“މަގޭ ފްލެޓު ކޮބާ؟”ގެ ނަމުގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުން އިއްޔެ މާލޭގައި ކުރިއަށްގެންދިޔަ މުޒާހަރާގައި ހިންގި ކަންތައްތަކަށް، އެ މުޒާހަރާ އިންތިޒާމު ކުރި ފަރާތްތަކުން ޖަވާބުދާރީ ވާން ޖެހޭނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދަޅުވެއްޖެއެވެ.
އިއްގެ މުޒާހަރާގައި ގިނަ މީހުންތަކެއް ބޮނޑިވެގެން ފުލުހުންގެ ސަފު ފަޅާލާފައިދާ މަންޒަރު ދައްކުވައިދޭ ވީޑިއޯއަކާއެކު، ކުރެއްވި ޓުވީޓެއްގައި ޝަރީފް ވިދާޅުވީ، ސިޔާސީ ޕާޓީތަކުންވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިއުލާން ކޮށްފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަމަލު ކުރަންޖެހޭނެ ކަމަށެވެ. އަދި އެ ވީޑިއޯ ކުލިޕުން ފެންނަ މަންޒަރުތަކަށް މިކަން އިންތިޒާމުކުރި ފަރާތްތަކުން ޖަވާބުދާރީވާންޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ސަޕޯޓަރުން އިއްޔެ ބޭއްވި މުޒާހަރާގައި ސަރުކާރުގެ ސިޔާސަތުތަކަށާއި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ފާޑުކިޔައި މާލޭގެ ބޮޑެތި މަގުތަކުގައި ވަނީ ހިނގައިފައެވެ.
އެ މުޒާހަރާ ހުއްޓުވުމަށް ފުލުހުން ވަނީ ބާރުގެ ބޭނުންކޮށްފައެވެ. އެގޮތުން ފުލުހުން ވަނީ ޕެޕާސްޕްރޭގެ ބޭނުންކޮށްފައެވެ. އަދި އެއްވުމުގެ ތެރެއިން އާންމުންނާއި ފުލުހުންގެ ކުރިމަތިލުމެއް ހިނގައި އާންމުންނާއި ފުލުހުންނަށްވެސް ވަނީ އަނިޔާވެފައެވެ.
އެޗްޕީއޭ އިން އިއްޔެ ވަނީ މާލެ ސަރަހައްދަށް އިތުރު ފިޔަވަޅުތަކެއް އަޅައިފައެވެ. އޭގެ ތެރޭގައި މިއަދުން ފެށިގެން މާލެ ސަރަހައްދުގައި އެއްފަހަރާ ދިހަ މީހުންނަށް ވުރެ ގިނަ މީހުން އެއްވެ އުޅުން މަނާކުރުން ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު