ކޮވިޑް 19އާ ދެކޮޅަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން، މާލެ ސަރަހައްދުގެ ކުޅިވަރު ހުއްޓާލުމަށް އަންގާފައިވާ އެންގުން ބަދަލުކުރެވޭނެހެން ހީނުވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ޓީމުން ބުނެފިއެވެ.
ކުޅިވަރުތައް ހުއްޓާލަން އެންގުމާއެކު ރާއްޖޭގެ ފުރަތަމަ ޑިވިޝަން، ދިރާގު ދިވެހި ޕްރިމިއާ ލީގުވެސް ހުއްޓާލަން ޖެހިފައިވާ އިރު، އެ ލީގު ހުއްޓާލުމުގެ ސަބަބުން ކްލަބުތަކާއި ކުޅުންތެރިން އަދި ކޯޗުންނަށް ކުރިމަތިވާ ކަންބޮޑުވުންތައް ކްލަބުތަކުން ވަނީ ހިއްސާކޮށްފައެވެ. ސީނިއާ ކުޅުންތެރިންނާއި ކްލަބުތަކުގެ ކޯޗުންވެސް ބުނެފައިވަނީ ލީގު މިދިޔަ އަހަރު ފަހުކޮޅު އަލުން ފެށީ ހާއްސަ ގައިޑްލައިނެއްގެ ތެރެއިން ކަމަށާއި، ކްލަބުތަކުން ގައިޑްލައިނަށް ފުރިހަމައަށް އަމަލުކުރަމުން ދަނިކޮށް، ލީގު ކުއްލިއަކަށް މެދުކަނޑާލުން ވެގެން ދިޔައީ ވަރަށް ބޮޑު ގެއްލުމަކަށް ކަމަށެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓެގްގެ ވެރިޔާ ޑރ. އަލީ ލަތީފް ވިދާޅުވީ މިހާރު އެންމެ އިސް މަސައްކަތެއްގެ ގޮތުގައި ކުރަނީ ބަލި ކޮންޓްރޯލް ކުރުމުގެ ކަންތައްތައް ކަމަށާއި ލުޔެއް ދެވޭނީ ޒަރޫރީ ކަންތައްތަކަށް އެކަނި ކަމަށެވެ.
"ތި ވިދާޅުވާހެން ގައުމީ މުބާރާތްތަކާ އެއްޗެއްސަށް އަޅުގަނޑުމެން ބަލާނަން، ކިހާވަރަކަށް އެކަން ކުރެވޭތޯ (ހުއްދަ ދެވޭތޯ). އެކަމަކު މިހާރު އެއްގޮތަކަށް ވެސް ދަންނަވާކަށް ނޭނގެ އެ ބޭފުޅުންނަށް ހުއްދަ ދެވޭނެ ކަމެއް. އަދި ދަންނަވާކަށް ނޭނގެ އެކަން (ހުއްދަ ދިނުން) ދާނެ ގޮތެއް. ޓެކްނިކަލް ޓީމާ މަޝްވަރާކޮށްފައި ގޮތެއް ނިންމާނީ. އެކަމަކު މިހާރު ކޭސްތައް ދާ ގޮތުން ހިއެއްނުވޭ ސްޕޯޓްސް އެކްޓިވިޓީސްތަކަށް ލުޔެއް ދެވޭނެ ހެނެއް،" ޑރ. އަލީ ލަތީފް ވިދާޅުވިއެވެ.
މިދިޔަ ހަފްތާ ތެރޭގައި ކްލަބުތަކުން ބޭއްވި ޕްރެސްގައި ބުނެފައި ވަނީ ފުޓުބޯޅައަކީ އެތައް ބައެއްގެ ދިރިއުޅުމާ ގުޅިފައިވާ ރާއްޖޭގެ އެންމެ ބޮޑު އިންޑަސްޓްރީ ކަމަށެވެ. އެޗްޕީއޭގެ ގައިޑްލައިނަށް ކްލަބުތަކުން ފުރިހަމައަށް އަމަލުކުރަމުން ދަނިކޮށް، ކުއްލިއަކަށް ލީގު ހުއްޓާލުމުން ކްލަބުތައް ބަނގުރޫޓްވުމާ ދިމާލަށް މިސްރާބު ޖަހާފައިވާ ކަމަށްވެސް ކްލަބުތަކުގެ މެނޭޖުމަންޓުން ބުނެފައިވެއެވެ. ވެކްސިން ޖަހައިގެން ނަމަވެސް ލީގުގެ ކުޅުން އަލުން ފެށުމަށް މަގުފަހިކޮށްދިނުމަށް ކްލަބުތަކުން ސަރުކާރާއި އެޗްޕީއޭގައި އެދިފައިވާ އިރު، ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް ވަނީ ކްލަބުތަކާއެކު ހުރިކަން ހާމަކުރައްވައިފައެވެ.
މަހުލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކްލަބްތަކުން ކަންބޮޑުވާ ފަދައިން އޭނާ ވެސް ކަންބޮޑުވާ ކަމަށެވެ.
"މިކަމަށް ހައްލެއް ހޯދައިދޭން މިނިސްޓްރީން ކުރަންޖެހޭ މަސައްކަތް މިދަނީ ކުރަމުން. ލީގު ހުއްޓިފައި އޮތުމަކީ އެކި ގޮތްގޮތުން ބޮޑެތި ގެއްލުންތަކެއް. ކްލަބްތަކަށް އަދި ކުޅުންތެރިންނަށް ލިބޭ ކަމެއް،" މިނިސްޓަރު ކުރެއްވި ޓުވީޓުގައިވެއެވެ.
ކޮވިޑް 19ގެ ތިންވަނަ ރާޅަކާއެކު ރާއްޖޭގެ ކޭސްތައް އިތުރުވެ، ނުރައްކާ ހާލަތަކަށް ގޮސްފައިވާ ކަމަށް އެޗްޕީއޭއިން އިއުލާން ކޮށްފައިވާ އިރު، މިހާރުވެސް މާލެ ސަރަހައްދުގައި ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅައިފައެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)