނަސް ކުލާސް ސީޓް ހިމެނޭ އެއާލައިނަކުން މުމްބާއީ އާއި މާލެ އާ ދެމެދު ދަތުރުތައް ފަށާ ފުރަތަމަ ފަހަރެވެ. މުމްބާއީ އާއި މާލެއާ ދެމެދު އިންޑިގޯ އަދި ގޯއެއާ އިން ދަތުރުތައް ކުރަމުން އައި ނަމަވެސް، އެ ދެ އެއާލައިނުން ލިބެނީ އިކޮނޮމީ ކުލާސް ހިދުމަތް އެކަންޏެވެ.

މި ދަތުރުތަކުގެ އަގު އުޅެނީ ދެކޮޅު ޓިކެޓް 227 ޑޮލަރަށެވެ. ޓިކެޓް ބުކްކުރުމުގެ ފުރުސަތު އެއާލައިންގެ ވެބްސައިޓުންނާއި އޮންލައިން ޓެރެވެލް އެޖެންސީތައް މެދުވެރިކޮށް މިހާރު ވަނީ ހުޅުވާލައިފަ އެވެ.

އިންޑިއާގެ ވިސްތާރާގެ ދަތުރުތައް ރާއްޖެއަށް ފަށާއިރު، އެގައުމުގެ އެއާ އިންޑިއާ، އިންޑިގޯ، ގޯ އެއާ އަދި ސްޕައިސްޖެޓުން އަންނަނީ ރާއްޖެއަށް ދަތުރުތައް ބާއްވަމުންނެވެ.