ގުޅިފަޅުން ބައެއް ހިއްކަން 2011 ވަނަ އަހަރު ހަވާލުކުރި، ގްލޯބަލް ޕްރޮޖެކްޓްސް ޑިވެލޮޕްމަންޓް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ޖީޕީޑީ) އިން އެއްބަސްވުމުގައިވާ މުއްދަތަށްވުރެ ފަހުން އެ މަސައްކަތް ނިންމާފައިވާތީ، ލިކުއިޑޭޓެޑް ޑެމެޖާސްގެ ގޮތުގައި 2،476،252.48 މިލިއަން ރުފިޔާ އެމްޑަބްލިޔުއެސްސީއަށް ދެއްކުމަށް ހައިކޯޓުން ވެސް ހުކުމްކޮށްފިއެވެ.

އެ މައްސަލައަކީ އެމްޑަބްލިޔުއެސްސީ އާއި ޖީޕީޑީ އާއެކު 9 އޮކްޓޫބަރު 2011 ގައި ވެފައިވާ އެއްބައްވުމެއްގެ ދަށުން ކ. ގުޅިފަޅުން 6.25 ހެކްޓަރުގެ ބި،ެއް ހިއްކުމަށާއި، ތޮށި ލުމަށް ހަވާލު ކުރި މުއްދަތަށްވުރެ ލަހުން އެ މަސައްކަތް ނިންމުމުން ގެއްލުމުގެ ބަދަލު ހޯދުމަށް ހުށަހަޅާފައިވާ މައްސަލައެކެވެ.

މި އެއްބަސްވުމުގައި މަސައްކަތް ނިންމަން ޖެހޭނެކަމަށް ފުރަތަމަ ކަނޑަައަޅާފައިވާ ތާރީހަކީ 31 ޖުލައި 2012 އެވެ. ނަމަވެސް ފަހުން އެއްބަސްވުމަށް ބަދަލު ގެނެސް، 31 މާޗް 2013 އަށް މަސައްކަތް ނިންމަން ޖެހޭ ތާރީހު ބަދަލުކުރިއެވެ.

ނަމަވެސް އެ މަސައްކަތް ނިންމައި ޖީޕީޑީން އެތަން ހަވާލުކޮށްފައިވަނީ، 24 ސެޕްޓެމްބަރު 2013 ގައެވެ.

އެހެންކަމުން ބަދަލުުގެ ގޮތުގައި، 3،105،941.61 މިލިއަން ޑޮލަރު ދެއްކުމަށް އެމްޑަބްލިޔުއެސްސީން ޖީޕީޑީ އަށް އެންގިއެވެ. ނަމަވެސް އެފަރާތުން ފައިސާ ނުދެއްކުމުން އެ ފައިސާ ހޯދަން އެމްޑަބްލިޔުއެސްސީން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ.

ސިވިލް ކޯޓުން 2016 ވަނަ އަހަރު އެ މައްސަލަ ނިންމައި ޖީޕީޑީގެ މައްޗަށް ހުކުމްކޮށްފައިވަނީ، ރިޓެންޝަން ފައިސާގެ ގޮތުގައި ދައްކަންޖެހޭ 629،689.13 ޑޮލަރު އެމްޑަބްލިޔުއެސްސީން ޖީޕީޑީއަށް ދައްކާފައި ނުވާތީ، ގެއްލުމުގެ ބަދަލުގެ ގޮތުގައި އެމްޑަބްލިޔުއެސްސީން ނަގައިދިނުމަށް އެދުނު 3،105،941.61 މިލިއަން ޑޮލަރުގެ ތެރެއިން އެބްޑަބްލިއުއެސްސީން ޖީޕީޑީއަށް ދައްކަންޖެހޭ އަދަދު އުނިކުރުމަށްފަހު، ޑެމޭޖުގެ ގޮތުގައި އެމްޑަބްލިޔުއެސްސީއަށް ހައްގުވާ 2،476،252.48 ޑޮލަރު ދެއްކުމަށެވެ.

ސިވިލް ކޯޓުގެ އެ ހުކުމް ބާތިލުކުރުމަށް ޖީޕީޑީން ހައިކޯޓަށް ހުށަހެޅުމުން، އެ ކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ، އެ މައްސަލައިގައި ސިވިލް ކޯޓުން ކޮށްފައިވާ ހުކުމަށް ބަދަލު ގެންނަންޖެހޭ ޝަރުއީ ނުވަތަ ގާނޫނީ ހަމައެއް ނެތްކަމަށް ކަނޑައަޅައި މި މައްސަލަ ބެއްލެވި ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކުރާ ކަމަށެވެ.